Roadha Mihaaru
ބީއެމްއެލް އެޕަށް ނުވަދެވި ޝަކުވާ ބޮޑުވެއްޖެ

ބީއެމްއެލްގެ އާ ސެކިއުރިޓީ އަޕްޑޭޓާ އެކު އެޕްލިކޭޝަނަށް ނުވަދެވި ޝަކުވާ ބޮޑުވެއްޖެ

09 މެއި 2023

ބީއެމްއެލްގެ ސެކިއުރިޓީ ވަރުގަދަކުރުމަށް "ޓޫ ފެކްޓާ އޮތެންޓިކޭޝަން" ތައާރަފްކުރުމާ އެކު އިއްޔެ ކުރިމަތިވި ޓެކްނިކަލް މައްސަލަތަކުގައި އެފްލިކޭޝަނަށް ނުވަދެވޭ މައްސަލަ ހައްލު ނުވެ ޝަކުވާ ބޮޑުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބީއެމްއެލްގެ ސެކިއުރިޓީ ވަރުގަދަކުރުމަށް "ޓޫ ފެކްޓާ އޮތެންޓިކޭޝަން" ތައާރަފްކުރުމާ އެކު އިއްޔެ ކުރިމަތިވި ޓެކްނިކަލް މައްސަލަތަކުގައި އެފްލިކޭޝަނަށް ނުވަދެވޭ މައްސަލަ ހައްލު ނުވެ ޝަކުވާ ބޮޑުވެއްޖެ އެވެ.

އާ އަޕްޑޭޓް ލިބުމުން ބޭންކިން އެޕްލިކޭޝަނުން އަމިއްލައަށް ލޮގްއަޓްވާނެ އެވެ. އަޕްޑޭޓް ލިބޭނީ އަލުން ލޮގިންވުމުން ކަމަށް ވިޔަސް ވަރަށް ގިނަ މީހުންނަށް ޔޫސާ ނޭމް އާއި ޕާސްވޯޑް ހަނދާން ނެތި ނުބައިކޮށް ޕާސްވޯޑް ޖެހުމުން އެކައުންޓް ލޮކްވެފައިވެ އެވެ.

ބީއެމްއެލް އިން ބުނީ ޔޫޒާނޭމާއި ޕާސްވާޑް ހަނދާން ނެތުމުން، ބައެއް މީހުންނަށް އެކައުންޓަށް ވަނުމުގައި ދަތިތައް ކުރިމަތިވެފައިވާ ކަމަށާއި އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު މައްސަލަ ހައްލުވާނެ ވަކި އިރެއް ނުބުނެ އެވެ.

ބީއެމްއެލްގެ އެޕްލިކޭޝަން ބޭނުން ނުކުރެވޭތީ މީހަކު ކޮށްފައިވާ ޓްވީޓެއް

ގިނަ ބަޔަކަށް މި މައްސަލަ ދިމާވެ ބީއެމްއެލް އިންޓަނެޓް ބޭންކިންއަށް ނުވެދޭތީ މިހާރު ވަނީ އޭޓީއެމްތަކަށް ވެސް ބާރު ބޮޑުވެފަ އެވެ. މި ދަތިކަމާ އެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ޝަކުވާކުރަމުންނެވެ.

ކަސްޓަމަރުންގެ މައުލޫމާތު ރައްކާތެރިކޮށް، އެޕްލިކޭޝަންގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށްޓަކައި ޓޫ ފެކްޓާ އޮތެންޓިކޭޝަންގެ އަޕްޑޭޓެއް ބީއެމްއެލް އިން ކަސްޓަމަރުންނަށް ފޮނުވަން ފެށީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެންނެވެ. އެ އަޕްޑޭޓް ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގައި ރަޖިސްޓަރީ ކޮށްފައިވާ ހުރިހާ ކަސްޓަމަރުންނަށް ލިބޭނެ އެވެ.

ބޭންކު މެދިވެރިކޮށް ހިނގާ މުއާމަލާތްތަކުގެ 90 ޕަސެންޓަކީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށް ހިންގޭ މުއާމަލާތްތަކެވެ. ބޭންކުގެ ކަސްޓަމަރުންގެ ތެރެއިން ގާތްގަނޑަކަށް 90 ޕަސެންޓް ކަސްޓަމަރުން މިހާރުވެސް އިންޓަނެޓް ބޭންކިން ބޭނުން ކުރެ އެވެ. އެހެންވެ، އިންޓަނެޓް ބޭންކިންއަށް މައްސަލައެއް ދިމާވެއްޖެ ނަމަ، އެތައް ބަޔަކަށް އޭގެ އުނދަގޫތައް ކުރިމަތިވާނެ އެވެ.

ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލަތަކެއް ދާދި ފަހުން ވަނީ ދިމާވެފަ އެވެ. އޮޅުވާލައިގެން އެކައުންޓުތަކުން ފައިސާ ނަގާ މައްސަލަތައް ހައްލު ކުރުމަށް މީގެ ކުރިން ވެސް ބޭންކުން ވަނީ ސެކިއުރިޓީ އިތުރު ބަދަލުތައް ވެސް ގެނެސްފަ އެވެ.

މީގެ ކުރިން ބޭންކުން ވަނީ ކިއުއާރް ޕޭމަންޓް ހަދަން އޯޓީޕީ ޖަހަން ޖެހޭ ގޮތަށް ހަދައި، ކިއުއާރް ޕޭމަންޓްގެ ލިމިޓް އުވައިލި އެވެ. އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިން ހިދުމަތް މެދުވެރިކޮށް، ކުރާ ހުރިހާ މުއާމަލާތުތަކަށް ބޭނުންވާ ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) އީމެއިލަށް ފޮނުވުން ވަނީ ހުއްޓާލައިފަ އެވެ.