Roadha Mihaaru
އިމްރާން ވަށާލައި ހުރަސްއެޅި މެމްބަރުން ނެރެފި

އިމްރާން ވަށާލައި އިހުތިޖާޖުކުރާތީ އިދިކޮޅު ތިން މެމްބަރުންގެ ނަން އިއްވައި ތަޅުމުން ނެރެފި

22 މެއި 2023

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަށާލައި އިހުތިޖާޖުކޮށް އަޑުގަދަކުރަން ފެށުމުން، ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފުގެ ނަން އިއްވައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ނެރެފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަށާލައި އިހުތިޖާޖުކޮށް އަޑުގަދަކުރަން ފެށުމުން، ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފުގެ ނަން އިއްވައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ނެރެފި އެވެ.

ތ. ތިމަރަފުށި އަދި ތ. ވޭމަންޑޫގެ ޕޮލިސް ސްޓޭޝަން އެޅުމުގެ މަސައްކަތާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަން ހޯމް މިނިސްޓަރު މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަތުމާ އެކު އިދިކޮޅު މެމްބަރުން ގެންދެވީ އަޑުގަދަކުރައްވަމުންނެވެ.

ނައިފަރު ދާއިރާގެ މެމްބަރު ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް އިސްވެ ގެންދެވީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަނިޔާކުރަމުންދާ ކަމަށާއި އެ މަނިކުފާނު ވަގުތުން ދޫކޮށްލުމަށް ގޮވައިލައްވަމުންނެވެ.

އެކަން އެގޮތަށް ނުކުރައްވައި މަޖިލިސް ކުރިއަށް ގެންދަން ފުރުސަތު ދެއްވަން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އިލްތިމާސް ކުރެއްވެމުން، ޝިޔާމް އިށީނދެވަޑައިގަތެވެ.

ނަމަވެސް، ތ. ތިމަރަފުށި އަދި ތ. ވޭމަންޑޫގެ ޕޮލިސް ސްޓޭޝަން ގާއިމުކުރުމުގެ މަސައްކަތާ ގުޅޭގޮތުން އެ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން އިމްރާން ފެއްޓެވުމާ އެކު ޝިޔާމްގެ އިތުރުން މާވަށު ދާއިރާގެ މެމްބަރު ސައީދާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވަނީ މިނިސްޓަރު ވަށާލައި އިހުތިޖާޖުގައި ބައިވެރިވެ ވަޑައިގެންފަ އެވެ.

އިހުތިޖާޖު ހުއްޓާލައި ޖަލްސާއަށް ފުރުސަތު ދިނުމަށް ރިޔާސަތުން އެންގުމުން ވެސް އެކަމަށް އިޖާބަނުދިނުމުން، އީވާ ވަނީ އެ ތިން މެމްބަރުންގެ ނަން އިއްވައި މަޖިލީހުގެ ތަޅުން ދޫކޮށް ވަޑައިގަތުމަށް އަންގަވައިފަ އެވެ. އެ އެންގުމަށް ވެސް އިޖާބަނުދިނުމުން، އީވާ ވަނީ އެ މެމްބަރުން ތަޅުމުން ނެރެ، ނިޒާމު ގާއިމުކުރެވެންދެން މަޖިލީހުގެ ޖަލްސާ މެދުކަނޑާލެއްވިކަން އިއުލާނުކުރައްވައިފަ އެވެ.

އިދިކޮޅުގެ ތިން މެމްބަރުން ކުރެއްވި އިހުތިޖާޖާ ދެކޮޅަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވަނީ އިމްރާންގެ ކުރިމަތީ ހުއްޓިވަޑައިގެން އިދިކޮޅު މެންބަރުންނަށް ރައްދު ދެއްވައިފަ އެވެ. މަޖިލިސް މެދުކަނޑާލުމުގެ ކުރިން ރިޔާސަތުން ވަނީ އޭނާ ވެސް ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް އެދިވަޑައިގެންފަ އެވެ. އެ އެންގުމާ އެކު ގަޕޯ އޭނާގެ ގޮނޑިއަށް އެނބުރި ވަޑައިގަތެވެ.