Roadha Mihaaru
ރަޖިސްޓްރޭޝަންމައްސަލަ އިސްތިއުނާފުކުރަން މަޝްވަރާ ކުރަނީ

ވެހިކަލް ރަޖިސްޓްރޭޝަން މައްސަލަ އިސްތިއުނާފުކުރަން އޭޖީއާ މަޝްވަރާ ކުރާނަން: ޓްރާންސްޕޯޓް

06 އެޕްރީލް 2023

ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލްކުރަން ސަރުކާރުން ނިންމި ނިންމުން ތަންފީޒުކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން އެންގީ ރަނގަޅަށް ކަމަށް ހައި ކޯޓުން ވެސް އިއްޔެ ކަނޑައެޅުމާ ގުޅިގެން އެ ހުކުމް އިސްތިއުނާފު ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހާ އެކު މަޝްވަރާ ކުރާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލްކުރަން ސަރުކާރުން ނިންމި ނިންމުން ތަންފީޒުކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން އެންގީ ރަނގަޅަށް ކަމަށް ހައި ކޯޓުން ވެސް އިއްޔެ ކަނޑައެޅުމާ ގުޅިގެން އެ ހުކުމް އިސްތިއުނާފު ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހާ އެކު މަޝްވަރާ ކުރާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ގަވާއިދާ ހިލާފަށް ރަޖިސްޓަރީކުރި ކަމަށް ތުހުމަތުކޮށް 200 އެއްހާ ވެހިކަލްގެ ރަޖިސްޓަރީ ބާތިލްކުރަން ސަރުކާރުން ނިންމާފައި ވަނިކޮށް، އޭގެ ތެރެއިން 87 ވެހިކަލްގެ ރަޖިސްޓަރީ ބާތިލްކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން މިދިޔަ އަހަރު ވަގުތީ އަމުރެއް ނެރުނެވެ. އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން، އެ ކޯޓުން ވެސް ލިބުނީ ނާކާމިޔާބީ އެވެ.

އެކަމާ ގުޅިގެން، ޓްރާންސްޕޯޓުގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު "މިހާރު" އަށް ވިދާޅުވީ އެ މައްސަލައިގައި ދެން ކުރިއަށް ދާން ހުރި ކަންކަން ކުރާނެ ކަމަށެވެ. ހައި ކޯޓުގެ އަމުރު، މަތީ ކޯޓުގައި އިސްތިއުނާފުކުރަން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހާއެކު މަޝްވަރާކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހައި ކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އިއްޔެ ކުރި ހުކުމުގައިވަނީ އެ ވެހިކަލްތަކުގެ ރަޖިސްޓަރީގެ ސައްހަކަމާ މެދު ގޮތެއް ނިންމޭނީ ސިވިލް ކޯޓުން ބަލާ މައުޟޫއީ މައްސަލައިގެ ތެރެއިން ކަމަށެވެ. އަދި ކޯޓުން ގޮތެއް ނުނިންމަނީސް އުޅަނދުގެ ރަޖިސްޓަރީ ބާތިލްވެފައި އޮވެއްޖެ ނަމަ ގެއްލުން ލިބޭނީ އުޅަނދުގެ ވެރިފަރާތްތަކަށް ކަމަށާއި އެކަމަކު ދައުލަތަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.

އެހެންވެ، ސިވިލް ކޯޓުގެ އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު މުހައްމަދު ސަލީމްގެ އަޣުލަބިއްޔަތުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

ރައުޔު ތަފާތުވި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔުގައި ވަނީ އުޅަނދުތައް ރަޖިސްޓަރީކުރީ ދައުލަތުން ކަނޑައަޅާފައިވާ ނިޒާމުގެ ބޭރުން ކަމަށް ދައުލަތުން ބުނާ ބުނުމަށް ބާރު ލިބޭ ހެކިތަކެއް ހުއްޓާ ހަމައެކަނި ރަޖިސްޓަރީއެއް އޮތުމަކީ އެ ރަޖިސްޓަރީތައް ދަމަހައްޓަން ވަގުތީ އަމުރެއް ނެރެވޭނެ ސަބަބެއް ނޫން ކަމަށެވެ.