Roadha Mihaaru
ހަމަލާ ދީފައި ފިލައިގެން އުޅުނު މީހާއަށް ދައުވާކުރަނީ

މާރާމާރީއަށް ފަހު ފިލައިގެން އުޅުނު މީހާއަށް ދައުވާކުރަނީ

20 އެޕްރީލް 2023

މިދިޔަ ފެބްރުއަރީ މަހު މާލޭގައި ހިންގި ސިލްސިލާ މާރާމާރީތަކުގައި މީހަކަށް ހަމަލާ ދިނުމަށް ފަހު ފިލައިގެން މަސް ދުވަހު އުޅުމަށް ފަހު އަމިއްލައަށް ފުލުހުންނާ ހަވާލުވި އިބްރާހިމް ފައިހް ނިޒާމްގެ މައްޗަށް މި ފެށޭ ހަފްތާގައި ދައުވާކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފި އެވެ.

މިދިޔަ ފެބްރުއަރީ މަހު މާލޭގައި ހިންގި ސިލްސިލާ މާރާމާރީތަކުގައި މީހަކަށް ހަމަލާ ދިނުމަށް ފަހު ފިލައިގެން މަސް ދުވަހު އުޅުމަށް ފަހު އަމިއްލައަށް ފުލުހުންނާ ހަވާލުވި އިބްރާހިމް ފައިހް ނިޒާމްގެ މައްޗަށް މި ފެށޭ ހަފްތާގައި ދައުވާކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފި އެވެ.

އުމުރުން 25 އަހަރުގެ ފައިހް މިދިޔަ މަހުގެ 21 ވަނަ ދުވަހު އަމިއްލައަށް ފުލުހުންނާ ހަވާލުވި ފަހުން ހުންނަނީ ބަންދުގަ އެވެ. ބަންދުގެ މުއްދަތު ހަމަވާތީ އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހުގެ މުއްދަތެއް އިތުރުކޮށް ނެރުނު އަމުރުގައި ބުނެފައިވަނީ މި ހަފްތާގައި ދައުވާކުރަން ކޯޓަށް ހުށަހަޅޭނެ ކަމަށް ދައުލަތުން ބުނެފައިވާ ކަމަށެވެ.

އަމުރުގައި ބުނެފައިވާ ގޮތުން ފައިހް އަށް ކުރާ މާރާމާރީ ހިންގުމުގެ ތުހުމަތުތަކަށް ބާރު ލިބޭ މިންވަރަށް ފުލުހުން ވަނީ ކޯޓަށް ހެކި ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި މަންޒަރު ފެނުނު މީހުންގެ ބަޔާނާއި އަނިޔާ ލިބުނު މީހާގެ ބަޔާނާއި ވީޑިއީ/އިމޭޖް އެނަލިސިސް ރިޕޯޓް ހިމެނެ އެވެ. އަދި ފައިހް އަކީ މީގެ ކުރިން ވެސް މި ބާވަތުގެ ކުށްތައް ކުރާ މީހެއްކަމުގެ ހެއްކެއް ގޮތުން ކުރީގެ ކުށުގެ ރެކޯޑްތައް ވެސް ހުށަހަޅާފައިވެ އެވެ.

ފައިހްގެ ބަންދުގެ މުއްދަތު އިތުރުކޮށްދޭން ނިންމުމުގައި، އޭނާ ދޫކޮށްލައިފި ނަމަ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ނައްތާލަފާނެ ކަމުގެ ފުރުސަތު އޮތުމާއި މުޖުތަމައުގެ ސަލާމަތަށް ނުރައްކާވުމަށް ވަނީ ރިއާޔަތްކޮށްފަ އެވެ.

ފެބްރުއަރީ މަހު މާލޭގައި ހިންގި މާރާމާރީތަކުގައި މީހަކު މަރާލާފައި ވެސް ވެ އެވެ. އޭރު ހިންގި މާރާމާރީތަކަށް ފަހު ފިލައިގެން އުޅުނު މީހުން ހޯދަން ފުލުހުން ވަނީ އޮޕަރޭޝަންތަކެއް ހިންގައިފަ އެވެ. ފައިހް ހޯދަން ކުރި މަސައްކަތުގައި މާލޭގައި ކުށް ކުރުމުގައި އިސްކޮށް އުޅޭ ބައެއް މީހުން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.