Roadha Mihaaru
ދަމާސް އިން ލޭ ހަދިޔާކުރުމުގެ ކޭމްޕް ފަށައިފި

ދަމާސްގެ އަހަރީ ދުވަހުގެ ބްލަޑް ޑޮނޭޝަން ކޭމްޕް ފަށައިފި؛ ގިނަ އަދަދެއްގެ މުވައްޒަފުން ލޭ ހަދިޔާ ކުރާނެ

26 ފެބުރުއަރީ 2023

ދަމާސް އިން ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅުވައިގެން ގިނަ ބަޔަކަށް ފައިދާވާނެ ހިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ލޭ ހަދިޔާކުރުމުގެ މި އަހަރުގެ ކޭމްޕު، އެ ކުންފުނީގެ ގިނަ މުވައްޒަފުންގެ ބައިވެރިވުމާ އެކު މިއަދު ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ދަމާސް އިން ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅުވައިގެން ގިނަ ބަޔަކަށް ފައިދާވާނެ ހިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ލޭ ހަދިޔާކުރުމުގެ މި އަހަރުގެ ކޭމްޕު، އެ ކުންފުނީގެ ގިނަ މުވައްޒަފުންގެ ބައިވެރިވުމާ އެކު މިއަދު ފަށައިފި އެވެ.

ދަމާސްގެ 22 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ފެށި ލޭ ހަދިޔާކުރުމުގެ ކޭމްޕުގައި ލޭ ހަދިޔާކުރުމުގެ ފުރުސަތު ކުންފުނީގެ މުވައްޒަފުންނާއި މުވަޒަފުންގެ އާއިލާތަކުގެ މެމްބަރުންނާއި ކަސްޓަމަރުންނަށް ވެސް އޮންނާނެ އެވެ. މި ކޭމްޕް މިއަދު ހަވީރު ހަތަރެއް ޖަހަންދެން ކުރިއަށް ގެންދާނެ އެވެ.

ދަމާސް އިން ލޭ ހަދިޔާ ކުރުމަށް ހިންގި ހަރަކާތުގެ ބައިވެރިން -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ދަމާސް އިން ލޭ ހަދިޔާ ކުރުމަށް ހިންގި ހަރަކާތުގެ ބައިވެރިން -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މި އަހަރު ލޭ ހަދިޔާ ކުރުމަށް އެ ކުންފުނީގެ ވަރަށް ގިނަ މުވައްޒަފުން ވަނީ ނަން ނޯޓުކޮށްފަ އެވެ. އެ އަދަދަކީ މި ދިޔަ އަހަރަށް ވުރެ ގިނަ އަދަދެއް ކަމަށާއި ކޮންމެ އަހަރަކު ވެސް އޭގެ ކުރީ އަހަރަށް ވުރެ ގިނަ ބަޔަކު ލޭ ހަދިޔާ ކުރުމަށް ހިތްވަރުދެމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދަމާސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސޯލިހު ވިދާޅުވި ގޮތުގައި އެ ކޭމްޕަކީ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވާނެ ކޭމްޕެކެވެ.

"މިއީ އަޅުގަނޑުމެން މޯލްޑިވްސް ބްލަޑް ޑޮނޭޝަންއާ ގުޅިގެން ކުރިއަށް ގެންދާ 12 ވަނަ ކޭމްޕް. މި ކޭމްޕުގައި [ކުންފުނީގެ] 50 ޕަސެންޓަށް ވުރެ ގިނަ މުވައްޒަފުން ލޭ ހަދިޔާ ކުރާނެ ކަމަށް އެސްޓިމޭޓު ކުރެވޭ. ކުރިއަށް އޮތް އަހަރުތަކުގައި ވެސް މި ކޭމްޕު އަޅުގަނޑުމެން ކުރިއަށް ގެންދާނަން." އޭނާ ވިދާޅުވި އެވެ.

ދަމާސްގެ ބްލަޑް ޑޮނޭޝަން ކޭމްޕުގައި ލޭ ހަދިޔާކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ދަމާސްގެ ބްލަޑް ޑޮނޭޝަން ކޭމްޕުގައި ލޭ ހަދިޔާކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ދަމާސްގެ އެޑްމިން ޑިރެކްޓަރު އަބްދުﷲ އާދަމް ވިދާޅުވި ގޮތުގައި ބްލަޑް ޑޮނޭޝަން ކޭމްޕަކީ ކޮންމެ އަހަރަކު ވެސް މުވައްޒަފުންގެ ބޮޑު އެއްބާރުލުމަކާއި ތަރުހީބަކާ އެކު ކާމިޔާބުކަމާ އެކު ކުރިއަށް ގެންދާ ކޭމްޕެކެވެ.

"މި ކޭމްޕު މިހާ ފުރިހަމަކޮށް މެދެކެނޑުމެއް ނެތި ކުރިއަށް ދަނީ މުވައްޒަފުންގެ ފަރާތުން ލިބޭ އެއްބާރުލުމުގެ ސަބަބުން. މި ފަދަ ކޭމްޕެއް އަޅުގަނޑުމެން ކުރިއަށް ގެންދަނީ ލޭ ހޯދުމުގައި އަބަދުވެސް ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިވާތީ، ގިނަ ބަޔަކަށް މަންފާކުރާނެ ކަމެއް ކުރުމުގެ ގޮތުން." އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުޖުތަމައަށް ފައިދާކުރަނިވި ކަންތައްތައް ކުރުމަށް އެ ކުންފުނިން އަހައްމިޔަތުކަން ދޭ ކަމަށެވެ. އެ ކުންފުނިން ކުޑަކުދިންގެ ހިޔާ އާއި ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއި، އެކި ޖައްމިއްޔާތަކަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ދަމާސްއިން މި ދިޔަ އަހަރު ކުރިއަށް ގެންދިޔަ ބްލަޑް ޑޮނޭޝަން ކޭމްޕުގައި ވެސް ގިނަ ބަޔަކު ލޭ ހަދިޔާކުރި އެވެ.