18 އެޕްރީލް 2023
އަރަބިއްޔާ ސްކޫލްގެ ޔުނިފޯމް ކޯޑަށް އެއްވެސް އިރަކު ބަދަލެއް އައިސްފައި ނުވާ ކަމަށާއި އެތަނުގެ ދަރިވަރުން މޫނުބުރުގާ އެޅިޔަސް ކިޔެވުމުގެ ފުރުސަތުން މަހުރޫމް ނުކުރާކަން އެނގެން އޮންނާތީ، މޫނުބުރުގާގެ މައްސަލާގައި ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.
އަރަބިއްޔާ ސްކޫލްގެ ޔުނިފޯމް ކޯޑަށް އެއްވެސް އިރަކު ބަދަލެއް އައިސްފައި ނުވާ ކަމަށާއި އެތަނުގެ ދަރިވަރުން މޫނުބުރުގާ އެޅިޔަސް ކިޔެވުމުގެ ފުރުސަތުން މަހުރޫމް ނުކުރާކަން އެނގެން އޮންނާތީ، މޫނުބުރުގާގެ މައްސަލާގައި ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.
މިގޮތަށް ނިންމީ މޫނުބުރުގާ އަޅައިގެން ސްކޫލަށް ނުދެވޭ ކަމަސް ބުނެ އެކަމާ ދެކޮޅަށް ކުރި ދައުވާއާ މެދު ގޮތެއް ނިންމުމުގެ ކުރިން ދަރިވަރުންގެ މޫނުބުރުގާ ނަގައިގެން ސްކޫލަށް ދެވޭނެ ކަމަށާއި އެ ކުދިން ތައުލީމް ހާސިލްކުރުމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ނުކުރުމުގެ ވަގުތީ އަމުރަކަށް އެދިފައި އޮތުމުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީ އާއި އަރަބިއްޔާ ސްކޫލަށް ނިސްބަތްވާ ގޮތަށް މި ދައުވާކުރި ފަރާތްތަކުގެ ނަން ވަނީ ސިއްރުކޮށްފަ އެވެ. އެކަމަކު އަރަބިއްޔާ ސްކޫލްގެ ބައެއް ބެލެނިވެރިން ވަނީ މި ދައުވާކުރަން ނިންމައި އެކަން ކުރިން އިއުލާނުކޮށްފަ އެވެ.
ސިވިލް ކޯޓުން މިއަދު ނިންމާފައިވަނީ މިއީ ޖުޑީޝަލް ރިވިއުގެ ދައުވާއެއްގެ ގޮތުގައި ހުށަހަޅާފައިވާ ދައުވާއެއް ކަމަށް ވާއިރު، ޝަރީއަތުން އެމައްޗަށް ގޮތް ކަނޑައަޅަންޖެހޭ ފަދަ ބުރަދަނެއް ހުރި ސީރިއަސް ނުކުތާތަކެއް ހިމެނޭ ދައުވާއެއް ކަމަށް ބެލެވެން ނެތް ކަމަށެވެ.
އަރަބިއްޔާގެ ކޮންމެ ދަރިވަރަކަށް ވެސް ކިޔަވަން އައުމުގެ ހައްގު އޮންނާނެ ކަމަށާއި އެ ކުދިން ސްކޫލަށް ފޮނުވުމަކީ ބެލެނިވެރިންގެ ޒިންމާއެއް: ދައުލަތް
މި މައްސަލައިގެ އަސްލު ދައުވާގައި ބުނެފައިވަނީ ދައުވާކުރި މީހުންގެ ދަރިން ވެސް ހިމެނޭ ގޮތުން އަރަބިއްޔާގެ ބައެއް އަންހެން ދަރިވަރުން މޫނުބުރުގާ އަޅައިގެން ސްކޫލަށް ހާޒިރުވަމުން ދިޔައީ ސްކޫލުން ހުއްދަ ލިބިގެން ކަމަށެވެ. އެކަމަކު އެއީ ޔުނިފޯމް ކޯޑާ ހިލާފް އަމަލެއް ކަމަށް ވާތީ އެގޮތަށް ސްކޫލަށް ހާޒިރު ނުވެވޭނެ ކަމަށް އަނގަބަހުން އެންގުމަށް ފަހު ލިޔެކިޔުމުން ވެސް އެކަން އަންގާފައިވާ ކަމަށެވެ. ދައުވާގައި ބުނެފައިވަނީ މިއީ ސްކޫލަށް ގޮސް ތައުލީމް ހާސިލްކުރަން ހުރަސްއެޅުން ކަމަށާއި ނިގާބް ނުވަތަ މޫނުބުރާ އެޅުމަކީ ދިވެހި މުޖުތަމައުގައި ހުއްދަ އަދި ބަލައިގެންފައިވާ ހެދުން އެޅުމުގެ އާދައެއް ކަމަށެވެ.
މޫނުބުރުގާ އަޅައިގެން ސްކޫލަށް ދިއުން މަނާކުރީ މޫނު ނިވާކޮށްގެން ނޫނީ އާންމުންގެ ތެރެއަށް ނިކުންނަށް ބޭނުން ނުވާ އަންހެން ކުދިންނަށް ރަސްމީ ތައުލީމް ހޯދޭނެ އިތުރު ފުރުސަތެއް ގާއިމުނުކޮށްދީ ކަމަށާއި އެ ކުދިން ތައުލީމުން މަހްރޫމް ވާނެ އެއްވެސް ކަމެއް ޔުނިފޯމް ކޯޑުގެ ތެރެއިން ނުވަތަ އެހެން ގަވައިދަކުން ވެސް ކަނޑަނޭޅޭނެ ކަމަށް ބެލެނިވެރިންގެ ދައުވާގައިވެ އެވެ. އަދި އެ ކުދިން މޫނުބުރުގާ އަޅައިގެން އުޅުނަސް އެއްވެސް ފަރާތަކުން އެ ކުދިންނަށް ހަނގާކުރުން ފަދަ ކަމެއް ކޮށްގެން ނުވާނެ ކަމަށް އަމުރުކޮށްދިނުމަށް ވެސް ދައުވާގައި ވަނީ އެދިފަ އެވެ.
މި ދައުވާއާ މެދު ގޮތެއް ނިމެންދެން އަމަލު ކުރުމަށް ވަގުތީ އަމުރަކަށް އެދުނު ސަބަބުތަކުގެ ތެރޭގައި ދަރިވަރުންނަށް ފިލާވަޅުތައް ގެއްލުމާއި އެހެން ވެއްޖެ ނަމަ އެ ކުދިންގެ އިމްތިހާނުގެ ނަތީޖާއަށް ނޭދެވޭ އަސަރުކުރުން ހިމެނެ އެވެ. މިއީ ކުދިންގެ މުސްތަގުބަލަށް އިޔާދަ ނުކުރެވޭނެ ގެއްލުމަކަށް ވާނެ ކަމަށް ވަގުތޫ އަމުރަށް އެދުނު ސަބަބުގައި ބުނެފައިވެ އެވެ.
ޝަރީއަތުގައި ދައުލަތުން ރައްދުގައި ބުނީ އަރަބިއްޔާގެ ވަކި ދަރިވަރުންތަކެއްގެ ކިޔެވުމަށް ދައުލަތުން ހުރަސްއަޅާ ކަމަށް ބުނެ އެކަން ސާބިތުކުރުމަށް ދައުވާގައި ހުށަހަޅާފައިވަނީ ދެ ހެއްކެއް ކަމަށާއި އެއީ ކުރިން ވެސް އަމަލުކުރާ ޔުނިފޯމް ކޯޑާ އެއްގޮތަށް ޔުނިފޯމް ބެހެއްޓުމަށް ހަނދާންކޮށްދޭން ފޮނުވި ލިޔުމަކާއި އެޑިއުކޭޝަން މިނިސްޓްރީގެ ސާކިއުލާއެއް ކަމަށެވެ. އެއިން އެއްވެސް ލިޔުމެއްގައި އަރަބިއްޔާގެ އެއްވެސް ދަރިވަރަކު ސްކޫލަށް އައުން ނުވަތަ ކްލާހެއްގައި ބައިވެރިވުން ނުވަތަ އިމްތިހާނެއް ހެދުން މަނާކޮށްފައި ނެތް ކަމަށެވެ.
އެކި ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ސްކޫލުގެ ބޭރުގައި މުޒާހަރާކުރަނީ.
އަރަބިއްޔާގެ ކޮންމެ ދަރިވަރަކަށް ވެސް ކިޔަވަން އައުމުގެ ހައްގު އޮންނާނެ ކަމަށާއި އެ ކުދިން ސްކޫލަށް ފޮނުވުމަކީ ބެލެނިވެރިންގެ ޒިންމާއެއް ކަމަށް ދައުލަތުން ބުންޏެވެ. އަދި ކޮންމެ ކުއްޖަކަށް ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ތައުލީމުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނުން ކަށަވަރުކޮށްދޭ ހައްގެއް ކަމަށް ބުންޏެވެ. މީގެ އިތުރުން ދަރިވަރުންނާ މެދު ޑިސިޕްލިނަރީ ފިޔަވަޅެއް އަޅަންޖެހޭ ހާލަތުގައި އެކަން ވެސް ކުރަނީ ކިޔެވުމުގެ ފުރުސަތު ނުގެއްލޭ ގޮތަށް ކަމަށް ވެސް ދައުލަތުން ބުންޏެވެ. އެހެންވެ ޔުނިފޯމް ކޯޑާ ހިލާފު ވިޔަސް އަޅާ ފިޔަވަޅެއް އަޅާނީ ދަރިވަރުންގެ ކިޔެވުމަށް ހުރަސް ނޭޅޭ ގޮތަށް ކަމަށާއި އެހެންވެ ވަގުތީ އަމުރެއް ނުނެރެގެން ގެއްލޭނެ ހައްގެއް ނެތްކަން ދައުލަތުން ފާހަގަކުރި އެވެ.
މި ދައުވާގައި ކުރާ މީހުންގެ ނަން ސިއްރުކޮށްފައި ވާތީ، މި ދައުވާކުރާ މީހުންނަށް މޫނުބުރުގާ އެޅި ކުދިން ތަމްސީލްކުރެވޭ ހައިސިއްޔަތެއް އެނގެން ނެތް ކަމަށާއި ވަގުތީ އަމުރު ނެރެން ޖެހެނީ ދަރިވަރުންގެ ހައްގު ގެއްލޭތީ ކަމަށް ބުނާއިރު އެ ގެއްލޭ މިންވަރަކާއި ކުދިންނަށް އަސަރުކުރާ ގޮތެއް ވެސް ބަޔާންކޮށްދީފައި ނެތްކަން ދައުލަތުން ފާހަގަކުރި އެވެ. އަދި މިއީ ޖުޑީޝަލް ރިވިއުގެ ދައުވާއެއްގެ ގޮތުން ބެލެނިވެރިންނަށް ކުރެވޭނެ ދައުވާއެއް ނޫން ކަމަށް ބުނެ އެކަމުގެ ގާނޫނީ ސަބަބުތައް ދެއްކި އެވެ.
ދައުވާކުރާ ފަރާތުން ޝަރީއަތުގައި ބުނީ ކޮވިޑް-19 ގެ ދުވަސްވަރު ކުދިން ސްކޫލަށް ދިޔައީ މާސްކް އަޅައިގެން ކަމަށާއި އެކަމަކު މާސްކް އެޅުން އިހްތިޔާރީ ކަމަކަށް ހެދި ފަހުން މޫނުބުރުގާ އަޅަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު އޮންނާނެ ކަމަށާއި އެގޮތަށް ބޭނުންވާ ކުދިން ހުދު ފޮތިކޮޅަކުން މޫނު ނިވާކުރިޔަސް މައްސަލައެއް ނެތް ކަމަށް އެންގީ ސްކޫލް އެސެމްބްލީގައި ޑެޕިއުޓީ ޕްރިންސިޕަލް ކަމަށެވެ.
އޭގެ ފަހުން މޫނުބުރުގާގައި ސްކޫލަށް ދަނިކޮށް ޔުނިފޯމް ކޯޑަށް އަމަލުކުރަން އަންގައި ބޮޑުކޮށް ބުރުގާ އަޅާ ކުދިންގެ ބުރުގާ ކަފައި ކުޑަކުރި ކަމަށާއި މާސްކް އަޅައިގެން ދާތީ މާސްކް ނަގައިގެން ބަލައި ޓެސްޓްގައި ތިބޭއިރު ހޯލުން ބޭރަށް ވެސް ލާ ކަމަށް ބުންޏެވެ. އަދި ސްކޫލް ތެރޭގައި އެ ކުދިންނާ ދިމާލަށް ސްކޫލް ޓީޗަރުންނާއި އިސް ވެރިން ލޯ އަޅާ ކަމަށެވެ.
ޝަރީއަތުން ދެ ފަރާތުގެ ވާހަކައަށް ފަހު ބުނެފައި ވަނީ އަރަބިއްޔާގެ ޔުނިފޯމް ކޯޑަކީ އެންމެ ކުރިން ވެސް އޮތް ގޮތަށް އޮތް އެއްޗެއް ކަމަށާއި އެއަށް ބަދަލެއް ނާންނަކަން ދެ ފަރާތުގެ ވާހަކައިން ވެސް އެނގޭ ކަމަށެވެ. އަދި ޔުނިފޯމް ކޯޑާ ހިލާފް ވެގެން މިހާތަނަށް އެއްވެސް ކުއްޖެއްގެ ކިޔެވުމަށް ސްކޫލުން ހުރަސްއެޅިކަން ދެ ފަރާތުގެ ވާހަކައިން ވެސް އެނގެން ނެތް ކަމަށާއި އެެހެންވެ ވަގުތީ އަމުރުން ހިމާޔަތްކުރަންޖެހޭ ހައްގެއް އޮތްކަމުގައި ބެލެވެން ނެތް ކަމަށް ނިންމުމުގައިވެ އެވެ.
މޫނު ބުރުގާގެ މައްސަލަ ކޯޓަށް ހުށަހަޅައިފި
މުސްކާންގެ ހިތްވަރަށް މެމްބަރަކު ހަދިޔާކުރީ އައިފޯނެއް
ބުރުގާ އަޅާ އަންހެނުންގެ ދިފާއުގައި ސޯނަމް އާއި ރިޗާ
ސްވިސް މީހުންގެ ތާއީދު ހަނި ގޮތަކަށް ބުރުގާއާ ދެކޮޅު
ހިޖާބް އެޅޭނެ، މަނަލީ ބުރުގާ އާއި ނިގާބް: ލަންކާ
މޫނުބުރުގާ މަނާކުރުމަކީ އަންހެނުންގެ ހައްގަށް އަރައިގަތުން
މޫނު ބުރުގާ އެޅި ޑެންމާކުގެ އަންހެނަކު ޖޫރިމަނާކޮށްފި
ކިއުބެކުގައި މޫނު ބުރުގާ އަޅައިފި ނަމަ ޚިދުމަތުން މަހްރޫމް
އާއްމު ތަންތަނުގައި މޫނު ބުރުގާ އެޅުން އޮސްޓްރިއާގައި މަނާ
ބުރުގާ އަޅާތީ ކްލާހުން ބޭރުކޮށްލި ދަރިވަރަށް ކާމިޔާބު