Roadha Mihaaru
ޑްރަގް ގެނައި މީހާއަށް ބުކިން ހެދީ އެހެން މީހެއް

ދިހަ ކިލޯ ޑްރަގް ގެނައި މީހާއަށް ބުކިން ހެދީ އެހެން މީހެއް

08 ޖޫން 2023

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 10 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު އަތުލައިގަތް ޕާކިސްތާނު މީހާގެ ދަތުރަށް ބުކިން ހަދާފައިވަނީ އެހެން މީހެއްގެ ނަމުގައި ކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 10 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު އަތުލައިގަތް ޕާކިސްތާނު މީހާގެ ދަތުރަށް ބުކިން ހަދާފައިވަނީ އެހެން މީހެއްގެ ނަމުގައި ކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.

މި ހަފްތާ ތެރޭ ކަސްޓަމްސް އިން އަތުލައިގަނެ ފުލުހުންނާ ހަވާލުކުރި ހަމްޒާ ނައީމް، 25، ގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކޮށް އޭނާއާ ދެކޮޅަށް ހެކީގެ ގޮތުގައި މިހާތަނަށް ހުށަހަޅާފައިވަނީ ކަސްޓަމްސްގެ ލިޔުމަކާއި ފުލުހެއްގެ ބަޔާނާއި މަސްތުވާތަކެތި ހުރި ޓްރޮލީ ބޭގުގެ ފޮޓޯ އާއި އެ ފޮށީގެ ޓެގުގެ މައުލޫމާތެވެ.

މި ހެކިތަކަށް ބަލައި ހަމްޒާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ.

އެކަމަކު ކޯޓުގައި ހަމްޒާ ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރިކަމަށް އޭނާގެ މައްޗަށް ކުރާ ތުހުމަތަށް އިންކާރުކުރާ ކަމަށެވެ.

ކޯޓުގައި ފުލުހުން ބުނި ގޮތުގައި މަސްތުވާތަކެތި ހުރި ފޮއްޓާ އެކު ހައްޔަރުކުރި ހަމްޒާގެ ދަތުރަށް ބުކިން ހަދާފައިވަނީ އެހެން މީހެއްގެ ނަމުގަ އެވެ. އެކަމަކު އެކަމާ ގުޅޭ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ކޯޓުން ބަންދު އިތުރުކޮށް ނެރުނު އަމުރުގައި ބުނެފައިވާ ގޮތުން 10.14 ކިލޯ ޑްރަގްސް ފެނުނު ފޮއްޓަކީ ހަމްޒާގެ އެއްޗެއްކަން، ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުން އެނގެ އެވެ.

ހަމްޒާގެ އިތުރުން މި މައްސަލާގައި ޕާކިސްތާނު އެހެން މީހެއް ކަމަށްވާ އަހުމަދު އަޔާޒު ރާޖާ، 30، ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދަށް ކުރިން ވަނީ ފަސް ދުވަސް ދީފަ އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމައި ކުރިން ނެރުނު އަމުރުން އެނގޭ ގޮތުގައި ފެނުނު މަސްތުވާތަކެއްޗަކީ ހެރޮއިން ކަމަށް ޓެސްޓުތަކުން ދައްކަ އެވެ.