Roadha Mihaaru
އައިސަމްގެ ގޯލުތަކުން ޕްރެޒިޑެންޓްސް ކަޕް މާޒިޔާ އަށް

އައިސަމްގެ ގޯލްތަކުން ޕްރެޒިޑެންޓްސް ކަޕް މާޒިޔާ އަށް

02 މެއި 2023

އިބްރާހިމް އައިސަމްގެ ގޯލުތަކާއެކު 2-0 އިން ކްލަބް އީގަލްސް ބަލިކޮށް، މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕް މުބާރާތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މިރޭ ކާމިޔާބު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އިބްރާހިމް އައިސަމްގެ ގޯލުތަކާއެކު 2-0 އިން ކްލަބް އީގަލްސް ބަލިކޮށް، މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕް މުބާރާތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މިރޭ ކާމިޔާބު ކޮށްފި އެވެ.

މިއީ މާޒިޔާ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން އެ ޓީމު މުބާރާތް ކާމިޔާބު ކުރީ 2015 ވަނަ އަހަރު އައްޑޫގައި ކުޅުނު ފައިނަލް މެޗުގައި ނިއު ރޭޑިއަންޓް ބަލިކޮށްފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޝަރަފްވެރި ކޮށްދެއްވި މިރޭގެ ފައިނަލް މެޗުގައި، މާޒިޔާ ލީޑު ނެގީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނިޓުގަ އެވެ. އެއީ ނާއިޒް ހަސަން (ދާދު) އޭރިއާ ތެރެއަށް ހުރަސް ކޮށްލި ބޯޅަ އައިސަމް އެއްފަހަރުން ޖަހައި ގޯލަށް ފޮނުވާލައިގެންނެވެ. ދެވަނަ ގޯލު އައިސަމް ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ފުރަތަމަ މިނިޓުގައި އީގަލްސްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލައިފައި އޭރިއާ ތެރެއަށް ވަދެ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

މެޗު ފެށުމުގެ ކުރިން އެފްއޭއެމް އިން ވަނީ މި އަހަރުގެ ޖޫން މަހު އިންޑިއާގެ ބެންގަލޫރުގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ފުޓްބޯޅަ ޓީމު ބޭނުންކުރާ ހޯމް ޖޯޒީ ރައީސް ސޯލިހަށް ހަދިޔާ ކުރައްވައިފަ އެވެ.

ފައިނަލް މެޗުގެ ދެވަނަ ގޯލު ޖެހުމަށް ފަހު އައިސަމް އާއި މާޒިޔާގެ ކުޅުންތެރިން އުފާފާޅު ކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ފައިނަލް މެޗުގެ ދެވަނަ ގޯލު ޖެހުމަށް ފަހު އައިސަމް އާއި މާޒިޔާގެ ކުޅުންތެރިން އުފާފާޅު ކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މާޒިޔާ މެޗުގައި ލީޑު ނެގީ އީގަލްސްގެ ޑިފެންސުގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ އަބްދުﷲ ހަނީފް (ބެންޖޯ) އަށް އަނިޔާ ވެގެން ބަދަލުކުރިތާ ދެ މިނިޓު ތެރޭގަ އެވެ. ބެންޖޯގެ ބަދަލުގައި ކުޅެން އެރީ ކަނާތް ފަރާތު އަރިމަތިން ފަހަަށް ކުޅޭ އިބްރާހިމް މައިސާން (މައި) އެވެ.

މާޒިޔާ ލީޑް ހޯދުމުގެ ކުރިން ވެސް އެ ޓީމު ބޮޑަށް ކުރިއަށް ޖެހިގެން ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދި އެވެ. ފުރަތަމަ ހަމަލާއެއް ފޮނުވާލަން މަސައްކަތް ކުރީ ވެސް އައިސަމް އެވެ. އެކަމަކު އޭނާ ފޮނުވައިލި ހަމަލާ ބެންޖޯ ބްލޮކް ކުރީ އެވެ. އޭގެ ފަހުން ހައިޝަމް ހަސަން (ބިޑި) ތިރިތިރިން ހުރަސްކޮށްލި ބޯޅަ ހޯދައި ހަސަން ރާއިފް އަހުމަދު (ހަންނަ) ފޮނުވާލި ނަމަވެސް ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެން ބޭރަށެވެ.

އީގަލްސްގެ ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) ވެސް މި ހާފުގައި މުހިއްމު ސޭވްތަކެއް ކުރި އެވެ. ހަސަން ޝިފާޒް (ޑުންގާ) ނެގި ހުރަހެއް ހުސެއިން ނިހާން (ނިހާޓް) ބޮލުން ފޮނުވާލި ބޯޅަ ޝަފީއު ދިފާއު ކުރިއިރު، އައިސަމް ފޮނުވާލި ބޯޅައެއް ބޯ މަތިން ގޯލަށް ވަންނަން ދަނިކޮށް ވެސް ޝަފީއު ވަނީ ބޯޅަ ދިފާއުކޮށް ކޯނަަކަށް ބޭރު ކޮށްލައިފަ އެވެ.

މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) ބޯޅަ ހިފައިގެން ކުރިއަށް ދާއިރު އީގަލްސްގެ އިބްރާހިމް މުބީން (މުއްކި) ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) ބޯޅަ ހިފައިގެން ކުރިއަށް ދާއިރު އީގަލްސްގެ އިބްރާހިމް މުބީން (މުއްކި) ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އީގަލްސް ވެސް ރަނގަޅަށް ޑިފެންސް ކޮށް، ލިބުނު ފުރުސަތުތަކުގައި އަވަސް ކައުންޓަ އެޓޭކްތަކެއް އުފައްދަން މަސައްކަތް ކުރި އެވެ. މާޒިޔާ ދޫކޮށް މި ސީޒަންގައި އީގަލްސް އަށް ބަދަލުވި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ދިން ބޯޅައަކަށް އީގަލްސްގެ ކެޕްޓަން އަހުމަދު ރިޒުވާން (ރިޒޭ) މަސައްކަތް ކުރި ނަމަވެސް އޭނާ އަށް މާ ރަނގަޅަށް ބޯލަ ކޮންޓްރޯލް ނުކުރެވި އެންމެ ރަނގަޅަށް ފުރުސަތުގެ ބޭނުމެއް ނުކުރެވުނެވެ.

އޭގެ ފަހުން މަހުދީ ހުރަސް ކޮށްލި ބޯޅައެއް އިމްރާން ނަޝީދު ފޮނުވައިލުމުން މާޒިޔާގެ ޑިފެންޑަރުން ވަނީ ބޯޅަ ބްލޮކް ކޮށްފަ އެވެ. އެ ޓީމުގެ ބްރެޒިލް ފޯވާޑް އިވާން ކާލޯސް ފޮނުވާލި ހަމަލާ ދިފާއު ކުރީ މާޒިޔާގެ ގޯލްކީޕަރު މުހައްމަދު ފައިސަލް އެވެ.

ފައިނަލް މެޗަށް ނުކުތްއިރު އީގަލްސް އަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އެ ޓީމުގެ އެޓޭކްތަކުގައި މުހިއްމު ދައުރެއް އަދާކުރާ ތަޖުރިބާކާރު ފޯވާޑް އިސްމާއިލް އީސަ (މެސީ) އަށް އަނިޔާވެގެން މެޗުގައި އޭނާގެ ބޭނުން ނުކުރެވުމެވެ. ޑިފެންޑަރު ހިސާމް ސަލީމް (ކޮކީ) އަނިޔާއިން ރަނގަޅުވެ ޕްރެކްޓިސް ތަކުގައި ބައިވެރިވާން ފަށާފައިވި ނަމަވެސް އޭނާ ވެސް މި މެޗަށް ނެގި ސްކޮޑުގައި ނުހިމެނެ އެވެ.

ނަތީޖާ އެއްވަރުކޮށް، އަލުން ގޭމުގެ ތެރެއަށް ވަންނަން ރަނގަޅު ފުރުސަތެއް ދެވަނަ ހާފުގެ ކުރީކޮޅު އީގަލްސް އަށް ލިބުނެވެ. ނަމަވެސް މަހުދީ ނަގައިދިން ހުރަހެއް ކާލޯސް އަށް ބޮލުން މާ ރަނގަޅަށް ފޮނުވައި ނުލެވުމުން ކީޕަރު ފައިސަލް ވަނީ ފަސޭހަ ކަމާއެކު ބޯޅަ ދިފާއުކޮށްފަ އެވެ.

މާޒިޔާގެ ނާއިޒް ހަސަން (ދާދު) މި ހާފުގައި އިމްރާން ނަޝީދު ކައިރިން ނައްޓާފައި އޭރިއާގެ ތެރެއަށް ވަދެ ފޮނުވައިލި ހަމަލާއެއް ކީޕަރު ޝަފީއު ދިފާއު ކުރިއިރު، ހަންނަ ނަގައިދިން ހުރަހަކުން ވެސް ގޯލް ޖަހާނެ ފުރުސަތު ދާދު އަށް ލިބުނެވެ. ދާދު އެ ބޯޅަ އަށް މަސައްކަތް ކުރި ނަމަވެސް އޭނާއަށް ބޮލުން ޖެހޭގޮތެއް ނުވި އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ވަނިކޮށް، ނަތީޖާ އެއްވަރު ކުރަން ރަނގަޅު ފުރުސަތެއް އީގަލްސް އަށް ލިބުނެވެ. ކާލޯސް ދިން ބޯޅައެއް ހޯދައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ޒައިން ޒަފަރު ޖެހޭތޯ މަސައްކަތް ކުރި އެވެ. ނަމަވެސް އޭނާ ކައިރީ ހުރި މަހުދީ އަށް ބޯޅަ ޖައްސާލުމުން އޭނާ ފޮނުވާލި ބޯޅަ ބްލޮކް ކުރީ ހައިޝަމެވެ.

މި އަހަރުގެ ސީޒަން ފަށަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ވެސް މި ދެ ޓީމު ވަނީ ވާދަ ކޮށްފަ އެވެ. އެ މެޗު ވެސް ކާމިޔާބު ކުރީ މާޒިޔާ އެވެ.