Roadha Mihaaru
އޭޖީ ވަކިކުރިޔަ ނުދޭނެ ކަމަށް އެމްޑީޕީން ބުނެފި

ރިފްއަތުގެ އިތުބާރު ނެތްކަމަށް ފާސްވިޔަކަ ނުދޭނަން: އެމްޑީޕީ

11 މެއި 2023

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމަށް ފާސްކޮށް، އޭނާ މަގާމުން ދުރުކުރަން އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ކާމިޔާބުވިޔަ ނުދޭނެ ކަމަށް އެމްޑީޕީން މިރޭ ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމަށް ފާސްކޮށް، އޭނާ މަގާމުން ދުރުކުރަން އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ކާމިޔާބުވިޔަ ނުދޭނެ ކަމަށް އެމްޑީޕީން މިރޭ ބުނެފި އެވެ.

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދުނު އިމުގެ މައްސަލާގައި، ރާއްޖޭގެ ކަނޑުން ބައެއް ގެއްލޭ ގޮތަށް އަމަލުކުރި ކަމަށް ބުނެ ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ އެމްޑީޕީގެ މެމްބަރުންނެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ކަނޑުގެ އިމުގެ މައްސަލާގައި ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި އެޓާނީ ޖެނެރަލް ރިފްއަތު މަސައްކަތް ކުރެއްވީ ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރެވޭ ގޮތަށް ކަމަށާއި ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް މައްސަލަ ނިމުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި އެމްޑީޕީގެ ފުރިހަމަ އިތުބާރު ރިފްއަތަށް އެބައޮތް ކަމަށާއި އަދި އޭނާ މަގާމުން ދުރުކުރަން ކުރާ މަސައްކަތް ކާމިޔާބު ވިޔަ ނުދޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

"ރިފްއަތުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ކުރާ މަސައްކަތް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ކާމިޔާބު ވިޔަ ނުދޭނެ." އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުން ވެސް ތިއްބެވީ ރިފްއަތާ އެއްކޮށެވެ. އަދި ޕާޓީގެ ގަވާއިދުތަކާ ހިލާފަށް އިދިކޮޅުގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ އެ ޕާޓީގެ މަޖިލިސް މެމްބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވަނީ ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ އިދިކޮޅު ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތްތައް ފެއިލްވުމުން ސިޔާސީ ބައިބައިވުން އުފެއްދުމަށް ކަމަށާއި އެއީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

ރިފްއަތުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިތުބާރު ނެތްކަމުގެ މައްސަލަ ވެސް މަޖިލީހަށް ވައްދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައިވެ އެވެ.