Roadha Mihaaru
ސީލައިފް ކަސްޓަމަރުންނަށް ވިނަރެސް ހަވާލުކުރަން ފަށައިފި

ވިނަރެސް ފްލެޓް ލިބުނު ސީލައިފްގެ ކަސްޓަމަރުންނާ އެކު އެއްބަސްވުންތައް ހަދަން ފަށައިފި

29 މެއި 2023

ސީލައިފް އިން ފްލެޓް ގަތް މީހުންގެ ތެރެއިން ވިނަރެސް ފްލެޓް ގަތް މީހުންނާ އެކު އެއްބަސްވުންތަކުގައި ސޮއި ކުރަން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސީލައިފް އިން ފްލެޓް ގަތް މީހުންގެ ތެރެއިން ވިނަރެސް ފްލެޓް ގަތް މީހުންނާ އެކު އެއްބަސްވުންތަކުގައި ސޮއި ކުރަން ފަށައިފި އެވެ.

އާބަންކޯ އިން ބުނީ، ސީލައިފްގެ ކަސްޓަމަރުންގެ ތެރެއިން ވިނަރެސް ފްލެޓްތަކުން ދިގު މުއްދަތުގެ ކުލި ދައްކަން ބޭނުންވާ ކަސްޓަމަރުންގެ އަތުން ޑައުން ޕޭމަންޓް ނަގަމުން އަންނަ ކަމަށެވެ. އަދި ލޯނު މެދުވެރިކޮށް ފްލެޓްގެ އަގު ދައްކާ މީހުންނާ އެކު ފްލެޓްގެ އެއްބަސްވުންތަކުގައި ސޮއި ކުރަމުން އަންނަ ކަމަށެވެ.

ވިނަރެސް މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރުގައި ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނެ އެވެ. އެ ތަންތަނުގައި މެރީނާ ވިއު އާއި އިނާ ވިއު އަދި އައުޓާ ވިއުގެ އިތުރުން ސްޓޭންޑާޑް ވިއު އެޕާޓްމަންޓް ހުރެ އެވެ.

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން މާޗު 13، 2014 ގައި ސީލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ސަތޭކަ ބައެއްގެ އަތުން ބުކިން ފީ ނެގި މައްސަލަ ފެންމަތިވުމުން އެކަން ތަހުގީގުކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅި އެވެ. އަދި ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ވެސް ހުށަހެޅި އެވެ. ސެޓްލްމަންޓް އެގްރީމެންޓް ހެދީ ސީލައިފްގެ ސަބަބުން ގެއްލުންވި މީހުންގެ ތެރެއިން 203 މީހަކު ދައުލަތާ ދެކޮޅަށް ދައުވާކުރުމުންނެވެ. އެގޮތުން، ދައުވާކުރި މީހުންނަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި އަދި ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެ މީހުންނަށް ފުރުސަތު ދޭ ގޮތަށް އެގްރިމެންޓް ހަދައި އެޗްޑީސީން ވަނީ ކޯޓުން ބޭރުގައި މައްސަލަ ނިންމައިފަ އެވެ.

ސީލައިފް އިން ފްލެޓް ގަތް މީހުންނަށް ވެސް ވިނަރެސް ފްލެޓް ވިއްކަނީ، ވިނަރެސް ފްލެޓްތައް އެހެން މީހުންނަށް ވެސް ވިއްކާ އަގުގަ އެވެ. ވިނަރެސް ފްލެޓްތައް ވިއްކަނީ 2.5 މިލިއަން ރުފިޔާ އާއި 2.7 މިލިއަން ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ.

ސީލައިފް ފްލެޓްތަކުގެ އިތުރުން ގުޅީފަޅުން ފްލެޓް ލިބުނު މީހުންނާ އެކު ވިނަރެސް ފްލެޓް ފްލެޓްތައް ހަވާލު ކުރުމަށް އަންނަ ހަފްތާއިން ފެށިގެން ސޮއި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ވިނަރެސް ފްލެޓް ލިބުނު އެހެން ފަރާތްތަކުގެ ފައިނޭންޝަލް އިވެލުއޭޝަންތައް މިހާރު ވެސް ކުރިއަށްދާ ކަމަށް އާބަންކޯއިން ބުނެފައިވެ އެވެ.

ވިނަރެސް އިން ފްލެޓަށް އެލިޖަބަލްވީ މާލޭގައި ރަޖިސްޓްރީނުވެ، ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީއިން 1094 މީހުންނާއި މާލޭގައި ރަޖިސްޓްރީ ވެފައިވާތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީން 267 މީހުންނެވެ.