Roadha Mihaaru
ސްޓެމް ފެއާ ތަފާތު؛ އެއްވަނަ އިސްކަންދަރަށް

ތަފާތު ހުށަހެޅުންތައް ފެނުނު އުރީދޫ ސްޓެމް ފެއާގެ މޮޅު ސްކޫލަކަށް އިސްކަންދަރު

05 މާޗް 2023

އުރީދޫ ސްޓެމް ފެއާ 2023 ގެ އެންމެ މޮޅު ސްކޫލަކަށް އިސްކަންދަރު ސްކޫލް ހޮވިއްޖެ އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އުރީދޫ ސްޓެމް ފެއާ 2023 ގެ އެންމެ މޮޅު ސްކޫލަކަށް އިސްކަންދަރު ސްކޫލް ހޮވިއްޖެ އެވެ.

އުރީދޫ ސްޓެމް ފެއާގައި 7 ސްކޫލަކުން ނޮވިސް، ޖޫނިއާ އަދި ސީނިއާ ކެޓަގަރީގައި ބައިވެރިވެފައިވެ އެވެ. އިސްކަންދަރު ސްކޫލްގެ އިތުރުން ފެއާގައި ބައިވެރިވި ސްކޫލުތަކުގެ ތެރޭގައި އަރަބިއްޔާ ސްކޫލާއި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލާއި މަޖީދިއްޔާ ސްކޫލް އަދި ކަލާފާނު ސްކޫލް ހިމެނެ އެވެ.

ސީނިއާ ގުރޫޕުން އެއް ވަނަ އަށް ދިޔަ ގްރޫޕުން އިނާމާއި ހަވާލު ވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ސީނިއާ ގުރޫޕުން އެއް ވަނަ އަށް ދިޔަ ގްރޫޕުން އިނާމާއި ހަވާލު ވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ ފެއާ އަކީ ސްޓެމްގެ މާއްދާތައް ކަމަށްވާ ސައިންސް، ޓެކްނޮލަޖީ، އިންޖިނިއަރިން އަދި މެތަމެޓިކްސްގެ މައުލޫމާތު ދީ، އޭގެ އެހީގައި އެކި އީޖާދީ އުފެއްދުންތައް ދައްކާލެވޭނެ މާހައުލެއް ގާއިމުކުރުމަށް އުރީދޫ އިން ވިމެން އިން ޓެކް މޯލްޑިވްސްއާ ގުޅިގެން ބޭއްވި ފެއާއެކެވެ.

ވަނަތަކަށް ދިޔަ ސްކޫލުތަކާއި ޕްރޮޖެކްޓުތައް

ނޮއިސް ކެޓަގަރީ:

● ތިން ވަނަ - ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް، ސޯލާ ޑީހައިޑްރޭޓް ޕްރޮޖެކްޓް

● ދެ ވަނަ - އިސްކަންދަރު ސްކޫލް، ވޭސްޓް އިލެކްޓްރިސިޓީ ޕްރޮޖެކްޓް، މަޖީދިއްޔާ ސްކޫލް، ބައިސިކަލް އޮޕަރޭޓެޑް ވެންޑިން މެޝިން ޕްރޮޖެކްޓް އަދި އިސްކަންދަރު ސްކޫލް، އެއާ ޕޮލިއުޝަން ޑިޓެކްޓާ ޕްރޮޖެކްޓް

● އެއް ވަނަ - އިސްކަންދަރު ސްކޫލް، އިކޯ ފާމް ޕްރޮޖެކްޓް

ޖޫނިއާ ކެޓަގަރީ

● ތިންވަނަ - ކަލާފާނު ސްކޫލް، މޮޑަނައިޒްޑް ޒިބްރާ ކްރޮސިންގް ޕްރޮޖެކްޓް އަދި ގިޔާސުއްދީން ސްކޫލް، ވޭވް އެނާޖީ ޕްރޮޖެކްޓް

● ދެ ވަނަ - އިސްކަންދަރު ސްކޫލް، އޮއެވަށި ޕްރޮޖެކްޓް

● އެއް ވަނަ - ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް، ވޭވް ބެރިޔާ ޕްރޮޖެކްޓް

ސީނިއާ ކެޓަގަރީ

● ތިން ވަނަ - މަޖީދިއްޔާ ސްކޫލް، ކޮކޮނަޓް ސައިންސް ޕްރޮޖެކްޓް އަދި ކަލާފާނު ސްކޫލް، އިލެކްޓްރިސިޓީ އިން ފްލައިވިއު ޕްރޮޖެކްޓް

● ދެ ވަނަ - އިސްކަންދަރު ސްކޫލް، މަންފާ ޕްރޮޖެކްޓް

● އެއް ވަނަ - އިސްކަންދަރު ސްކޫލް، އަކުއަޕޮނިކްސް ޕްރޮޖެކްޓް

މި ފެއާގެ އޯވަރޯލް އެންމެ މޮޅު ސްކޫލަކަށް ހޮވުނީ އިސްކަންދަރެވެ.

އިއްޒުއްދީން ސްކޫލް ހޯލުގައި ބޭއްވި އުރީދޫ ސްޓެމް ފެއާ ނިންމުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ރާއްޖޭގައި ހުރި ގިނަ މައްސަލަތަކަކަށް ފެއާގައި ދަރިވަރުން ހުށަހެޅި އީޖާދީ ހައްލުތަކުން މުސްތަގުބަލަށް އޮތް އުއްމީދު އާވެއްޖެ ކަމަށެވެ. އަަދި އެ ފަދަ ޓެކްނޮލޮޖީތައް އުފެއްދޭނެ ބަޔަކު ބިނާކުރެވިއްޖެ ނަމަ، ރާއްޖޭގެ މުސްތަގުބަލު ވަރަށް އުޖާލާ ކަމަށް ވިދާޅުވި އެވެ. އަދި ސްޓެމްގެ މާއްދާތަކުން ކުރިއަށް ދިއުމަށް ދަރިވަރުންނަށް ފުރުސަތު ފަހިކޮށްދިނުމަށް ވެސް ބެލެނިވެރިންނަށް މިނިސްޓަރު ބާރު އެޅުއްވި އެވެ.

ފެއާ ނިމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔަޒް މޫސާ | މިހާރު

ފެއާ ނިމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔަޒް މޫސާ | މިހާރު

އެ ރަސްމިއްޔާތުގައި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވަނީ ފެއާ ވަރަށް ކާމިޔާބު ކަމަށާއި، މޮޅު އީޖާދުތަކެއް ފެނުނު ކަމަށް ވިދާޅުވެފަ އެވެ. އަދި ފެއާއިން ރާއްޖޭގެ ވެށިން ފެންނަ ތަކެތިން މައްސަލަތަކަށް ހައްލު ހޯދިދާނެ ގޮތްތައް ދަރިވަރުންގެ ފަރާތުން ފެނުނު ކަމަށާއި، ދަރިވަރުންގެ ހުރި މޮޅެތި ހިޔާލުތައް ފެނުނު ކަމަށް ވިދާޅުވި އެވެ.