Roadha Mihaaru

މި ތިން ޒުވާނުން މާ އުފާވެރި ޗެލެންޖެއްގައި!

28 މާޗް 2023

ފުރަތަމަ ހަމަ ހިޔާލެކެވެ; އެއަށް ބާރު ލިބޭ ވާހަކަތަކުން ވިސްނުމެއް ބިނާކުރީ ތިން މީހުންގެ މެދުގައި އޮތް އިތުބާރުގެ މައްޗަށެވެ. އެ ވިސްނުން ޗެލެންޖެއްގެ ގޮތުގައި ނަގައި ކޮޅަށް ޖަހައިފި އެވެ.

ފަޒީނާ އަހުމަދު އދ. ދިގުރަށުން ފަޒީނާ އަހުމަދު

ފުރަތަމަ ހަމަ ހިޔާލެކެވެ; އެއަށް ބާރު ލިބޭ ވާހަކަތަކުން ވިސްނުމެއް ބިނާކުރީ ތިން މީހުންގެ މެދުގައި އޮތް އިތުބާރުގެ މައްޗަށެވެ. އެ ވިސްނުން ޗެލެންޖެއްގެ ގޮތުގައި ނަގައި ކޮޅަށް ޖަހައިފި އެވެ.

އެއީ މި ރަށުގައި މި ފަހުން ހުޅުވި "ސީސައިޑް ދިގުރަށް" ގެސްޓް ހައުސް އެވެ. އަލީ ރިޝްވާނާއި ރަޖުއާން އިބްރާހީމްގެ އިތުރުން ހައްސާން އާދަމަށް މިއީ ހަމައެކަނި ވިޔަފާރިއެއް ނޫނެވެ. އެ ތިން މީހުންގެ މެދުގައި އޮތް ގުޅުމެވެ. އަމިއްލަ ފައި މައްޗަށް ތެދުވުމުގެ ނަމޫނާ އެވެ. އެހެން މީހުންނަށް ދޭ ހިތްވަރެވެ. އަމިއްލަ ރަށުގައި ތިބެގެން ވިޔަފާރި ކުރަން ސިކުނޑި ހުޅުވާލަން ކުރިއަރުވާ ފައިދާ ހުރި ވިސްނުމެކެވެ.

ސީސައިޑް ގެސްޓް ހައުސް އިމާރާތްކުރުމުގެ މަސައްކަތުގައި ތިން މީހުން

ސީސައިޑް ގެސްޓް ހައުސް އިމާރާތްކުރުމުގެ މަސައްކަތުގައި ތިން މީހުން

"އެންމެ ކުޑައިރު ވެސް ތިން މީހުން އުޅުނީ އެކުގައި. އެއް ގެއެއްގެ ތެރޭގައި އުޅެ ބޮޑުވީ. ކިޔެވީ ވެސް އެއް ކޮލެޖަކުން، ގާތްގަނޑަކަށް އެކައްޗެއް. ކުޅިވަރުގައި ވެސް އެކުގައި އުޅުނީ. މި ގުޅުމުގެ ތެރެއިން އުފެދުނު ޓްރަސްޓުގައި، ތިން މީހުންގެ ހިއްސާ ވެސް އެއްވަރަކަށް އޮންނަ ގޮތަށް މި ފެށީ އާ ޗެލެންޖެއް," ރިޝްވާން 28، ކިޔައިދިނެވެ.

ރިޝްވާން "މިހާރު"އާ ވާހަކަ ދައްކަނީ: އޭނާ ބުނިގޮތުގައި ހުރިހާ ކަމެއްގައި ވެސް ތިން މީހުންނަށް ވާހަކަ ދެކެވި، އެއްބަސްވެވޭ.

ރިޝްވާން "މިހާރު"އާ ވާހަކަ ދައްކަނީ: އޭނާ ބުނިގޮތުގައި ހުރިހާ ކަމެއްގައި ވެސް ތިން މީހުންނަށް ވާހަކަ ދެކެވި، އެއްބަސްވެވޭ.

އދ. އަތޮޅުގައި ލޯކަލް ޓޫރިޒަމް ފައްކާވެފައި އޮތް މި ރަށުގައި ކުރިން ގެސްޓް ހައުސް ހިންގަމުން އައީ ރަށުން ބޭރު މީހުން ވެސް އިންވެސްޓްކޮށްގެންނެވެ. އެކަމަކު މި ފަހުން އެކަން ބަދަލުވެ ރަށުގެ ޒުވާނުންގެ އިސް ނެގުން ބޮޑެވެ. ރިސޯޓް ވަޒީފާ ދޫކޮށްލައި ރަށުގައި ތިބެގެން ޓޫރިޒަމްގެ އެކި ވިޔަފާރިތަކުގައި އަންނަނީ ހިއްސާވަމުންނެވެ.

ހައްސާން (ކ) އާއި ރިޝްވާން (މ) އަދި ރަޖުއާން: އަަބަދުވެސް އެކުގައި އުޅޭ މި ތިން ޒުވާނުންގެ ހުވަފެނަކީ ލޯކަލް ޓޫރިޒަމްގެ ކުރީ ސަފަށް އެރުން.

ހައްސާން (ކ) އާއި ރިޝްވާން (މ) އަދި ރަޖުއާން: އަަބަދުވެސް އެކުގައި އުޅޭ މި ތިން ޒުވާނުންގެ ހުވަފެނަކީ ލޯކަލް ޓޫރިޒަމްގެ ކުރީ ސަފަށް އެރުން.

ރިޝްވާން ބުނިގޮތުގައި، ސިކުނޑީގައި ކުރެހި ޕްލޭނާ އެކު ބޭނުންވީ ފަށާށެވެ. ކުރަން ނުކެރި ލަސްކުރަމުން ދިއުމަކީ ތިން މީހުން ވެސް ފަހަތަށް ދޫކޮށްލި ވިސްނުމެވެ.

ސީސައިޑް ދިގު ރަށް ގެސްޓް ހައުސް: މިއީ ތިން މީހުން ކުޑައިރުއްސުރެން ގެންގުޅުނު ވިސްނުމެއް.

ސީސައިޑް ދިގު ރަށް ގެސްޓް ހައުސް: މިއީ ތިން މީހުން ކުޑައިރުއްސުރެން ގެންގުޅުނު ވިސްނުމެއް.

"ރިސޯޓް ލައިފްގައި އުޅޭ ކޮންމެ މީހަކު ހިތަށް އަރާނެ އަމިއްލަ ފައި މައްޗަށް ތެދުވަންވީއޭ. ޕްލޭންކޮށްގެން ތިބޭނީ، ދެން ލަސްވަމުން ގޮސް ނުފެށި ވެސް އެބަހުރި. ފުރުސަތު އޮތް ރަށެއްގައި މިކަން ލަސްކުރުން ގޯހީ. ފެށުނީމަ ހިތަށް އަރާނެ ކީއްވެބާއޭ ކުރީބައިގައި އަމިއްލަ ކަމެއް ފެށުމުގައި ނޫޅެވުނީ،" ރިޝްވާން ކިޔައިދިނެވެ.

ނަމޫނާ, އެންމެ ބޮޑު ހިތްވަރަކީ ވެސް ބައްޕަ

ތިން ޒުވާނުން ނިސްބަތްވާ އާއިލާއަކީ މި ރަށުގެ ގެސްޓް ހައުސް ވިޔަފާރީގައި ހިނގާ ނަމެކެވެ. ރިޝްވާންގެ ބައްޕަ އަލީ ޒުބެއިރު 2014 އިން ފެށިގެން މި ރަށުގައި ގެސްޓް ހައުސްއެއް ހިންގަ އެވެ.

އެކަމަކު ބައްޕަ ހިތްވަރު ދިނީ ތިން މީހުން ގެންގުޅުނު ހިޔާލުގެ މައްޗަށް އަމިއްލައަށް ފެށުމަށެވެ. ކޮއްކޮ ރަޖުވާން 21،ގެ އިތުރުން ދެން ހިމެނެނީ ރިޝްވާންގެ މަންމައާ އެއް ބަނޑު އެއްބަފާ ކޮއްކޮ ހައްސާން 25، އެވެ.

ރިޝްވާން އާއި ރަޖުއާން: ތިން މީހުން ވިޔަފާރިއެއް ފެށީ އަމަލީ ތަޖުރިބާތަކަކަށް ފަހު.

ރިޝްވާން އާއި ރަޖުއާން: ތިން މީހުން ވިޔަފާރިއެއް ފެށީ އަމަލީ ތަޖުރިބާތަކަކަށް ފަހު.

އަމިއްލަ ފައި މައްޗަށް ތެދުވުމުގެ ބިންގާ އެޅުމުގެ ކުރިން ތިން މީހުން ވެސް ފުރަތަމަ ނުކުތީ އަމަލީ ތަޖުރިބާއަށެވެ. ބޭރުން ކިޔަވައިގެން އައިސް ރިޝްވާން ފުރަތަމަ އުޅުނީ ފޯސީޒަން ރިސޯޓުގައި ރޫމް އެޓެންޑެންޓަކަށެވެ. ޕްރޮމޯޓްވަމުން ގޮސް އަށް އަަހަރުގެ ތެރޭގައި ސުޕަވައިޒަރަކަށް ބަދަލުވި އެވެ.

ރިސޯޓުގެ ވަޒީފާ ދޫކޮށްލީ ކުޑައިރުގެ ވިސްނުމުގެ މައްޗަށް އަމަލީ ތަޖުރިބާ ހޯދައިގެންނެވެ.

"ލޯކަލް ޓޫރިޒަމަށް އޮތް ފުރުސަތުތަކަށް ވިސްނާލިއިރު މި ރަށަކީ ވަރަށް ސަޅި ރަށެއް. ފެސިލިޓީސް އެބަހުރި, ނެޗުރަލް ބިއުޓީ, ގެސްޓުން އަންނަން ޖެހޭ ބައިވަރު ސަބަބުތައް ވެސް އެބަހުރި," ރިޝްވާން ބުންޏެވެ.

ހައްސާން އަދިވެސް އުޅެނީ ރިސޯޓުގަ އެވެ. ރަށުގައި ގެސްޓް ހައުސް ހިންގިޔަސް އޭނާ ކިޔެވި ދާއިރާ އިން އަދި ތަޖުރިބާ ހޯދަން ބޭނުންވާތީ އެވެ.

ރިޝްވާން އޭނާގެ ކޮއްކޮއާ ވާހަކަ ދައްކަނީ: އަމިއްލަ ވިޔަފާރި ފުޅާކުރުމަކީ ދެބެއިންގެ އަބަދުވެސް ވިސްނުމެއް.

ރިޝްވާން އޭނާގެ ކޮއްކޮއާ ވާހަކަ ދައްކަނީ: އަމިއްލަ ވިޔަފާރި ފުޅާކުރުމަކީ ދެބެއިންގެ އަބަދުވެސް ވިސްނުމެއް.

ކޮއްކޮ ރަޖުއާން ވެސް ވިޔަފާރިއާ ގުޅުނީ ރިސޯޓެއްގައި ވަޒީފާ އަދާކުރުމަށް ފަހު މި ރަށުގެ ގެސްޓް ހައުސްތަކުގައި ވެސް މަސައްކަތް ކުރުމަށް ފަހު ކަމަށް ރިޝްވާން ބުންޏެވެ.

"ސްކޫލް ދައުރުން ފެށިގެން އަޅުގަނޑު ހަމަ ރެޑީވީ މިކަމަށް," ރަޖުއާން ބުންޏެވެ.

"ރިސްކު ނަގަން ކެރެން ޖެހޭ"

ރިސޯޓުގައި އުޅުނު އިރު އެއްކުރި ފައިސާ އިން ގެސްޓް ހައުސް ފަށަންވި އިރު އޮތީ ކޮވިޑުގެ ނުރައްކަލާ ކުރިމަތިވެފަ އެވެ. އެ ދަނޑިވަޅަކީ ވިޔަފާރިއެއް ފަށަން އެންމެ ރަނގަޅު ވަގުތުތޯ އާއި ފައިސާ ހޭދަކޮށްގެން ފައިދާއެއް ލިބިދާނެތޯ ސުވާލު އުފެދުނު ކަމަށް ރިޝްވާން ބުންޏެވެ.

"ކޮވިޑާ ހެދި ލޯކަލް ޓޫރިޒަމަށް އެރި ލޮޅުމާ އެކު މި ޕްލޭނާ އެއްގޮތަށް ކުރަންވީތޯ ކުރަންވާ ވަރުގެ ކަމެއްތޯ ހަމަ ހިތަށް އެރި. އެކަމަކު އޭގެ ފަހުން ވެސް މި ރަށަށް ގެސްޓުން އަންނަން ފެށި ގޮތުން ޕޮޓެންޝަލް މާކެޓެއްކަން ޔަގީންވި. ދެން ހަމަ ކުރިއަށް ގެންދިޔައީ،" ރިޝްވާން ކިޔައިދިނެވެ.

ގެސްޓް ހައުސް އިމާރާތް ކުރުމުގެ މަސައްކަތް ކުރަނީ: މިތަނުގެ ހުރިހާ ކަމެއްގައި ވެސް އުޅުނީ ތިން މީހުން އެކީގައި.

ގެސްޓް ހައުސް އިމާރާތް ކުރުމުގެ މަސައްކަތް ކުރަނީ: މިތަނުގެ ހުރިހާ ކަމެއްގައި ވެސް އުޅުނީ ތިން މީހުން އެކީގައި.

ވަޒީފާގައި އުޅުނުއިރު އޭނާ ރައްކާކުރި ފައިސާއާ އެކު ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާ އާއި އެސްޑީއެފްސީން ދޫކުރި ލޯނުގެ 1.5 މިލިއަން ރުފިޔާ އިން ތަން އިމާރާތްކުރުމުގެ ހުރިހާ ކަމެއްގައި އެ ތިން މީހުން އުޅުނެވެ. ތަނަށް ބޭނުންވާ ސާމާނު ބޭރު ގައުމުތަކަށް ގޮސް ހޯދީ ވެސް ތިން މީހުން އެކުގަ އެވެ.

"ކޮންސެޕްޓުގައި އެންމެ ބޮޑަށް ބެލީ ގެސްޓުން ލައިކްވަނީ ކޮން ކަމެއްތޯ. ރޫމްތަކެއް ހަދައި ނިންމާލުމަށް ވުރެން ކަމުދާ ސާވިސްއެއް ދެވޭނެ ގޮތަކީ ކޮބައިތޯ ބެލީ. ރިސޯޓުގައި އުޅެ ލިބުނު ތަޖުރިބާއިން މިތަން ޑިޒައިންކުރީ," ރިޝްވާން ބުންޏެވެ.

"މި ޕްރޮޖެކްޓަށް ގާތްގަނޑަކަށް އެއް އަހަރާއި ހަ މަސް ހޭދަކުރަން ޖެހުނު. އަޅުގަނޑު އާއްމުކޮށް ބެލި ހިސާބުތަކާއި މީހުންނާ ވާހަކަ ދައްކާލައިގެން ބަޖެޓިން ހަދާލި އިރު ގާތްގަނޑަކަށް ދެ އަހަރުގެ ތެރޭގައި އިންވެސްޓްމަންޓް ކަވަވާނެ ކަމަށް މި ބަލަނީ."

ރަޖުވާން: އޭނާ ދެކޭ ގޮތުގައި ޒުވާންއިރު އަމިއްލަ ފައި މައްޗަށް ތެދުވަންޖެހޭ.

ރަޖުވާން: އޭނާ ދެކޭ ގޮތުގައި ޒުވާންއިރު އަމިއްލަ ފައި މައްޗަށް ތެދުވަންޖެހޭ.

ބޭބެގެ ވާހަކަތަކަށް ތާއީދުކުރަމުން ކޮއްކޮ ބުނީ ރިސްކް ނަގަން ކެރެން ޖެހޭ ކަމަށެވެ. ވިޔަފާރި ފުޅާކުރުމާއި ކުރިއެރުވުން އޮންނާނީ އެ ރިސްކުގެ މަތީގައި ކަން ތިން މީހުން ގަބޫލުކުރާ ކަމަށެވެ.

"ހަމަ ގައިމު ވެސް އަޅުގަނޑު ބޭނުންވޭ ޔަންގް އޭޖުގައި މި ވިޔަފާރީގައި ކުރިއަރަން. ފަހަރަކު ކަމެއް ދަސްކުރަމުން މި އަންނަނީ. ރޭގަނޑު އިންޓަނެޓް ސާޗްކޮށްގެން ސްޓަޑީ ވެސް ކުރަން. ސޭލްސް އެންޑް މާކެޓިން ދާއިރާގައި ވަރަށް ކުރިއަރަން ބޭނުންވޭ. ބޭބެ [ރިޝްވާން] އަކީ ސޭލްސް އެންޑް މާކެޓިންގައި އަޅުގަނޑަށް ރާއްޖެ އިން ފެނުނު ހަމަ އެންމެ ރަނގަޅު އެކަކު."

އޭނާ ބުނި ގޮތުގައި އަލަށް ފެށި ގެސްޓް ހައުސްއަކަށް ވާތީ އެންމެ ބޮޑު އިސްކަމެއް ދެނީ ގެސްޓުން އުފާވާ ފަދަ ޚިދުމަތެއް ދިނުމާއި ދިގުރަށަކީ އެނބުރި އަންނަ ވަރުގެ ތަނަކަށް ހެދުމަށެވެ. މި ޗެލެންޖުގައި މި ތިން ޒުވާނުން ކުރި ހޯދާނެކަން އެ ދައްކާ ސާބިތުކަމުން އެނގެ އެވެ.

"ދެ އަހަރު، އިރާދަކުރެއްވިޔާ ޕްލޭނުގައި އޮތް ގޮތަށް ކާމިޔާބުވާނެ." ތިން މީހުންގެ އުއްމީދު އާކުރަމުން ރިޝްވާން ބުންޏެވެ.