Roadha Mihaaru
ގައުމީ ޝޫޓިން ޓީމުން ރެކޯޑްތަކެއް މުގުރާލައިފި

ޖަކާޓާގައި ގައުމީ ޝޫޓިން ޓީމުން ރެކޯޑްތަކެއް މުގުރާލައިފި

06 މާޗް 2023

އިންޑޮނޭޝިއާގެ ޖަކާޓާގައި މިހާރު ކުރިއަށްދާ "އޭޝިއަން ރައިފަލް ޕިސްޓަލް ކަޕް 2023" ގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޝޫޓިން ޓީމުގެ އެތުލީޓުން ގައުމީ ތިން ރެކޯޑެއް މުގުރާލައިފި އެވެ.

އިންޑޮނޭޝިއާގެ ޖަކާޓާގައި މިހާރު ކުރިއަށްދާ "އޭޝިއަން ރައިފަލް ޕިސްޓަލް ކަޕް 2023" ގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޝޫޓިން ޓީމުގެ އެތުލީޓުން ގައުމީ ތިން ރެކޯޑެއް މުގުރާލައިފި އެވެ.

ރާއްޖޭގެ ޓީމުން ހޮނިހިރު ދުވަހު ވަނީ ދެ ރެކޯޑެއް މުގުރާލައިފަ އެވެ. އެއީ 10 މީޓަރު އެއާ ރައިފަލްގެ އަންހެން އަދި ފިރިހެން ރެކޯޑެވެ.

އަންހެން ރެކޯޑް މުގުރާލީ ސްޓާފް ސާޖަންޓް ޝަރަފިއްޔާ އަބްދުއްރަހްމާނެވެ. ޝަރަފިއްޔާ ރެކޯޑް މުގުރާލީ 589.6 ގެ ސްކޯއެއް ހަދައިގެންނެވެ. މީގެ ކުރިން މި ރެކޯޑް އޮންނަނީ 2019 ވަނަ އަހަރު އޮތް 13 ވަނަ ސައުތު އޭޝިއަން ގޭމްސް ގައި 589.3 ޕޮއިންޓް ހެދި ލާންސް ކޯޕްރަލް އާސިފާ ޖައުފަރު އަތުގަ އެވެ.

ފިރިހެނެ ރެކޯޑް ކޯޕްރަލް އިބްރާހިމް ޝިފާން މުގުރާލި 604.9 ގެ ސްކޯއެއް ހަދައިގެންނެވެ. ކުރިން މި ރެކޯޑް ހަދާފައި ވަނީ ފަސްޓް ސާޖަންޓް އަބްދުﷲ މުހައްމަދު 2018 ވަނަ އަހަރު އިންޑޮނޭޝިއާގެ ޕަލެމްބަން ގައި ބޭއްވި އޭޝިއަން ގޭމްސް ގައި 595.2 ޕޮއިންޓް ސްކޯ ކޮށްގެންނެވެ.

ޝަރަފިއްޔާ އާއި ޝިފާން ވަނީ އިއްޔެ ކުރިއަށް ދިޔަ 10 މީޓަރު އެއާ ރައިފަލް މިކްސްޑް އިވެންޓުގެ ގައުމީ ރެކޯޑް ވެސް މުގުރާލައިފަ އެވެ. ކުރިން މި ރެކޯޑް އޮތީ 2019 ވަނަ އަހަރު ނޭޕާލުގައި އޮތް ސައުތު އޭޝިއަން ގޭމްސް ގައި 575 ގެ ސްކޯ އެއް ހެދި އާސިފާ އާއި އަބްދުﷲ އަތުގަ އެވެ. ޝަރަފިއްޔާ އާއި ޝިފާން މި ރެކޯޑް މުގުރާލީ 592.3 ގެ ސްކޯއަކުންނެވެ.

ޖަކާޓާ ގައި މި މަހުގެ 1 އިން 10 އަށް ކުރިއަށްދާ އޭޝިއަން ރައިފަލް ޕިސްޓަލް ކަޕް 2023 ގައި އޭޝިއާގެ 12 ގައުމަކުން 107 އެތުލީޓުން ވާދަ ކުރެ އެވެ. ރާއްޖެ އާއި މުބާރާތް ބާއްވާ ގައުމު އިންޑޮނޭޝިއާގެ އިތުރުން ދެން ވާދަ ކުރާ ގައުމުތަކަކީ ހޮންގް ކޮންގް، ޖަޕާން، ދެކުނު ކޮރެއާ، ކުވޭތު، މެލޭޝިއާ، ނޭޕާލް، ޕިލިޕީންސް، ގަތަރު، ސިންގަޕޫރު އަދި ވިއެޓްނާމެވެ.

މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުގައި އަންހެން ދެ އެތުލީޓުންނާއި ފިރިހެން ދެ އެތުލީޓުން ހިމެނެ އެވެ. އަންހެން ދެ އެތުލީޓުންނަކީ ޝަރަފިއްޔާ އާއި ފާތިމަތު އިސްމާއިލް ޝަފީގެވެ. ފިރިހެން ތިން އެތުލީޓުންނަކީ ޝިފާންގެ އިތުރުން މާހީ އަލީ އަދި ޒިޔާން ޒިޔާއު އެވެ.