Roadha Mihaaru
ދަގަނޑޭއާ އެކު ސަސް ވަރުގަދަ، އީގަލްސް ސީރިއަސް ވާނެ

ދަގަނޑޭއާ އެކު ސަސް ވަރުގަދަ، އީގަލްސް ސީރިއަސް ވާނެ

18 އެޕްރީލް 2023

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށް މާދަމާރޭ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި އީގަލްސް ނުކުންނާނީ ސީރިއަސް ކޮށް މެޗު ކާމިޔާބު ކުރަން ކަމަށް އެ ޓީމުގެ އެސިސްޓެންޓް ކޯޗު މުއާވިޔަތު އިލްހާމް ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށް މާދަމާރޭ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި އީގަލްސް ނުކުންނާނީ ސީރިއަސް ކޮށް މެޗު ކާމިޔާބު ކުރަން ކަމަށް އެ ޓީމުގެ އެސިސްޓެންޓް ކޯޗު މުއާވިޔަތު އިލްހާމް ބުނެފި އެވެ.

މުއާވިޔަތު މިހެން ބުނީ ޕްރެޒިޑެންޓްސް ކަޕްގައި އެޓީމު ކުޅޭ ފުރަތަމަ މެޗުގެ ކުރިން މިއަދު ގަލޮޅު ދަނޑުގައި ބޭއްވި ޕްރެސް ކޮންފަރެންސްގަ އެވެ.

"ސަސް އޮތީ ވަރަށް ރަނގަޅަށް ވަރުގަދަ ޓީމެއްގެ ގޮތުގައި. ދަގަނޑޭ ޓީމަށް އިތުރު ވުމާއެކު އިތުރަށް ވަރުގަދަ ވާނެކަމަށް ގަބޫލުކުރަނީ،" ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ)ގެ ބަލިހާލު ހުރިގޮތުން އޭނާގެ ބަދަލުގައި މިއަދުގެ ޕްރެސްގައި ނޫސްވެރިންނާ ވާހަކަ ދެއްކި އީގަލްސްގެ އެސިސްޓެންޓް ކޯޗު މުއާވިޔަތު ބުންޏެވެ.

"އީގަލްސް ނުކުންނާނީ އިރާދަކުރެއްވިއްޔާ މެޗު ކާމިޔާބު ކުރަން. އީގަލްސް އެއްވެސް މެޗަކަށް ނުނިކުންނާނެ ސަކަރާތް ޖަހާކަށް. އީގަލްސް ނުކުންނާނީ ސީރިއަސް ކަމާއެކު މެޗު ކާމިޔާބު ކުރަން."

އީގަލްސް އަކީ ފެބްރުއަރީ މަހުން ފެށިގެން އާ ސީޒަނަށް ޓީމު އެކުލަވާލައި ތައްޔާރީތައް ވަމުން އަންނަ ޓީމެކެވެ. އަދި ސީޒަން ހުޅުވަން މި މަހުގެ ތިން ވަނަ ދުވަހުގެ ރޭ ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ވެސް އީގަލްސް ވަނީ ކުޅެފަ އެވެ.

ޝީލްޑް މެޗަށް ފަހު ދެ ހަފްތާއެއްހާ ދުވަސް ފަހުން އީގަލްސް ސީޒަންގެ ދެ ވަނަ މެޗަށް ނުކުންނައިރު އައި މެދުކެނޑުމާ އެކު އުނދަގޫތަކެއްހުރި ކަމަށް މުއާވިޔަތު ފާހަގަ ކުރި އެވެ. ނަމަވެސް އީގަލްސް ނުކުންނާނީ ބްރޭކަކަށް ނުބަލައި ހުރިހާ މެޗަކަށް ވެސް ތައްޔާރު ވެގެން ކަމަށް މުއާވިޔަތު ބުންޏެވެ.

ސަސް އާ ދެކޮޅަށް ނުކުންނައިރު އީގަލްސް އަށް ވަނީ އަނިޔާގެ މައްސަލަތަކާ ވެސް ކުރިމަތި ވެފަ އެވެ. އެޓީމުގެ ހިސާމް ސަލީމް (ކޮކީ) އާއި އަހުމަދު ރިޒުވާން (ރިޒޭ) އަށް އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެވޭނެ އެވެ. މި ދެ ކުޅުންތެރިން ވެސް ވަނީ ޝީލްޑް މެޗުގައި މާޒިޔާއާ ދެކޮޅަށް ކުޅެފަ އެވެ.

ހަމަ އެއާ އެކު ރޯދަ މަހު މުބާރާތަށް ތައްޔާރުވާން ދަތިތައް ކުރިމަތިވިކަން ފާހަގަކޮށް މުއާވިޔަތު ބުނީ، ޓީމުގައި ތިބި ބިދޭސީ ކުޅުންތެރިންނަށް ވެސް ޓީމަށް ހޭނެން އެންމެ އެކަށޭނަ ވަގުތު އަދި ނުލިބޭ ކަމަށެވެ.

އީގަލްސް އާއި ސަސް ހިމެނެނީ ކްލަބް ވެލެންސިއާ އާއެކު ގުރޫޕް އެކެއްގަ އެވެ. ގުރޫޕްގެ ފުރަތަމަ މެޗުގައި ސަސް ވަނީ ވެލެންސިއާއާ ބައްދަލުކޮށް މެޗު ކާމިޔާބު ކޮށްފަ އެވެ.

ޕްރެޒިޑެންޓްސް ކަޕް ފެށުން ފުރަތަމަ ތާވަލް ކުރެވުނީ އީގަލްސް އާއި ވެލެންސިއާ ބައްދަލުކުރާ މެޗުން މި މަހުގެ ނުވަ ވަނަ ދުވަހުގެ ރެއަށެވެ. ނަމަވެސް ދިމާވި ކަމަކާ ގުޅިގެން އެ މެޗު ވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ރެއަށް ފަސް ކުރެވިފަ އެވެ.

ގަލޮޅު ދަނޑުގައި މާދަމާ ރޭ އީގަލްސް އާއި ސަސް ބައްދަލުކުރާ މެޗު ފަށާނީ 10 ޖަހާއިރެވެ.