Roadha Mihaaru
ދާއިމީ ކޮމިޓީތައް އެކުލަވާލަން ދައުރު ދަންމަން އެދިއްޖެ

ދާއިމީ ކޮމިޓީތައް އެކުލަވާލައި ނިންމަން ދައުރު ދަންމާލަން އަސްލަމް އެދިވަޑައިގެންފި

22 ޖޫން 2023

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލައި ނިމެންދެން މަޖިލީހުގެ މި ހިނގާ ދައުރު ދަންމާލަން އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު އެދިވަޑައިގެންފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލައި ނިމެންދެން މަޖިލީހުގެ މި ހިނގާ ދައުރު ދަންމާލަން އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު އެދިވަޑައިގެންފި އެވެ.

މަޖިލީހުގެ ޖަލްސާތައް ނުބޭއްވި ދެ ދުވަސް އޮތުމަށް ފަހު، މަޖިލީހުގެ ރިޔާސަތާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަވާލުވެވަޑައިގެން މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް އެކަންޏެވެ.

އެކަމަކު އެކަމުގައި ވޯޓަށް އަހައި ގޮތެއް ނިންމުން އޮތީ އެހެން ޖަލްސާއެއްގައި ކަމަށް އެޖެންޑާގައި ކަނޑައަޅާފައިވާއިރު، އެކަން ނަޝީދު ވެސް މިއަދު ވަނީ އިއުލާނުކުރައްވައިފަ އެވެ.

އެ މައްސަލައިގެ ބަހުސްގައި އަސްލަމް ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި އެޖެންޑާކޮށް ބަހުސްކުރެވޭ ކަމެއް ވޯޓަށް އަހައި ނިންމަންޖެހޭ ކަމަށް މަޖިލީހުގެ ގަވާއިދުގައި ސާފުކޮށް ބަޔާންކުރާ ކަމަށެވެ. އަދި މިއަދުގެ ޖަލްސާއަކީ މި ދައުރުގެ ފަހު ޖަލްސާ ކަމަށް ނަޝީދު އިއުލާނުކުރައްވާފައި ވާއިރު، މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުން އަންނަ އޯގަސްޓު މަހުގެ 16 ވަނަ ދުވަހު ފެށޭ އަނެއް ދައުރަށް ފަސްވެގެން ދިއުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ހުށަހަޅަނީ އިތުރު ޖަލްސާއެއް ބާއްވައިގެން ނަމަވެސް އެޖެންޑާގައި ހުރި މުހިންމު މަސައްކަތްތަކުގައި ގޮތެއް ނިމެންދެން ދައުރު އިތުރުކުރަން،" މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިދާޅުވި އެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތަކަކީ މަޖިލިސް ޗުއްޓީގައި އޮންނަ ދުވަސްތަކުގައި ވެސް މުހިންމު މަސައްކަތްތަކެއް ކުރާ ކޮމިޓީތަކެއްކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވި ގޮތުގައި، މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ކޮމިޓީތައް އެކުލަވާލައި ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލަންޖެހުނީ އެމްޑީޕީގައި ތިއްބެވި 13 މެމްބަރުން އެ ޕާޓީން ވަކިވެވަޑައިގެންނެވުމާ ގުޅިގެންނެވެ. އަދި އިއްޔެ ނަޝީދުގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ޗެކްމާކް ރަޝީދު) ވެސް ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ.

ނަޝީދު އިސްކުރެއްވީ "ރައްޔިތުންގެ މަސްލަހަތު"

މަޖިލީހުގެ 54 މެންބަރުންގެ ސޮޔާ އެކު ނަޝީދުގެ އިތުބާރު ނެތް މައްސަލައެއް ހުށަހަޅާފައި ވަނީ މި މަހު 7 ގަ އެވެ. އޭގެ ފަހުން ބޭއްވި އެއްވެސް ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުމަށް ނަޝީދު ވަނީ އުޒުރުވެރިވެވަޑައިގެންފަ އެވެ.

ނަމަވެސް މިއަދު ޖަލްސާއެއް އެޖެންޑާކުރެއްވުމަށް ފަހު ނަޝީދު ވަނީ ރިޔާސަތާ ހަވާލުވެވަޑައިގެންފަ އެވެ.

އެމަނިކުފާނު އަލުން ރިޔާސަތާ ހަވާލުވެވަޑައިގަތް ސަބަބު ބަޔާން ކުރައްވަމުން ވިދާޅުވީ މަޖިލިސް ހުއްޓިފައި އޮތުމުން ރައްޔިތުން ކަންބޮޑުވާ ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް ރިޔާސަތު ބަލަހައްޓަވަމުން އައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރެއްވި ނަމަވެސް ހައްލެއް ނުލިބުނު ކަމަށެވެ.

"އަޅުގަނޑުގެ އުޒުރުތަކަށް ވުރެ މާ މަތީ މަސްލަހަތެއް ހިފަހައްޓަން ޖެހޭ އެއީ ރައްޔިތުންގެ މަސްލަހަތު މުޅި ރާއްޖޭގެ މަސްލަހަތު. މަޖިލިސް ހުއްޓިފައި އޮތުމަކީ ރައްޔިތުންގެ މަސްލަހު ހިފެހެއްޓޭނެ ގޮތެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.