Roadha Mihaaru
ޖިންސީ ގޯނާކުރި ކްރިކެޓް ކޯޗަށް އުމުރުދުވަހުގެ ހުކުމެއް

ކުރީގެ ކްރިކެޓް ކޯޗުގެ މައްޗަށް ޖިންސީ ކުށުގެ ހަތް ދައުވާއެއް ސާބިތުވެއްޖެ؛ އުމުރު ދުވަހުގެ ހުކުމެއް އަންނާނެ

10 ޖޫން 2023

އެތައް ކުދިންނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ގައުމީ ކްރިކެޓް ކޯޗް މުހައްމަދު އާސިފް އަމީން ޚާންގެ މައްޗަށް އުފުލި ނުވަ ދައުވާގެ ތެރެއިން ހަތް ދައުވާއެއް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

އެތައް ކުދިންނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ގައުމީ ކްރިކެޓް ކޯޗް މުހައްމަދު އާސިފް އަމީން ޚާންގެ މައްޗަށް އުފުލި ނުވަ ދައުވާގެ ތެރެއިން ހަތް ދައުވާއެއް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ގައުމީ ފިރިހެން ކްރިކެޓް ޓީމާއި އަންހެން ކްރިކެޓް ޓީމުގެ ކުޅުންތެރިންނަށް ދެކުނު އެފްރިކާގެ މި ކޯޗު ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކޮށް ހައްޔަރުކުރީ އޮކްޓޫބަރު 2019 ގަ އެވެ. އޭނާގެ މައްޗަށް މި ތުހުމަތުތައް އޮއްވައި ރާއްޖޭން ފުރައިގެން ދާން ވެސް މަސައްކަތްކުރި އެވެ.

ޖިންސީ ގޯނާކުރުމާއި ބަދުއަޚުލާގީ މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދަނީ އާންމުކޮށް ހުޅުވާލައިގެން ނޫން ކަމަށް ވާތީ މި މައްސަލާގައި މިހާތަނަށް ޝަރީއަތް ކުރިއަށް ދިޔަ ގޮތުގެ ތަފްސީލެއް ނޭނގެ އެވެ. އެކަމަކު ކްރިމިނަލް ކޯޓުން މީގެ އިރުކޮޅެއް ކުރިން ވަނީ މި ޝަރީއަތުގެ ހުކުމް އިއްވައިފަ އެވެ.

ނުވަ ދައުވާއެއް އުފުލި އިރު އޭގެ ތެރެއިން ހަތް ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައެޅީ އާސިފްގެ ޝިކާރައަކަށްވި ކުދިން ދިން ބަޔާންތަކާއި އެ ބަޔާންތަކަށް ބާރު ލިބޭ ހެކީގެ މައްޗަށް ބިނާކޮށްގެންނެވެ.

ސާބިތުވި ހަތް ދައުވާ އަށް އަދަބު ކަނޑައެޅުމުގެ ޝަރީއަތް އިރުކޮޅަކުން ފަށާނެ އެވެ.

އާސިފް އެންމެ ފުރަތަމަ ހައްޔަރުކޮށް ކޯޓަށް ގެންދިއުމުން، ހައްޔަރުކުރިތާ 24 ގަޑިއިރު ފަހުން ކޯޓަށް ގެންދިޔަ ކަމަށް ބުނެ ދޫކޮށްލީ އެވެ. އެކަމަކު ފަހުން އެ ނިންމުން އިސްތިއުނާފުކުރުމުން އަނެއްކާވެސް ހައްޔަރުކުރީ އެވެ.

ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންނަށް ވެސް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު އާސިފްގެ މައްޗަށް ވަނީ ކޮށްފަ އެވެ. ކޯޗުގެ މައްސަލައިގައި ކްރިކެޓް ޓީމުގެ ކުޅުންތެރިން ކުރިން ނެރުނު ބަޔާނެއްގައި، ބަޔާނުގައި، ޒުވާން ކްރިކެޓް ކުޅުންތެރިންނަށް އެކި ފަހަރު މަތިން އާސިފް ޖިންސީ ގޯނާކޮށްފައިވާކަން ތުހުމަތުކޮށްފައިވެ އެވެ. އޭގެ ތެރޭގައި އޭނާ އެ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ ދުވަސްވަރު 18 އަހަރު ނުފުރޭ ކުޅުންތެރިން ވެސް ހިމެނެ އެވެ. މި ތުހުމަތުތައް ކްރިކެޓް ބޯޑުން ވެސް ބެލި އެވެ. އެކަމަކު އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ފުލުސް އޮފީހަށް މައްސަލަ ހުށަނޭޅުމުން ކުޅުންތެރިން ކަންބޮޑުވުންފާޅުކުރި އެވެ.