16 ޖޫން 2023
މުދާ މިލްކު ކުރުމަކީ ކޮންމެ އިންސާނަކަށް ވެސް ލިބިގެންވާ އަސާސީ ހައްގެކެވެ. އިސްލާމްދީނުގައި އިންސާނާއަށް ދިރިހުރުމާއި މިނިވަންކަމާއި އިލްމު އުނގެނުން ފަދަ ހައްގުތައް ކަށަވަރު ކޮށްދޭ ފަދައިން މުދާ މިލްކު ކުރުމުގެ ހައްގު ވެސް އިންސާނާ އަށް ދެނީ އޭނާ ދިރިއުޅުމުގެ ކަންކަން އަބުރުވެރި ގޮތެއްގައި ފުއްދުމަށެވެ. ހާލުގައި ޖެހޭ މަދު ފަހަރަކު މީހެއްގެ ގާތަށް ގޮސް އެއްޗެއް ހޯދި ނަމަވެސް އެއީ ދިރިއުޅުމުގެ އާދަ ކަމުގައި ނުހެދުމަށެވެ.
މުދާ މިލްކު ކުރުމަކީ ކޮންމެ އިންސާނަކަށް ވެސް ލިބިގެންވާ އަސާސީ ހައްގެކެވެ. އިސްލާމްދީނުގައި އިންސާނާއަށް ދިރިހުރުމާއި މިނިވަންކަމާއި އިލްމު އުނގެނުން ފަދަ ހައްގުތައް ކަށަވަރު ކޮށްދޭ ފަދައިން މުދާ މިލްކު ކުރުމުގެ ހައްގު ވެސް އިންސާނާ އަށް ދެނީ އޭނާ ދިރިއުޅުމުގެ ކަންކަން އަބުރުވެރި ގޮތެއްގައި ފުއްދުމަށެވެ. ހާލުގައި ޖެހޭ މަދު ފަހަރަކު މީހެއްގެ ގާތަށް ގޮސް އެއްޗެއް ހޯދި ނަމަވެސް އެއީ ދިރިއުޅުމުގެ އާދަ ކަމުގައި ނުހެދުމަށެވެ.
މިކަމަށްޓަކައި އިންސާނާ އަށް މުދާ މިލްކު ކުރުން ހުއްދަވާ ގޮތްތަކާއި ހުއްދަ ނޫން ގޮތްގޮތާއި ހުއްދަ ގޮތުގައި މުދާ ހޯދާއިރު ތަބާވާން ޖެހޭ ކަންކަމުގެ ތަފާތު ހުކުމްތައް އިސްލާމީ ޝަރީއަތުގައި ވެ އެވެ. މި ހުކުމްތައް ބިނާވެފައި ވަނީ އިސްލާމްދީން ގަބޫލުކުރާ ވަކި ހަމަތަކަކާއި އުސޫލުތަކެއްގެ މައްޗަށެވެ. ﷲ ދެއްވާ މުދާ ހެޔޮ ކަންކަމަށް ހޭދަކޮށް މުޖުތަމައުން ފަގީރުކަން ނައްތާލުމަކީ އޭގެ ތެރެއިން ހިމެނޭ ކަންކަމެވެ.
މުދާ މިލްކު ކުރުމުގައި އެންމެ ފުރަތަމަ ކޮންމެ މީހަކު ވެސް ގަބޫލު ކުރަން ޖެހޭނެ ހަގީގަތަކީ، ކައުނުގައިވާ ހުރިހާ އެއްޗެއްގެ ހަގީގީ މިލްކު ވެރިއަކީ މާތްﷲ ކަން ދެނެގަތުމެވެ. ސޫރަތުއްޝޫރާގެ 49 ވަނަ އާޔަތާއި ބަގަރާ ސޫރަތުގެ 284 ވަނަ އާޔަތުގައި ވަރަށް ސާފުކޮށް ބަޔާން ކުރައްވާފައި ވަނީ އުޑުތަކާއި ބިމުގައިވާ ހުރިހާ އެއްޗެއްގެ މިލްކުވެރިއަކީ މާތްﷲ ކަމުގަ އެވެ. އެހެންކަމުން އެއްވެސް އިންސާނަކަށް އެއްވެސް ކަހަލަ މުދަލެއް ލިބުމުން ފަހުރުވެރިވެ ބޮޑާވެ، މިއީ ތިމާގެ އަމިއްލަ މޮޅު ކަމާއި ހުނަރުން ތިމާ ހޯދާފައިވާ ތިމާގެ އަމިއްލަ މިލްކިއްޔަތު އެކަނި އޮތް އެއްޗެއް ކަމަށް ބެލުމުގެ ފުރުސަތެއް ނެތެވެ. ތިމާ އަށް ހަމައެކަނި އޮތް ފުރުސަތަކީ ﷲގެ ދީލަތިވަންތަކަމުން ތިމާއަށް ދެއްވި މުދަލުން ބޭނުން ކުރުމުގެ މިލްކިއްޔާތެވެ. މި މިލްކިއްޔަތުގައި ވެސް ތިމާ އަށް ލިބިގެންވާ މިނިވަންކަމަކީ މުދަލުގެ ހަގީގީ ވެރިފަރާތް ކަމުގައިވާ މާތްﷲ އަންގަވާފައިވާ ގޮތަށް ތިމާ އޭގެ ބޭނުން ކުރުމުގެ މިނިވަންކަން އެކަންޏެވެ.
މުދާ މިލްކު ކުރުމުގައި ދެވަނަ އަށް ގަބޫލުކުރަންޖެހޭ ކަމަކީ ކައުނުގައިވާ ހުރިހާ އެއްޗެއްސަކީ އިންސާނުންނަށްޓަކައި މާތްﷲ ކިޔަމަންތެރި ކޮށްދެއްވާފައިވާ ތަކެތިކަން ދެނެގަތުމެވެ. އިބްރާހީމް ސޫރަތުގެ 32 ވަނަ އާޔަތުގައި މާތްﷲ ބަޔާން ކުރައްވާފައި ވަނީ އެކަލާނގެ އިޒުނަފުޅާ އެކު ކަނޑުގައި ދަތުރު ކުރުމަށް އިންސާނުންނަށްޓަކައި ނައުފަހަރު ކިޔަމަންތެރި ކޮށްދެއްވި ކަމަށެވެ. އިންސާނުންނަށްޓަކައި ކޯރުތައް ކިޔަމަންތެރި ކޮށްދެއްވި ކަމަށެވެ. ޖެހިގެން އޮތް އާޔަތުގައި ބަޔާން ކުރައްވަނީ ކެނޑިނޭޅި އިރާއި ހަނދު ދައުރުވަމުން ދިއުމާއި ރޭގަނޑާއި ދުވާލު ބަދަލުވަމުން ދިއުން އިންސާނުންނަށްޓަކައި ލެއްވި ކަމަށެވެ. ހައްޖު ސޫރަތުގެ 65 ވަނަ އާޔަތުގައި ވަނީ ބިމުގައިވާހާ ތަކެތި ކިޔަމަންތެރި ކޮށްދެއްވި ކަމަށެވެ. އަދި ޖާޘިޔަތު ސޫރަތުގެ 13 ވަނަ އާޔަތުގައި ވަނީ އުޑުތަކުގައި ވާހާ ތަކެތި ކިޔަމަންތެރި ކޮށްދެއްވި ކަމަށެވެ.
މި ގޮތަށް ކައުނުގައިވާހާ ތަކެތި އިންސާނުންނަށް ކިޔަމަންތެރި ކޮށްދެއްވުމުން ވަރަށް މުހިންމު ދެ ކަމެއް އެ އިން ހާމަވެ އެވެ. އެއް ކަމަކީ އިންސާނާ އޭނާގެ އިލްމާއި ހުނަރު ބޭނުންކޮށްގެން މަސައްކަތް ކޮށްފި ނަމަ އެކަލާނގެ އިންސާނުންނަށްޓަކައި ކިޔަމަންތެރި ކޮށްދެއްވާފައި އެވާ ތަކެތިން މަންފާ ލިބި ގަނެވޭނެ ކަމެވެ. ވީމާ އެ މަންފާ ލިބިގަތުމަށް މަސައްކަތް ކުރަން ޖެހޭނެ އެވެ.
މުދާ މިލްކު ކުރުމުގައި އޮންނަ އިސްލާމީ ވަރަށް މުހިންމު އެއް އުސޫލަކީ މުއްސަނދިކަމަކީ ދުޅަހެޔޮކަމެއް ކަމަށް ހަދައި މުޖުތަމައުން ފަގީރުކަން ނައްތާލަން މަސައްކަތް ކުރުމެވެ. މިއީ ތިމަންނާ އަށް މާތްﷲ މިންވަރު ކުރެއްވި ގޮތޭ ކިޔައި ފަގީރުކަން މަތީ ހުންނަން އެއްވެސް މީހަކު މަސައްކަތް ކޮށްގެން ނުވާނެ އެވެ.
ދެވަނަ ކަމަކީ މި ގޮތަށް މަންފާ ލިބިގަތުމަށް މަސައްކަތް ކުރަން ކޮންމެ މީހަކަށް ވެސް ފުރުސަތު ލިބިގެންވާ ކަމެވެ. ވަކި ބަޔަކު ތަފާތު ކުރުމަކާ ނުލައި، މަސައްކަތް ކޮށްގެން ކޮންމެ މީހަކަށް ވެސް މަންފާ ލިބިގަންނަން ފުރުސަތު އޮތް ކަމެވެ. މުދާ މިލްކު ކުރުމުގައި އޮންނަ އިސްލާމީ ހަމަތަކަށް ނުވަތަ އުސޫލުތަކަށް ބަލާއިރު މުދަލަކީ ހެޔޮ ކަންކަމަށް ބޭނުންކުރާ ވަސީލަތެއް ކަމުގައި ހަދަން ޖެހެ އެވެ. އެބަހީ މުދަލަކީ އޭގެ ޒާތުގައި އަމާޒަކަށް ހެދުމުގެ ބަދަލުގައި އެއީ ބޭނުންތައް ފުއްދައި މަންފާތައް ބަދަލު ކުރުމަށް ބޭނުންކުރާ ވަސީލަތެއް ކަމުގައި ހެދުމެވެ. މިގޮތުން ރަނގަޅު ކޮންމެ ކަމެއްގައި ވަސީލަތެއްގެ ގޮތުން މުދާ ބޭނުން ކުރާ ނަމަ އެ މުދަލަކީ ހެޔޮ މުދަލެއް ކަމުގައި ވާނެ އެވެ.
އެކަމަކު މުދަލަކީ އޭގެ ޒާތުގައި އަމާޒެއް ކަމަށް ބަލައި އެއީ ލައްޒަތެއް ކަމަށް ދެކެފި ނަމަ މުދަލުގެ ވެރިމީހާ އަށް އެ ވަދެވެނީ ހަލާކުގެ މަގަކަށެވެ. މީސްތަކުންނަށް އެ ހުޅުވާލެވެނީ ފަސާދައިގެ ދޮރުތަކެވެ. މި މަގުން ދިޔަ ނުދިނުމަށްޓަކައި ކީރިތި ގުރުއާނުގައި މުދާ އެއީ ހެޔޮ އެއްޗެއް ކަމުގައި ސިފަކުރައްވާފައި ވެ އެވެ. (އަލްބަގަރާ 180). މި ސިފަ މުދަލަށް ދެވޭނީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ހެޔޮގޮތުގައި އެމުދާ ހޯދާފައިވާ ނަމައެވެ. ހެޔޮ ގޮތުގައި އެ މުދަލުގެ ބޭނުން ކޮށްފައިވާ ނަމަ އެވެ.
ކީރިތި ރަސޫލާ ﷺ ބަޔާން ކުރައްވާ ގޮތުގައި އެންމެ ހެޔޮ މުދަލަކީ ރަނގަޅު ގޮތުގައި ހޯދާފައިވާ މުދަލެވެ. އެފަދަ މުދަލެއް ހުންނާނީ އެންމެ ހެޔޮ މީހެއްގެ އަތުގަ އެވެ. އެއީ އެންމެ ހެޔޮ ގޮތުގައި އެ މުދަލުގެ ބޭނުން ކުރެވޭނީ އެފަދަ މީހަކަށް ކަމަށް ވާތީ އެވެ. މިކަން މިހެން އޮތް ނަމަވެސް އިންސާނުންގެ ތެރެއިން ގިނަ މީހުން މުދަލާ މެދު ދެކެނީ އެއީ އޭގެ ޒާތުގައި ހާސިލު ކުރަންޖެހޭ މާއްދީ އެދުމެއްގެ ގޮތުގަ އެވެ.
އާލްއިމްރާން ސޫރަތުގެ 14 ވަނަ އާޔަތުގެ މާނައިގައި ވެ އެވެ. "އަންހެނުންނާއި ދަރިންނާއި ރަނާއި ރިހީގެ ތެރެއިން އެއްކުރެވިފައިވާ ގިނަ ބައިވަރުތަކާއި މޮޅު އަސްތަކާއި ގެރިބަކަރި ޖަމަލާއި ދަނޑުބިމާއި މި ތަކެއްޗަށް އެދުމުގެ ލޯބި މީސްތަކުންނަށްޓަކައި ޒީނަތްތެރި ކުރެއްވި އެވެ. އެއީ، ދުނިޔޭގެ ދިރިއުޅުމުގައި އުފާ ލިބިދޭ ތަކެއްޗެވެ. (އެކަމަކު) އެނބުރި ދާން އެންމެ ރިވެތި ވެގެންވާ ތަން ވަނީ ﷲ ގެ ހަޒުރަތުގަ އެވެ"
މި އާޔަތުން ދޭހަވާ ގޮތުގައި ގިނަ މީހުން މުދަލާ މެދު ބަލަނީ އެއީ އޭގެ ޒާތުގައި ހާސިލް ކުރަންޖެހޭ އެ އިން އުފާ ލިބިގަނެވޭ ކަމެއް ކަމަށެވެ. ނަމަވެސް މިއީ ނުރަނގަޅު ވިސްނުމެކެވެ. ސަބަބަކީ އިންސާނާ މަރުވާނެ އެވެ. މަރުވުމަށް ފަހު ދާން އޮތް ދެ ތަނުގެ ތެރެއިން އެންމެ ރަނގަޅު ތަނަށް ދެވެން އަންނަނީ މި މުދާ އެއީ އެ ތަނަށް ދާން ބޭނުންކުރާ ވަސީލަތެއް ކަމުގައި ހަދައިގެންނެވެ.
މުދާ މިލްކު ކުރުމުގައި އޮންނަ އިސްލާމީ ވަރަށް މުހިންމު އެއް އުސޫލަކީ މުއްސަނދިކަމަކީ ދުޅަހެޔޮކަމެއް ކަމަށް ހަދައި މުޖުތަމައުން ފަގީރުކަން ނައްތާލަން މަސައްކަތް ކުރުމެވެ. މިއީ ތިމަންނާ އަށް މާތްﷲ މިންވަރު ކުރެއްވި ގޮތޭ ކިޔައި ފަގީރުކަން މަތީ ހުންނަން އެއްވެސް މީހަކު މަސައްކަތް ކޮށްގެން ނުވާނެ އެވެ. އެހެނީ މާތްﷲ މި ބިމުގައި ލައްވާފައިވާ ހުރިހާ ހެޔޮ ކަމަކީ ވެސް ހަމަ ކޮންމެ މީހެއްގެ ވެސް އަތްފޯރާ ފަށަށް ގެނެވޭނެ ފުރުސަތު އޮތް ހެޔޮ ކަމެކެވެ. މާތްﷲ އަންގަވަނީ ބިމުގައި އުޅޭ ދިރޭ އެއްޗެހީގެ ތެރެއިން އެ އެއްޗަކަށް ﷲ ރިޒުގު ނުދެއްވާ އެއްވެސް އެއްޗެއް ނުވާނެ ކަމަށެވެ (ހޫދު 6). އިންސާނާއަށް ޖެހެނީ އެ ރިޒުގު ހޯދުމަށް މަސައްކަތް ކުރާށެވެ.
އެހެންވެ މާތްﷲ އަންގަވަނީ "އެކަލާނގެއީ އިންސާނުންނަށްޓަކައި ފަސޭހަ ތަނެއް ކަމުގައި ބިންގަނޑު ލެއްވި ރަސްކަލާނގެ އެވެ. ފަހެ، އެ ތާނގެ ކަންކޮޅުތަކުގައި ތިޔަބައިމީހުން ހިނގައި ދަތުރު ކުރާށެވެ! އަދި އެކަލާނގެ ދެއްވި ރިޒުގުން ކާށެވެ" (މުލްކު 15).
އެހެން ކަމުން އިންސާނާ މިގޮތަށް މަސައްކަތް ކުރާ ނަމަ ފަގީރު ވުމަށް އޮންނަ ފުރުސަތު ވަރަށް ކުޑަވާނެ އެވެ. މަސައްކަތް ކުރުމުގެ ކުޅަދާނަކަން ނުލިބުން ނުވަތަ މަސައްކަތުގެ ވަސީލަތްތައް ނެތުމުގެ ސަބަބުން ފަގީރުކަމާ ކުރިމަތިލާންޖެހޭ މަދު ހާލަތްތަކުގައި އެކަން ނައްތާލުމަށް އިސްލާމްދީނުގައި އޮންނަ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުން އެހީތެރިވެދޭނެ އެވެ. އެބަހީ ޒަކާތާއި ސަދަގާތާއި އެ ނޫން ވެސް ވަސީލަތްތަކުންނެވެ. މި ހާލަތް ފިޔަވައި ދެން މީހަކު ފަގީރު ވާނީ ކަންނެއް ކަމާއި ފަރުވާކުޑަ ކަމުގެ ސަބަބުންނެވެ. މިއީ އިސްލާމްދީން ގަބޫލު ކުރާނެ އުޒުރެއް ނޫނެވެ.
އެހެންވެ މި ބާވަތުގެ ފަގީރުކަމަށް އިސްލާމްދީން ނަފުރަތު ކުރެ އެވެ. ފަގީރުކަމުން ސަލާމަތް ކޮށްދެއްވުމަށް އެދި ކީރިތިރަސޫލާ ﷺ ދުއާފުޅު ކުރައްވަވަ އެވެ. (އަލްހާކިމް އަދި ބައިހަގީ). އަދި މުއްސަނދިކަން ދެއްވުމަށް އެދި ވެސް އެކަލޭގެފާނު ދުއާފުޅު ކުރައްވަވަ އެވެ (މުސްލިމް، ތިރުމިޒީ އަދި އިބްނު މާޖާ). ވީމާ ކަންނެއް ކަމާއި ފަރުވާކުޑަކުރުން ދޫކޮށްލައި، މާތްﷲ އަށް ދުއާކުރުމާއެކު، ފަގީރުކަމުން ދުރުހެލިވާން ގަދައަޅައި މަސައްކަތް ކުރަން ޖެހޭނެ އެވެ. ﷲ ދެއްވާ މުދަލުން ހެޔޮކަންކަމަށް ހޭދަކުރަން ޖެހޭނެ އެވެ.
މުސްލިމް މުޖުތަމައުގައި އިސްލާމްވަންތަ މަދަނީ ދައުލަތެއް
އާއިލާ ހިމާޔަތް ކުރުމަށް ދައުލަތުން ލިބޭ ބާރުތައް
އާއިލާ ހިމާޔަތް ކުރުމަށް މުޖުތަމައުން ލިބޭ ބާރުތައް
އާއިލާ ހިމާޔަތް ކުރުމަށް ދީނުން ލިބޭ ބާރުތައް-2
އާއިލާތައް ހިމާޔަތް ކުރުމަށް ދީނުން ލިބޭ ބާރުތައް-1
އާއިލާ ހިމާޔަތް ކުރުމުގައި މުޖުތަމައުގެ މަސްއޫލިއްޔަތު
ކައިވެންޏަށް ހިތްވަރު ދިނުމަށް ކުރެވިދާނެ ކަންކަން
އާއިލާގެ މަގުސަދު: އަބުރުވެރިކަމާއި ދީންވެރިކަން
ނަސްލު ރައްކާތެރިކުރުމާއި އާއިލީ ލޯބި އިތުރުކުރުން
ކައިވެނި ހަރާމްވާ ބަޔަކު ތިބުމުގެ ހިކުމަތް