19 ޖެނުއަރީ 2017
ގދ. ކާޑެއްދޫ އެއާޕޯޓް ސަރުކާރުން އަތުލީ، އެތަން އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރުމަށްޓަކައި ބޮޑު އިންވެސްޓްމަންޓަކާ ދިމާލަށް މިސްރާބު ޖަހާފައި ވަނިކޮށް ކަމަށް ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ގދ. ކާޑެއްދޫ އެއާޕޯޓް ސަރުކާރުން އަތުލީ، އެތަން އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރުމަށްޓަކައި ބޮޑު އިންވެސްޓްމަންޓަކާ ދިމާލަށް މިސްރާބު ޖަހާފައި ވަނިކޮށް ކަމަށް ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ކާޑެއްދޫ އެއާޕޯޓުގެ ބައެއް ކަންކަން ސިވިލް އޭވިއޭޝަންގެ ގަވާއިދުތަކާއި މިންގަނޑުތަކާ ހިލާފަށް ހުރި ކަމަށް ބުނެ، އެތަން ސަރުކާރުން އިއްޔެ އަތުލި މައްސަލާގައި "މިހާރު" އާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އެއީ ވިލާ އަށް ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އަދި ސިވިލް އޭވިއޭޝަންގެ ވާހަކަތައް މުޅިން ރަނގަޅު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެ ފަހުން އެ ބޭފުޅުން ކުރި އޮޑިޓުން ވެސް ފާހަގަވި ކަންތައްތައް ރަނގަޅު ކުރަން މުއްދަތެއް ދިން. އެ މުއްދަތުގެ ތެރޭގައި ކަންކަން ހުންނާނީ ރަނގަޅު ކޮށްފައި. އަޅުގަނޑަށް ބޮޑަށް ހީވަނީ އޮޑިޓުން ފާހަގަކުރި ކަންތައްތަކުގެ ތެރެއިން އަދި ފުރިހަމަ ވެފައި ނެތީ ފަޔާ ޓްރަކެއް ގެނައުމުގެ ކަންތައް ހެން. އެއީ މާ ސީރިއަސް ކަމެއް ވެސް ނޫން. އެ ފަޔާ ޓްރެކަށް ވެސް ފައިސާ ދައްކައި، ގެނައުމުގެ މަގުމަތީގައި އުޅެނިކޮށް އެއާޕޯޓް މި އަތުލީ،" ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވި އެވެ.
މީގެ އިތުރުން އާ ޖަނެރޭޓަރުތައް ބަހައްޓައި އަދި ސްކޭން މެޝިން ބެހެއްޓުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ގެންދާ ކަން ގާސިމް ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރުމަށްޓަކައި 200 މިލިއަން ޑޮލަރަށް ވުރެ ބޮޑު އިންވެސްޓްމަންޓަކާ ދިމާލަށް ވަނީ އަމާޒު ހިފައިފަ އެވެ. އެގޮތުން އެތަނަށް ފައިނޭންސް ކުރެވޭނެ ގޮތެއް ބެލުމަށްޓަކައި ވަރަށް ފަހުން ވެސް ބޮޑު ޓީމެއް ކާޑެއްދު އަށް ގޮސް އެތަން ބަލާފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރުމަށްޓަކައި ކާޑެއްދޫ އެއާޕޯޓުން 2.8 ހެކްޓަރު ހިއްކަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި ކާޑެއްދޫ އެއާޕޯޓް ހިންގުން ވިލާ އެއާއާ 2013 ސަރުކާރުން ހަވާލުކުރީ، އެއާޕޯޓް ހިންގުމުގެ ތެރޭގައި ކުންފުންޏަށް ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި ރަށެއް ދޭ ގޮތަށެވެ. އެކަމަކު މިހާ ހިސާބަށް ވެސް ސަރުކާރުން އެކަމަށް އަލިމަގެއް ނުދެއްކުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ކާޑެއްދޫ އެއާޕޯޓް: މިތަން ވިލާ އެއާ އަތުން ނެގިއިރު، އެތަން އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރަން ރާވާފައިވާ ކަމަށް ގާސިމް ވިދާޅުވޭ.--- ފްލައިޓް ފޯރަމް
"އޭގެ ސަބަބުން އަޅުގަނޑުމެންނަށް މިހާތަނަށް ވެސް 60 މިލިއަން ރުފިޔާގެ ގެއްލުން މިވަނީ ވެފައި. އަޅުގަނޑުމެންނަށް ދޭނެ ރަށެއް މިހާތަނަށް ސަރުކާރަށް ކަނޑަނޭޅި މިހާ ގިނަ ދުވަސް މިވީ. ތަފާތު ރަށްތައް އަޅުގަނޑުމެން ވެސް ދައްކައިފިން. އެއާޕޯޓާ އެހާ ދުރު ނޫން ރަށެއް ދިނުމަށް އެދުނިން. އެއާޕޯޓާ އެހާ ދުރުވެއްޖިއްޔާ ލޮޖިސްޓިކް ބައެއް ކަންކަން ހަމަޖައްސަން އުނދަގޫވާނެތީ އެގޮތަށް ވެސް އެދުނީ. އެކަމަކު ސަރުކާރުގެ ކޮމިޓްމަންޓް މިހާތަނަށް ވެސް ފުލްފިލް ވެފައި ނެތުމަކީ އަޅުގަނޑުމެން ހިތާމަކުރާ ކަމެއް،" ގާސިމް ވިދާޅުވި އެވެ.
އދ. މާމިގިލީ އެއާޕޯޓް ޑޮމެސްޓިކް އެއާޕޯޓަކަށް ޖޫން 1، 2016 އިން ފެށިގެން ބަދަލުކުރީ ވިލާ އިން އެދިގެން ކަމަށް ސަރުކާރުން އިއްޔެ ބުނެފައިވާއިރު، އެކަމާ ގާސިމް ވެސް ދެކޮޅެއް ނުހައްދަވަ އެވެ.
އެކަމަކު އެކަން އެގޮތަށް ހަދަން މަޖުބޫރުވީ، މާމިގިލީ އެއާޕޯޓް، އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ހިންގާއިރު، ސަރުކާރަށް ދައްކަންޖެހޭ އެކި ކަހަލަ ޓެކްސްތައް މާ ބޮޑަށް އިތުރުވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވެ އެހާ ބައިވަރު ފައިސާ އިތުރަށް ދައްކާފައި އިންޓަނޭޝަނަލް އެއާޕޯޓެއް ހިންގުމަކީ ހަރަދު ދެކޮޅު ނުޖެހޭނެ ކަމަކަށް ވާތީ، މާމިގިލީ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއްބަސްވުން ބާތިލް ކުރިޔަސް މައްސަލައެއް ނެތޭ އަޅުގަނޑުމެން ދެންނެވިން. އެހެންވީމާ ސަރުކާރުން އެ ދައްކަނީ ރަނގަޅު ވާހަކައެއް،" ގާސިމް ވިދާޅުވި އެވެ.
ނަމަވެސް އޭނާ ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓް އަދި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓެކޭ އެއްގޮތަށް، ހަމަހަމަ ފުރުސަތުތަކެއް މާމިގިލީ އެއާޕޯޓް، އިންޓަނޭޝަނަލް ކުރާއިރު ލިބިދިނުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.
ގާސިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓް އަތުލި މައްސަލަ ރައީސް އަބްދުﷲ ޔާމީންގެ ސަމާލުކަމަށް އިއްޔެ ގެންނަވާފައިވާ ކަމަށެވެ. އެގޮތުން އެސްއެމްއެސް އަކުން އެމަނިކުފާނަށް މި މައްސަލަ ދެންނެވުމުން، ސިވިލް އޭވިއޭޝަންގެ އޮޑިޓާ ގުޅޭ ލިޔެކިޔުންތައް ގެންނަވައި ކަން ހިނގި ގޮތް ބައްލަވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ގާސިމް ވިދާޅުވި އެވެ.
"މިކަން ހިނގި ގޮތް ރައީސުލްޖުމްހޫރިއްޔާ އަށް ސާފުވެވަޑައިގަތީމާ ގޯސްވާނެ ކަމަކަށް އަޅުގަނޑު ނުދެކެން. އަޅުގަނޑުމެންގެ އަތުގައި ވެސް އެބަހުރި، ހުރިހާ ލިޔެކިޔުންތައް،" މާމިގިލީ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ ކާޑެއްދޫ އެއާޕޯޓް އަތުލި ދެވަނަ ފަހަރު ކަމަށް ވާއިރު، އެތަން ފަހުން އަތުލި މައްސަލަ ހައްލު ނުވެއްޖެ ނަމަ ކޯޓަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ.
ވިލާ އަށް ކާޑެއްދޫ އެއާޕޯޓް ދިނީ ނޮވެމްބަރު 2013 ގައި ކަމަށް ވިޔަސް. ސަރުކާރު ކޯލިޝަނުން ވަކިވެ، އިދިކޮޅު އެމްޑީޕީއާ އެކު ގާސިމް މަސައްކަތް ކުރައްވަން ފެއްޓެވުމާ އެކު، އެއާޕޯޓް އަތުލަން ނިންމައި އެ ކަމުގެ ނޯޓިސް އޮގަސްޓް 2014 ގައި ޓޫރިޒަމް މިނިސްޓްރީން ފޮނުވި އެވެ. ވިލާ އިން އެ ފަހަރު ކޯޓަށް ދިއުމުން އެ ނޯޓިހަށް އަމަލުކުރުން ފަސްކުރަން ކޯޓުން އަމުރެއް ނެރެފައި ވަނިކޮށް، ސަރުކާރުން ވަނީ ސެޕްޓެމްބަރު 2014 ގައި ކާޑެއްދޫ އެއާޕޯޓް އަލުން ވިލާ އަށް ދީފަ އެވެ.
ހަމަ އެ ބުރުގައި މާމިގިލީ އެއާޕޯޓް ވެސް ޑޮމެސްޓިކް އެއާޕޯޓަކަށް ބަދަލުކުރި އެވެ.
ކާޑެއްދޫ އެއާޕޯޓު ސަރުކާރުން އަތުލައި މާމިގިލީ އެއާޕޯޓް ޑޮމެސްޓިކް ކުރިއިރު، ގާސިމް ވަނީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއީދު ކުރައްވަން ނިންމަވައިފަ އެވެ. އެކަމަކު އޭގެ ފަހުން އެންމެ ފަހަރަކު ނޫނީ މައުމޫނާ ބައްދަލު ނުކުރައްވާ ކަމަށް ވެ އެވެ.
ކުއްލި ހާލަތެއް ނަމަ މާމިގިލީ އެއާޕޯޓު ބޭނުންކުރަނީ
ވިލާ އިން ހިންގާ ކާޑެއްދޫ އެއާޕޯޓުގެ ފެންވަރު ބަލައިފި
މައުމޫނަށް ދިމާވި ހާލަތަކީ ރައީސާއި ނަޝީދަށް އިބުރަތެއް
މަތީނަށް ޕީޕީއެމްގެ ޓިކެޓު ގެއްލި، މަގާމު ދޫކޮށްލައިފި
އެމްޑީޕީ ނޫން ޕާޓީތަކާ މަޝްވަރާކުރަން ތައްޔާރު: ޔާމީން
ކޯލިޝަން "ރޫޅި" އެ ތަޖުރިބާ! ހައްލެއް ނެތް؟
ޔާމީނަށް އަނިޔާވެރިވާކަށް ނޭދެން: ގާސިމް
ވެރިކަން ނުފެށޭ، ކޭކު ފޮތިކުރުމާއި ކޭކު މިލްކު ކުރުން
އިބޫ އެއްވެސް ރައްޔިތަކަށް އަނިޔާވެރި ނުވާނެ: ރިޔާޒް
އިންތިހާބުގެ މައްސަލައަށް ތަދައްޚުލްވުމުގެ ފުރުސަތު ދީފި