Roadha Mihaaru
ނަތަންޔާހޫއާ ބައްދަލު ކުރުމަށް ޓްރަމްޕް ދައުވަތު ދީފި

ނަތަންޔާހޫ އެމެރިކާ އަށް ވަޑައިގަތުމަށް ޓްރަމްޕް ދައުވަތު ދެއްވައިފި

23 ޖެނުއަރީ 2017

ވޮޝިންޓަން (ޖެނުއަރީ 23) - އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަންނަ މަހު ކުރީކޮޅު އެމެރިކާ އަށް ވަޑައިގަތުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ދައުވަތު ދެއްވާފައިވާ ކަމަށް ބޮޑު ވަޒީރުގެ އޮފީހުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖެނުއަރީ 23) - އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަންނަ މަހު ކުރީކޮޅު އެމެރިކާ އަށް ވަޑައިގަތުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ދައުވަތު ދެއްވާފައިވާ ކަމަށް ބޮޑު ވަޒީރުގެ އޮފީހުން ބުނެފި އެވެ.

ނަތަންޔާހޫގެ އޮފީހުން ބުނީ ޓްރަމްޕާ ބައްދަލު ކުރާނެ ތާރީޚް ފަހުން އިއުލާން ކުރާނެ ކަމަށެވެ. އަދި ޓްރަމްޕާ ގުޅިގެން އިޒްރޭލުން މަސައްކަތް ކުރާނެ ކަމަށް ވެސް ބޮޑު ވަޒީރުގެ އޮފީހުން ބުނެފައިވެ އެވެ.

ޓްރަމްޕާއި ނަތަންޔާހޫ އިއްޔެ ވަނީ ފޯނުން މަޝްވަރާ ކުރައްވައިފަ އެވެ. ވައިޓްހައުސް އިން ބުނީ ދެބޭފުޅުން ވަނީ ސަރަހައްދީ ބައެއް މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި ކަމަށެވެ. އޭގެ ތެރޭގައި އީރާނުން ކުރިމަތިވެދާނެ ބިރުތަކަށް ކުރިމަތިލުމާ ބެހޭ ގޮތުން ވެސް ޚިޔާލު ބަދަލު ކުރެއްވި ކަމަށް ބުނެފައިވެ އެވެ.

ވައިޓްހައުސް އިން ބުނީ ތެލް އަވީވުގައި ހުރި އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން އިއްޔެ މަޝްވަރާ ކުރައްވާފައި ނުވާ ކަމަށެވެ.

ޓްރަމްޕާއި ނަތަންޔާހޫ ފޯނުން މަޝްވަރާ ކުރުމުގެ ކުރިން އިޒްރޭލުން ވަނީ އިރުމަތީ ގުދުސްގައި ޔަހޫދީންނަށް 566 ގެ އަޅައިދިނުމުގެ މަޝްރޫއު ފަށަން ހުއްދަ ދީފަ އެވެ. ޑިސެމްބަރު މަހު ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރާ ގުޅިގެން އިޒްރޭލުން ވަނީ މި މަޝްރޫއު، ޓްރަމްޕް ހުވާ ކުރަންދެން ފަސްކޮށްފަ އެވެ.

އިރުމަތީ ގުދުސް އިޒްރޭލުން ހިފީ 1967 ވަނަ އަހަރު ކުރި ހަނގުރާމައިގަ އެވެ. އޭގެ ފަހުން އިޒްރޭލުން ވަނީ އެތަން ވެރިކޮށްލައިފަ އެވެ.

ހުޅަނގު އައްސޭރީގައި އިޒްރޭލުން ވަނީ 400،000 ޔަހޫދީން ވަޒަންވެރި ކުރުވައިފަ އެވެ. އަދި އިތުރު 200،000 މީހުން ވަނީ އިރުމަތީ ގުދުސްގައި ވަޒަންވެރި ކުރުވައިފަ އެވެ. ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި ދިރިއުޅެނީ ފަލަސްތީނުގެ 2.9 މިލިއަން މީހުންނެވެ. އިރުމަތީ ގުދުސް އާއި ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް ގެދޮރު އަޅައިދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ކުރާ ކަމެއް ކަމަށް އދ. އިން ނިންމާފައިވެ އެވެ.