Roadha Mihaaru
ކަނޑުމަގުން ގެނައި ކިލޯއެއްގެ ޑްރަގު އަތުލައިގެންފި

ކަނޑުމަގުން އެތެރެކުރަން އުޅުނު ތިން މިލިއަން ރުފިޔާގެ ޑްރަގު އަތުލައިގެންފި

24 ނޮވެމްބަރ 2024

ރާއްޖެއަށް ކަނޑުމަގުން އެތެރެކުރަން އުޅުނު ކިލޯއެއްގެ މަސްތުވާތަކެތި ކަސްޓަމްސް އިން މިއަދު އަތުލައިގެންފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖެއަށް ކަނޑުމަގުން އެތެރެކުރަން އުޅުނު ކިލޯއެއްގެ މަސްތުވާތަކެތި ކަސްޓަމްސް އިން މިއަދު އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު ޖުމްލަ 1.518 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

އެ ތަކެތި އަތުލައިގެންފައި ވަނީ މާލެ ކޮމާޝަލް ހާބަރަށް ގެނެސްފައިވާ ސީފްރައިޓް ޝިޕްމަންޓެއް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން، އިތުރަށް ބެލުމުން ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

މަސްތުވާތަކެތި ހުރީ އެ ޝިޕްމަންޓުގައި ހުރި މުދަލުގެ ތެރޭގައި ފޮރުވާފައި ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން އެ ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތުއެމްފެޓަމިން އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެ ތަކެތީގެ މަގުމަތީ އަގު ތިން މިލިއަން ރުފިޔާއަށް ވުރެ މަތިވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި، މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކުރެވިފަ އެވެ،" ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން މިއަދު ކިލޯއެއްގެ މަސްތުވާތަކެތި އަތުލައިގަތްއިރު، އެމްއެންޑީއެފުން ވެސް މިއަދު ވަނީ ރާއްޖޭގެ ކަނޑު ސަރަހައްދަށް ވަން ސްރީލަންކާގެ ބޯޓަކުން 468.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ. އެ ތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށް އަރަ އެވެ.