Roadha Mihaaru
ތުރުކީއަށް ހަދިޔާކުރާ މަސްދަޅުގެ ފުރަތަމަބެޗް ފޮނުވައިފި

ރާއްޖެ އިން ތުރުކީ އަށް ހަދިޔާކުރާ މަސްދަޅުގެ ފުރަތަމަ ބެޗް ފޮނުވައިފި

05 މާޗް 2023

ބިން ހެލުމުގައި ހާލުގައި ޖެހިފައިވާ ސީރިޔާ އަދި ތުރުކީ އަށް ރާއްޖޭގެ ފަރާތުން ހަދިޔާ ކުރަން ނިންމާފައިވާ އެއް މިލިއަން މަސްދަޅުގެ ފުރަތަމަ ބެޗް ފޮނުވައިފި ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ބިން ހެލުމުގައި ހާލުގައި ޖެހިފައިވާ ސީރިޔާ އަދި ތުރުކީ އަށް ރާއްޖޭގެ ފަރާތުން ހަދިޔާ ކުރަން ނިންމާފައިވާ އެއް މިލިއަން މަސްދަޅުގެ ފުރަތަމަ ބެޗް ފޮނުވައިފި ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފެބްރުއަރީ 6، 2023 ގައި ތުރުކީ އާއި ސީރިއާގެ ބޯޑަރު ކައިރިއަށް އައި ބާރުގަދަ ބިން ހެލުމުގައި އެތައް ހާސް ބަޔަކު މަރުވެ ގެދޮރު ގެއްލި ހާލުގައި ޖެހުނު ހާދިސާ އާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ދެ ގައުމުގެ ރައީސުންނަށް ގުޅުއްވައި ދިވެހިންގެ ފަރާތުން، ކޮންމެ ގައުމަކަށް 500،000 މަސްދަޅު ހަދިޔާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ މަސްދަޅުތައް ގެންދާނީ ޓާކިޝް އެއާލައިންސް އިން ފަސް ބެޗަކަށް ބަހާލައިގެން ކަމަށާއި މިއަދު އޭގެ ފުރަތަމަ ބެޗް ތުރުކީގެ އޮފިޝަލުންނާ ހަވާލު ކޮށްދެއްވީ ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފް ކަމަށެވެ.

އަންނަ ހުކުރު ދުވަހުގެ ނިޔަލަށް 500،000 މަސްދަޅު ތުރުކީއަށް ފޮނުވާ ނިންމާލެވޭނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ބިން ހެލުންތަކުގައި ތުރުކީ ވިލާތުން މަރުވި މީހުންގެ އަދަދު ވަނީ 44218 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އަދި ސީރިޔާ އިން މަރުވި 5914 މީހުންނާ އެކު ދެ ގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު 50000 އަށް ވުރެ މައްޗަށް އަރާނެ ކަމަށް އދ. އިން ލަފާ ކުރެ އެވެ.