Roadha Mihaaru
"ދަރަނި ރީސްޓްރަކްޗާކޮށްފި ނަމަ ފައިސާހޯދަން ދަތިވާނެ"

ދަރަނި ރީސްޓްރަކްޗާ ކޮށްފި ނަމަ ވިޔަފާރިތަކަށް ބޭރުން ފައިސާ ހޯދަން ދަތިވާނެ: އަމީރު

28 މާޗް 2023

ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުކުރަން ދަރަނި ރީސްޓްރަކްޗާ ކޮށްފި ނަމަ ދައުލަތާއި އަމިއްލަ ކުންފުނިތަކަށް ބޭރުން ފައިސާ ހޯދަން ދަތިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުކުރަން ދަރަނި ރީސްޓްރަކްޗާ ކޮށްފި ނަމަ ދައުލަތާއި އަމިއްލަ ކުންފުނިތަކަށް ބޭރުން ފައިސާ ހޯދަން ދަތިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އަމީރު މިހެން ވިދާޅުވީ ދައުލަތުގެ ދަރަނި ކުޑަކޮށް ރީސްޓްރަކްޗާ ކުރުމާ ގުޅޭ ގޮތުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ކުރެއްވި ސުވާލަކަށް ރައްޔިތުންގެ މަޖިލީހަށް ލިޔުމުން ފޮނުވި ޖަވާބުގަ އެވެ.

އަމީންއާންމު ވިދާޅުވި އެ ލިޔުމުގައި އަމީރު ވިދާޅުވެފައި ވަނީ ދަރަނި ރީސްޓްރަކްޗާ ކުރުމުގެ ސަބަބުން ބައިނަލްއަގުވާމީ ރޭޓިން އެޖަންސީތަކުން ދިވެހި ސަރުކާރުގެ ސިލެކްޓިވް ޑިފޯލްޓް ރޭޓިން ޑައުންގްރޭޑް ކުރާނެ ކަމަށެވެ.

އޭގެ ނަތީޖާއަކީ ދައުލަތާއި ރާއްޖޭގެ ވިޔަފާރިތަކަށް ބޭރުން ފައިސާ ހޯދަން ދަތިވުން ކަމަށާއި ދައުލަތުގެ ދަރަނި ހަމަ މަގަށް އެޅުވުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ދައުލަތުގެ ހަރަދު ކުޑަކުރުމާއި އާމްދަނީ އިތުރުކުރުން ކަމަށް އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވެފައިވަނީ ދައުލަތުގެ ފިސްކަލް ސްޓްރެޓަޖީ 2023 އިން 2025 އަށް އެކުލަވާލާފައި ވާނީ އެ ކަންކަން ހިމަނައިގެން ކަމަށެވެ.

އަމީރު ވަނީ ދަރަންޏާ ބެހޭ ބައެއް މައުލޫމާތުތައް ވެސް މަޖިލީހާ ހިއްސާކުރައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި 2021 ވަނަ އަހަރު ދައުލަތުން ސީދާ ނަގާފައިވާ ދަރަނި އަދި ގެރެންޓީކޮށްދީފައިވާ ދަރަނީގެ ޑެޓް ޓު ޖީޑީޕީ ނުވަަތަ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރި ރޭޝިއޯއަކީ 118 ޕަސެންޓެވެ. އެއީ ދައުލަތުން ސީދާ ނަގާފައިވާ ދަރަނި 100 ޕަސެންޓު އަދި ގެރެންޓީ ކޮށްދީފައިވާ ދަރަނި 18 ޕަސެންޓެވެ.

މީގެ އިތުރުން 2022 ވަނަ އަހަރު ނިމޭއިރު ޑެޓް ޓު ޖީޑީޕީ ރޭޝިއޯ 111 ޕަސެންޓުގައި ހުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އަމީރު ވިދާޅުވި އެވެ. އެއީ ދައުލަތުން ސީދާ ނަގާފައިވާ ދަރަނި 98 ޕަސެންޓު އަދި ގެރެންޓީ ކޮށްދީފައިވާ ދަރަނި 13 ޕަސެންޓު ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުން ދަރަނި އަދާކުރުމަށް ހަދާފައިވާ ސޮވަރިން ޑިވަލޮޕްމަންޓް ފަންޑުގެ ބޮޑު ބައެއް ސަރުކާރުން ވަނީ އެހެން ކަންކަމަށް އިންވެސްޓު ކޮށްފަ އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ އެ ޕްލޭން މިހާރަށް ވުރެ ރަނގަޅު ކުރުމަށް ލަފާ ދީފަ އެވެ.