Roadha Mihaaru
ދެ ދުވަސް ތެރޭ ގާޒާ އިން 25 މީހުން ޝަހީދުކޮށްލައިފި

ދެ ދުވަސް ތެރޭ ގާޒާ އިން 25 މީހުން ޝަހީދުކޮށްލައިފި

11 މެއި 2023

އިޒްރޭލުގެ އިސްތިއުމާރީ ސިފައިން، މިދިޔަ އަންގާރަ ދުވަހުން ފެށިގެން ވައިގެ މަގުން ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނު ރައްޔިތުންގެ ތެރެއިން 25 މީހުން ޝަހީދުކޮށްލައިފި އެވެ.

އިޒްރޭލުގެ އިސްތިއުމާރީ ސިފައިން، މިދިޔަ އަންގާރަ ދުވަހުން ފެށިގެން ވައިގެ މަގުން ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނު ރައްޔިތުންގެ ތެރެއިން 25 މީހުން ޝަހީދުކޮށްލައިފި އެވެ.

މިދިޔަ ދެ ދުވަހުގެ ތެރޭގައި އިޒްރޭލުގެ އަސްކަރީ މަތިންދާބޯޓުތަކުންނާއި ޑްރޯން މަތިންދާބޯޓުތަކުން އެންމެ ގިނަ ހަމަލާތަކެއް ދިނީ ފަލަސްތީނުގެ ގާޒާ އަށެވެ. ހަމާސް ޖަމާއަތުގެ ބާރުގެ ދަށުގައި އޮންނަ ގާޒާ އަށް ދިން ހަމަލާތަކުގައި ޝަހީދުކޮށްލި 25 މީހުންގެ ތެރޭގައި، އިސްލާމިކް ޖިހާދު ޖަމާއަތުގެ އަސްކަރީ ގޮފި، ސަރާޔާ އަލް ގުދުސްގެ ހަތަރު ކޮމާންޑަރަކު ހިމެނެ އެވެ.

އޭގެ ތެރެއިން ތިން ކޮމާންޑަރަކު ޝަހީދުވީ އަންގާރަ ދުވަހުގެ ރޭ ދަންވަރު ދިން ހަމަލާތަކުގަ އެވެ. ރޭ އިރާކޮޅު ގާޒާ އަށް ދިން ހަމަލާތަކުގައި ޝަހީދުކޮށްލި އަލީ ޣާލީ އަކީ، ސަރާޔާ އަލް ގުދުސްގެ ރޮކެޓް ޔުނިޓްގެ ކޮމާންޑަރެވެ. އިސްލާމިކް ޖިހާދު ޖަމާއަތުން ބުނީ، އަލީ ޣާލީ ޝަހީދުކޮށްލުމުން، އެ ޖަމާއަތުގެ ރޮކެޓް ހަމަލާތަކަށް ހުއްޓުމެއް އަންނާނެ ކަމަށް އިޒްރޭލުން ހީކޮށްގެން ނުވާނެ ކަމަށެވެ.

އަލީ ޣާލީ ޝަހީދުކޮށްލީ ރޭ ދަންވަރު ޚާން ޔޫނުސް އަށް އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ދިން ހަމަލާތަކުގަ އެވެ. އެ ހަމަލާތައް އަމާޒުކުރީ ޚާން ޔޫނުސްގެ އެޕާޓްމެންޓް އިމާރާތެއްގެ ފަސް ވަނަ ބުރީގައި ހުރި އެޕާޓްމަންޓަކަށެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި އިޒްރޭލުގެ ހަމަލާތަކުގައި ޒަޚަމްވެގެން ހޮސްޕިޓަލުތަކުން ފަރުވާ ދެން ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 67 އަށް އަރައިފަ އެވެ. އަންގާރަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ވެސް ފަލަސްތީނު ސަރުކާރުން ބުނެ އެވެ.

އިއްޔެގެ އިރު އޮއްސުމަށް ފަހު ދެ ފަރާތުގެ މެދުގައި އެއްވެސް ހަމަލާއެއް ބަދަލުނުކޮށް ގަޑިއިރުތަކެއް ފާއިތުވެގެން ދިޔަ އެވެ. ނަމަވެސް ރޭ މެންދަމު އިޒްރޭލުގެ މަތިންދާބޯޓުތަކުން ގާޒާގެ ޚާން ޔޫނުސް ފޭލިގެ އަވަށުގައި ހުރި އެޕާޓްމަންޓް އިމާރާތްތަކަކަށް ދިން މިސައިލް ހަމަލާތަކާ އެކު، އަނެއްކާ ވެސް ދެ ފަރާތުގެ މެދުގައި ހަމަލާތައް ބަދަލުކުރަން ފެށުނެވެ.

މެއި 10، 2023؛ ފަލަސްތީނުގެ ހަނގުރާމަވެރިން ގާޒާގެ ތެރެއިން އިޒްރޭލަށް ރޮކެޓްތަކެއް ފޮނުވައިލަނީ. --އޭއެފްޕީ

މެއި 10، 2023؛ ފަލަސްތީނުގެ ހަނގުރާމަވެރިން ގާޒާގެ ތެރެއިން އިޒްރޭލަށް ރޮކެޓްތަކެއް ފޮނުވައިލަނީ. --އޭއެފްޕީ

އިޒްރޭލު ސިފައިން ގާޒާގެ އެޕާޓްމަންޓް އިމާރާތަށް ރޭ ދިން ހަމަލާތަކުގައި ތިން މީހަކު މަރުވި އިރު އޭގެ ތެރޭގައި 10 އަހަރުގެ އަންހެން ކުއްޖަކުވެސް ހިމެނެ އެވެ. އަދި 20 އަށް ވުރެ ގިނަ މީހުން ޒަޚަމްވި އެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި އިޒްރޭލު ސިފައިން ރޭ ގާޒާގައި ހިންގި އަސްކަރީ ހަރަކާތްތަކުގައި، ފަލަސްތީނުގެ ހަނގުރާމަވެރިންގެ 130 އަށް ވުރެ އަމާޒަށް ހަމަލާ ދީފައިވާނެ އެވެ. އަދި އެ ހަމަލާތަކުގައި ހަނގުރާމަވެރިންގެ ގިނަ އަދަދެއްގެ ރޮކެޓްތައް ނައްތައިލެވުނު ކަމަށް ވެސް އިޒްރޭލުގެ އަސްކަރިއްޔާ އިން ބުންޏެވެ.

ރޭ ދަންވަރު ގާޒާ އަށް މިސައިލް ހަމަލާތައް ދެމުން ދިޔަ އިރު، ރޭ ފަތިހުން ފެށިގެން ހުޅަނގު އައްސޭރީގެ ބައެއް ސަހަރުތަކަށް އިޒްރޭލު ސިފައިން ގެންދަނީ ހަމަލާ ދެމުންނެވެ. ރޭ ފަތިހުން ފެށިގެން އިޒްރޭލު ސިފައިން ވަދެ، ފަލަސްތީނުގެ އާންމުންނަށް ހަމަލާ ދެމުން ދަނީ، ހުޅަނގު އައްސޭރީގެ ނާބުލްސް އާއި ތޫލްކަރަމް އާއި ގަލްގީލިޔާ އަދި ބައިތު ލަޙްމާއި ޠޫބާސް އަށެވެ.

މެއި 10، 2023؛ ފަލަސްތީނުގެ ހަނގުރާމަވެރިން ގާޒާގެ ތެރެއިން އިޒްރޭލަށް ފޮނުވައިލި ރޮކެޓްތަކެއް ވައިގެ ތެރޭގައި ގޮއްވައިލުމަށް، އިޒްރޭލުގެ ވައިގެ ދިފާޢީ ނިޒާމުން މިސައިލްތަކެއް ފޮނުވައިލަނީ. --އޭއެފްޕީ

މެއި 10، 2023؛ ފަލަސްތީނުގެ ހަނގުރާމަވެރިން ގާޒާގެ ތެރެއިން އިޒްރޭލަށް ފޮނުވައިލި ރޮކެޓްތަކެއް ވައިގެ ތެރޭގައި ގޮއްވައިލުމަށް، އިޒްރޭލުގެ ވައިގެ ދިފާޢީ ނިޒާމުން މިސައިލްތަކެއް ފޮނުވައިލަނީ. --އޭއެފްޕީ

އެ ސަހަރުތަކަށް އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ވަދެގަނެ ހިންގި އުދުވާންތަކާ ގުޅިގެން، ފަލަސްތީނުގެ ޒުވާނުންނާއި އިޒްރޭލު ސިފައިންނާ ދެމެދު އެންމެ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގީ ތޫލްކަރަމްގެ ނޫރް ޝަމްސް ފޭލިގެ އަވަށުގަ އެވެ. އެ އަވަށުގެ އިތުރުން، ނާބުލްސްގައި ވެސް ފަލަސްތީނުގެ ހަނގުރާމަވެރިންނާއި އިޒްރޭލު ސިފައިންނާ ދެމެދު، ރޭ ދަންވަރު ބަޑީގެ ހަމަލާތަކެއް ބަދަލުކުރި އެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، އިޒްރޭލުގެ އުދުވާނުތަކަށް ރައްދު ދިނުމުގެ ގޮތުން، ގާޒާގެ ތެރެއިން އިޒްރޭލުގެ އެކި ސަރަހައްދުތަކަށް، އިއްޔެގެ ހެނދުނުން ފެށިގެން ރޭގެ ދަންވަރާ ހަމައަށް 460 އަށް ވުރެ ގިން ރޮކެޓް ފޮނުވައިލި އެވެ. ނަމަވެސް އޭގެ ތެރެއިން ގާތްގަނޑަކަށް 98 ޕަސެންޓް މިސައިލް ވަނީ، އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމުން ދިން މިސައިލް ހަމަލާތަކުގައި ވައިގެ ތެރެއަށް ގޮއްވާލައިފަ އެވެ.

ފަލަސްތީނުގެ ހަނގުރާމަވެރިން ރޭ އިރާކޮޅު އިޒްރޭލުގެ ތެރެއަށް ފޮނުވައިލި ބާރު ގަދަ ރޮކެޓްތަކުގެ ތެރެއިން ރޮކެޓެއް ވަނީ، އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމުގެ ތެރެއިން ރެކިގަނެ އޭގެ އަމާޒަށް ވާސިލުވެފަ އެވެ. އާންމުން ދިރިއުޅޭ ސަރަހައްދަކަށް އެ މިސައިލް އަމާޒުވުމާ ގުޅިގެން، އެ ސަރަހައްދުގައި ހުރި އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ކައިރީގައި އޮތް ކާރެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވި އެވެ.