Roadha Mihaaru
ޒިޔަދަމް މަރު: އެކަކު މަރަން ހުކުމް ކޮށްފި

ޒިޔަދަމް މަރު: އެކަކަށް މަރުގެ އަދަބު، ދެވަނަ މީހާ އުމުރަށް ޖަލަށްލާން ހުކުމްކޮށްފި

27 ފެބުރުއަރީ 2023

މީގެ ހަތް އަހަރު ކުރިން ލ. މުންޑޫގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި އަލީ ޒިޔަދަމްގެ މަރުގެ މައްސަލާގައި އެކަކު މެރުމަށް އަދި އެކަމަށް އެހީތެރިވި މީހާ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މީގެ ހަތް އަހަރު ކުރިން ލ. މުންޑޫގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި އަލީ ޒިޔަދަމްގެ މަރުގެ މައްސަލާގައި އެކަކު މެރުމަށް އަދި އެކަމަށް އެހީތެރިވި މީހާ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މާޗް، 2015 ގައި ހިންގި މާރާމާރީއެއްގައި މުންޑޫ ނޫވިލު، ޒިޔަދަމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ އެރަށު ހީނާވިލާ މުހައްމަދު ޝަނޫނާއި އެރަށު ބީޗްވިލާ އަލީ ސިފާމްގެ މައްޗަށެވެ. ދެ މީހުންގެ މައްޗަށް ވެސް ކުރީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ ސާބިތުވަނީ ޝަނޫންގެ މައްޗަށް އެކަނި ކަމަށެވެ. އަދި ސިފާމްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގައި ދައުވާ ކުރިޔަސް، އޭނާގެ މައްޗަށް ސާބިތުވީ މީހަކު މަރާލުމުގައި އެހީތެރިވުމުގެ ދައުވާ އެވެ.

މިއަދު ބޭއްވި މަޖިލީހުގައި އެ މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވީ ގަސްދުގައި މީހަކު މެރުމުގެ އަދަބަކީ އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ހުރިހާ ވާރިސުން ބޭނުންވާނަމަ މަރުގެ އަދަބު ދިނުން ކަމަށް ގާނޫނުގައި އޮންނާތީ އާއި ޒިޔަދަމްގެ ހުރިހާ ވާރިސުން މަރަށް މަރު ހިފަން އެދިފައިވާތީ ޝަނޫން މެރުމަށް ހުކުމް ކުރެއްވީ ކަމަށެވެ.

މީގެ އިތުރުން މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށަށް ގާނޫނުގައި އޮންނަނީ 15 އަހަރާއި 25 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަން ފާހަގަ ކުރައްވައި، ގާޒީ ޝަފީއު ވިދާޅުވީ ސިފާމް އެ އަމަލު ހިންގުމުގައި އަމަލުކުރި ގޮތަށް ބެލުމަށް ފަހު 25 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރެއްވީ ކަމަށެވެ.

ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރަން ޖެހޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އަދަބު ކަނޑައެޅުމުގެ ކުރިން އަދަބާ ބެހޭގޮތުން ވާހަކަ ދައްކަން ދިން ފުރުސަތުގައި ދައުލަތުން ވެސް އެދުނީ މިގޮތަށެވެ. އެއީ ޝަނޫނާއި ސިފާމް ވެސް ކުށްކުރުމުގައި ބައިވެރިވި ގޮތަށް ބަލައިގެންނެވެ.

ޒިޔަދަމްގެ ވާރިސުންގެ ތެރޭގައި އޭނާގެ ދަރިއަކު ހުރެ އެވެ. އަދި ކުއްޖާއަކީ ބާލިޣުނުވާ ކުއްޖަކަށް ވާތީ، ކުއްޖާގެ ބަހެއް ލިބެންދެން މަޑުކުރުމެއް ނެތި، ޝަނޫނަށް މަރުގެ އަދަބު ދެވިދާނެ ކަމާ މެދު ޝަނޫންގެ ވަކީލުން ސުވާލު އުފެއްދެވި އެވެ.

އެކަމަކު ގާޒީ ޝަފީއު ވިދާޅުވީ ވާރިސުންގެ ގޮތުގައި ބަސް ހޯދޭނީ 15 އަހަރު ފުރިފައިވާ މީހުން އެކަނި ކަމަށް ގަވާއިދުގައި އޮންނަ ކަމަށެވެ. އަދި ޒިޔަދަމްގެ ދަރިފުޅުގެ އުމުރުން 15 އަހަރު ނުވާތީ އޭނާގެ ބަސް ހޯދަން ނުޖެހޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ސިފާމްގެ ވަކީލުން ވިދާޅުވީ އޭނާގެ މައްޗަށް ކަނޑައެޅޭނީ ގާނޫނުލް އުގޫބާތުގެ ދަށުން ހަ އަހަރުގެ ދުވަހުގެ ޖަލު ހުކުމެއް ކަމަށެވެ. ސަބަބެއްގެ ގޮތުން ވަކީލުން ވިދާޅުވީ ކުށުގެ ރުކުންތައް ފުރިހަމަވަނީ ގާނޫނުލް އުގޫބާތުގެ ދަށުން ކަމަށްވާތީ ކަމަށެވެ.

އެހެން ނަމަވެސް ހުކުމުގައި ގާޒީ ޝަފީއު ވިދާޅުވީ އެ ކުށުގެ ރުކުންތައް ފުރިހަމަވެފައިވަނީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ކަމަށެވެ. އެހެންވެ، ގާނޫނުލް އުގޫބާތުގައި އޮންނަ ލުއި އަދަބު ނުދެވޭނެ ކަމަށް ގާޒީ ނިންމެވި އެވެ.

ޝަނޫން މެރުމަށް ހުކުމް ކުރިޔަސް، މަރުގެ އަދަބު ތަންފީޒު ކުރާނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމުމުންނެވެ. ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބެއް ތަންފީޒު ކުރީ 1953 ވަނަ އަހަރު އެވެ.