Roadha Mihaaru
ޔާމީން "ފަރުވާ" ހޯއްދަވައި ދެއްވާނެ: އާދަމް ޝަރީފް

ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތުގައި އެ މަނިކުފާނު "ފަރުވާ" ހޯއްދަވައި ދެއްވާނެ: އާދަމް ޝަރީފް

11 ޖޫން 2023

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން މި އަހަރުގެ އިންތިހާބަށް ކުރިމަތި ނުލެވޭ ހާލަތުގައި އެ މަނިކުފާނު އޭގެ "ފަރުވާ" ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޕީޕީއެމާ އެކު ގުޅިގެން މަސައްކަތް ކުރާ ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން މި އަހަރުގެ އިންތިހާބަށް ކުރިމަތި ނުލެވޭ ހާލަތުގައި އެ މަނިކުފާނު އޭގެ "ފަރުވާ" ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޕީޕީއެމާ އެކު ގުޅިގެން މަސައްކަތް ކުރާ ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

"ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވެފައި އޮންނާނެ މި ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓަކު ހުންނާނެއޭ. އެހެންވީމާ އެ މަނިކުފާނަށް އިންތިހާބަށް ކުރިމަތި ނުލެއްވޭ ހާލަތުގައި އޭގެ ފަރުވާ ހޯއްދަވައި ދެއްވާނެކަން ޔަގީން. އެ ހިސާބުން ބޮޑު މަންޒަރު ފެންނާނެ،" ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފް ރޭ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުން ޔާމީނަށް ފުރުސަތު ގެއްލުނީ ވ. އާރަށް މައްސަލާގައި ކޮށްފައިވާ ޖަލު ހުކުމާ ގުޅިގެންނެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައި ޔާމީން 11 އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް އައީ އާރަށް މައްސަލާގައި މަނީލޯންޑަރިންގެ ކުށް ސާބިތުވުމުންނެވެ.

ހައި ކޯޓުގައި އެ މައްސަލައިގެ އިސްތިއުނާފު މިދިޔަ ހަފުތާގައި ފަށާފައި ވިޔަސް ރިޔާސީ އިންތިހާބަށް ކުރިމަތިލާން އަންނަ މަހުގެ 23 ގައި އިއުލާން ކުރަން ވާއިރަށް ނިމޭނެ ކަމެއް ކަށަވަރެއް ނޫނެވެ. ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވާ ގޮތުން އަންނަ އޮގަސްޓް 3 އެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގައި އިސް ދައުރެއް އަދާކުރައްވާ އާދަމް ޝަރީފް "މިހާރު" އަށް ވިދާޅުވީ ޔާމީނަށް އިންތިހާބަށް ކުރިމަތި ނުލެވޭކަން އެ ކޯލިޝަނުން ނިންމާނީ، އިލެކްޝަންސް ކޮމިޝަނުން އެ ފުރުސަތު ހުޅުވާލާއިރު ގާނޫނީ މައްސަލައެއް އުޅޭ ނަމަ ކަމަށެވެ.

"އިސްތިއުނާފު އެ އޮތީ ފެށިފައި. އެހެންވީމާ އަދި ސުވާލެއް ނެތް. އިންތިހާބަށް އިއުލާން ކުރާއިރު، ރައީސް ޔާމީން އިންތިހާބަށް ކުރިމަތި ނުލެވޭ ހާލަތުގައި ޖަލުގައި ހުންނަވައިފިއްޔާ އެ ގާނޫނީ ސުވާލު ކުރެވޭނީ،" މަޑުއްވަރީ ދާއިރާގެ މެމްބަރުކަން ކުރައްވާ އާދަމް ޝަރީފް ވިދާޅުވި އެވެ.

"ހުރިހާ އެންމެން ކަލެކްޓިވްކޮށް، ޕީޕީއެމްގެ ބަހުރުވައިން ބުނާ ނަމަ އެ މަނިކުފާނު ހުންނެވީ ހަރާން ހުކުމެއްގައި. އެކަން އެއްކޮޅުން ގަބޫލު ކޮށްގެން ތިބެފައި ގާނޫނީ ސުވާލެއް މި ވަގުތު ކުރެވޭނެ ކަމަކަށް ނުދެކެން. ރިޔާސީ ޓިކެޓަކީ އަމާނާތެއް."

ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވެފައި އޮންނާނެ މި ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓަކު ހުންނާނެއޭ. އެހެންވީމާ އެ މަނިކުފާނަށް އިންތިހާބަށް ކުރިމަތި ނުލެއްވޭ ހާލަތުގައި އޭގެ ފަރުވާ ހޯއްދަވައި ދެއްވާނެކަން ޔަގީން. އެ ހިސާބުން ބޮޑު މަންޒަރު ފެންނާނެ،"--- އާދަމް ޝަރީފް

އާދަމް ޝަރީފް ވިދާޅުވިގޮތުގައި ޔާމީންގެ ކެމްޕެއިން ވަރަށް އަވަހަށް ފަށާނެ އެވެ.

"ކެމްޕެއިން ފެށުމުގެ ތައްޔާރީތައް ކުރިއަށް އެބަދޭ. އޭގެ މީޓިންތައް އެބަ ކުރިއަށް ދޭ. އެނގިވަޑައިގަންނަވާނެ. ރައީސް އޮތީ ވަރަށް ބޮޑަށް މެނިފެސްޓޯގެ މަސައްކަތް ވެސް ވަރަށް ބޮޑަށް ނިންމަވާފައި،" އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވިގޮތުގައި، ޔާމީން ޖަލުން މިނިވަންވާ ނަމަ އެ ހިސާބުން ފެށިގެން މުޅި ޕާޓީ އަށް "ބޫސްޓެއް" އަންނާނެ އެވެ.

"ޕީޕީއެމުން ޖަމަލުފޮޑިއެއް ނުޖަހާނެ. ޖަލްސާތަކަށް ގޮނޑި ގޮނޑި ނަގާކަށް ނުޖެހޭނެ. އެ އަށް ވުރެ ޕީޕީއެމްގެ މެމްބަރުން ވަރުގަދަ ވާނެ،" ޖޭޕީގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ހަވާލުކުރުމަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ޖެހި ގޮނޑިތައް ނަގަން ޖެހުނު މައްސަލަ އަށް އިޝާރާތް ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވި އެވެ.