Roadha Mihaaru
ގުރައިދޫ ދާއިރާގެ ޕީޕީއެމް ޓިކެޓް ރިޒާގެ ކޮއްކޮއަށް

ގުރައިދޫ ދާއިރާގެ ޕީޕީއެމް ޓިކެޓް ރިޒާގެ ކޮއްކޮ އަށް

09 މާޗް 2023

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ޕީޕީއެމްގެ ޓިކެޓް، އެ ދާއިރާ ތަމްސީލްކުރައްވަނިކޮށް އަވަހާރަވެވަޑައިގަތް މެމްބަރު އިބްރާހިމް ރިޒާގެ ކޮއްކޮ، ހުސައިން ރިޒާއަށް ދީފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ޕީޕީއެމްގެ ޓިކެޓް، އެ ދާއިރާ ތަމްސީލްކުރައްވަނިކޮށް އަވަހާރަވެވަޑައިގަތް މެމްބަރު އިބްރާހިމް ރިޒާގެ ކޮއްކޮ، ހުސައިން ރިޒާއަށް ދީފި އެވެ.

އެ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަން ޕީޕީއެމުން ހުޅުވާލުމުން ކުރިމަތިލެއްވީ ހުސައިން ރިޒާ އެކަންޏެވެ.

ގުރައިދޫ ދާއިރާގެ މެންބަރުކަމުގައި މިދިޔަ ތިން ދައުރުގައި ހުންނެވި ރިޒާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނިކޮށް މިދިޔަ މަހުގެ 23 ގަ އެވެ.

ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، ހުސައިން ރިޒާއަށް އެ ޕާޓީގެ ޓިކެޓް ލިބިވަޑައިގަތީ މުއްދަތު ހަމަވިއިރު އެހެން އެއްވެސް މީހަކު ކުރިމަތިލާފައި ނުވާތީ ކަމަށެވެ. އޭނާއަކީ މިހާތަނަށް ޕީޕީއެމްގެ އާއްމު މެންބަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެއް ކަމަށް ހީނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވި ގޮތުގައި ހުސައިން ރިޒާގެ ކެމްޕޭން ވަރަށް އަވަހަށް އެ ޕާޓީން ފަށާނެ އެވެ.

ރިޒާ އަވަހާރަވުމުން، އާއިލާއަށް ތައުޒިޔާ ދެންނެވުމަށް ޕީޕީއެމްގެ ވަފުދެއް މިދިޔަ ހަފުތާގައި އެ ދާއިރާއަށް ވަޑައިގަތެވެ.

ޕީޕީއެމްގެ އިތުރުން ވެސް މި ދާއިރާއަށް ކެންޑިޑޭޓުން ވަނީ ނެރެން ޕާޓީތަކުން ވަނީ ނިންމައިފަ އެވެ. އެމްޑީޕީން ބައި އިލެކްޝަނަށް ހުޅުވާލާފައި އޮތް އިރު ދަނގެތީ ދާއިރާގެ މަންބަރު މުހައްމަދު ނާޒީމްގެ މޯލްޑިވްސް ނެޝަނަލް ޕާޓީގެ ކެންޑިޑޭޓަކީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރެއްވި އަލީ އަރީފެވެ.

އެމްޑީޕީގެ ޓިކެޓަށް އެދި ހަތަރު މީހަކު ވަނީ ކުރިމަތިލައިފަ އެވެ.

މިއީ މި ދައުރުގެ މަޖިލީހުގައި ބައި އިލެކްޝަން ބާއްވާ، ދެވަނަ ދާއިރާ އެވެ. މިދިޔަ އަހަރު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވީ، ކުރިން އެ ދާއިރާގައި މެންބަރުކަމުގައި ހުންނެވި ހުސައިން ވަހީދު އަވަހާރަވުމުންނެވެ.