Roadha Mihaaru
ޑްރަގް ގެންނަ ބިދޭސީން ބަލަހައްޓަން ހޭދަ ބޮޑު: މާރިޔާ

ޑްރަގް އެތެރެކުރާ ބިދޭސީން ބަލަހައްޓަން ބޮޑު ހޭދައެއް ކުރަންޖެހޭ: މާރިޔާ

05 އެޕްރީލް 2023

މަސްތުވާތަކެތި ހިފައިގެން ރާއްޖެއަށް ގިނައިން އަންނަނީ ބޮޑެތި ބަލިތައް ހުންނަ މީހުން ކަމަށާއި އެ މީހުން ބަލަހައްޓަން ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަސްތުވާތަކެތި ހިފައިގެން ރާއްޖެއަށް ގިނައިން އަންނަނީ ބޮޑެތި ބަލިތައް ހުންނަ މީހުން ކަމަށާއި އެ މީހުން ބަލަހައްޓަން ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

މަސްތުވާތަކެތި ހިފައިގެން ރާއްޖެ އަންނަ މީހުންގެ އަތުން އެ ތަކެތި އަތުލުމަށް ފަހު މީހުން ފޮނުވާލާ މައްސަލައިގައި، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގެ ސުވާލާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ވަޑައިގެން މާރިޔާ ވިދާޅުވީ ޑްރަގް ހިފައިގެން ގިނައިން އަންނަނީ އެއިޑްސް އަދި ކިޑްނީ ފަދަ ބޮޑެތި ބަލިތައް ހުންނަ މީހުން ކަމަށެވެ.

އެ ފަދަ މީހުން މިހާރު ވެސް ޖަލުގައި އެބަތިބި ކަމަށާއި އެ މީހުން ބަލަހައްޓަން ބޮޑު ހަރަދެއް ކުރަންޖެހޭ ކަމަށް މާރިޔާ ވިދާޅުވި އެވެ.

ނަމަވެސް މަސްތުވާތަކެތި އެތެރެކުރާ މީހުންނާ ގުޅޭގޮތުން ހެދި ގަވައިދުގައި އޮންނަނީ ކޯޓުގެ އަމުރަކުން އެ މީހުން އަނބުރާ ފޮނުވާލެވޭނެ ކަމަށެވެ. އެކަމަކު، ޖަލުގައި އެތައް ދުވަހެއް ވަންދެން ބެހެއްޓުމަށްފަހު އަނބުރާ ފޮނުވާލަން ވަރަށް ދަތިވާކަން، މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މާރިޔާ ވިދާޅުވި ގޮތުގައި މަސްތުވާތަކެތި ހިފައިގެން ރާއްޖެ އަންނަ މީހުން އަނބުރާ ފޮނުވާލަނީ އެ މީހާގެ ކަންކަމަށް ޒިންމާވުމުގެ ބަދަލުގައި ކަމަށް އިމިގްރޭޝަނާއި ކަމްޓަމްސްގެ އޮފިސަރުން ބުނާ ކަމަށެވެ.

"އެ ނޫން ގޮތަށް އެކަން ކުރެވިގެން، މިގޮތަށް ދިވެހި ދައުލަތުން، ދިވެހި ރައްޔިތުންގެ ފަރާތުން އެތައް ހަރަދެއް ކުރެވިގެން ރިމާންޑުގައި މީހުން ބަހައްޓަން ޖެހޭތީ އެކަން އެގޮތަށް ނުކުރުމަށްޓަކައި ސީދާ ފެންނަ ގޮތުގައި ގަވައިދެއް އޮންނަން ބޭނުންވާތީ އެކަން އެގޮތަށް ކުރެވުނީ. ކުރީގައި ވެސް ކޮށް އުޅޭ ކަމެއް މިއީ. އެތައް ދުވަހެއް މި ގޮތަށް ޕްރެކްޓިސް ކުރާތާ." އޭނާ ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ އިމިގްރޭޝަނުން މި ފަހުން ހެދި ގަވައިދެއްގެ ދަށުން ވަނީ މަސްތުވާތަކެއްޗާ އެކު ރާއްޖެއަށް އަންނަ ބިދޭސީން އަނބުރާ ފޮނުވާލުމުގެ ބާރު އިމިގްރޭޝަން ކޮންޓްރޯލާ އަށް ދީފަ އެވެ. އެކަމަކު މިއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވި އެވެ.