Roadha Mihaaru
ތިމަރަފުށި ބަލިކޮށް ތ. އަތޮޅުގެ ތަށި ކިނބިދޫ އަށް

ތިމަރަފުށި ބަލިކޮށް ތ. އަތޮޅު ޗެމްޕިއަންކަން ކިނބިދޫ އަށް

25 ފެބުރުއަރީ 2023

އެންމެ ފަހުން ބޭއްވި ގޯލްޑަން ފުޓްސަލް މުބާރާތުގެ ފައިނަލްގައި ކުޅުނު ތިމަރަފުށި 3-2 އިން ބަލިކުރުމަށް ފަހު ތ. އަތޮޅުގެ ޗެމްޕިއަން ، ކިނބިދޫ ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އެންމެ ފަހުން ބޭއްވި ގޯލްޑަން ފުޓްސަލް މުބާރާތުގެ ފައިނަލްގައި ކުޅުނު ތިމަރަފުށި 3-2 އިން ބަލިކުރުމަށް ފަހު ތ. އަތޮޅުގެ ޗެމްޕިއަން ، ކިނބިދޫ ހޯދައިފި އެވެ.

ރޭ ކުޅުނު މި އަހަރުގެ ތ. އަތޮޅު ފައިނަލް ގައި ކިނބިދޫ އިން ލީޑު ނެގީ ފުރަތަމަ ހާފު ނިމެން ހަތް މިނިޓަށް ވެފައި ވަނިކޮށް އިމްރާހް ތަނަވަސް ކުރި ފުރުސަތަކުން ބަދަލަކަށް އެރި ފަލާހު ކާމިޔާބު ކުރި ގޯލުންނެވެ. ނަމަވެސް ހާފު ނިމެން ހަތަރު ވަރަކަށް މިނިޓަށް ވެފައި ވަނިކޮށް ތިމަރަފުށްޓަށް އެއްވަރު ކޮށްދިނީ އަލީ ޝިފާއު (ރޮނާ) އެވެ.

މެޗު އެއްވަރު ވާން ދަނިކޮށް އެންމެ ފަހު ވަގުތުކޮޅު ތެރޭ ކިނބިދޫ އިން ޝާފިއު އާއި ހަމްދާން ޖެހި ގޯލުންނެވެ. ދެ ގޯލުގައި ވެސް ކިނބިދޫގެ ޝަހާއު ގެ މަސައްކަތް ފާހަގަ ކޮށްލެވެ އެވެ. ނިމެން ސިކުންތުކޮޅަކަށް ވެފައި ވަނިކޮށް ދުރުން ލިބުނު ހިލޭޖެހުމެއް ގޯލަށް ފޮނުވާލައިގެން ތިމަރަފުށްޓަށް ފަރަގު ކުޑަ ކޮށްދިނީ އަލީ ސިނާހު (ސިނާ) އެވެ.

ތ. އަތޮޅު ފައިނަލް ގައި ކިނބިދޫ އާއި ތިމަރަފުށީ ބައްދަލު ކުރި މެޗްގެ ތެރެއިން.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

ތ. އަތޮޅު ފައިނަލް ގައި ކިނބިދޫ އާއި ތިމަރަފުށީ ބައްދަލު ކުރި މެޗްގެ ތެރެއިން.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކިނބިދޫ ޓީމްގެ ގޯލްކީޕަރު މުހައްމަދު އަނަސް އެވެ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ވެސް ތިމަރަފުށީ ޓީމްގެ އިބްރާހިމް ހަމްދާން އެވެ.

ތ. ކިނބިިދޫގެ އިތުރަށް ފަސް ރަށަކުން ވަނީ އިއްޔެ އަތޮޅު ޗެމްޕިއަންކަން ހޯދައި ތަށި އުފުލާލައިފަ އެވެ. އެއީ އދ. މާމިގިލި، އއ. ބޮޑުފޮޅުދޫ، ލ. ގަން، ޅ. ކުރެންދޫ އަދި ގދ. ވާދޫ އެވެ.

މާމިގިލިން އދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ އިއްޔެ ހަވީރު ރެހެންދި ޓާފް ދޭއް ގައި ކުޅުނު ފައިނަލް މެޗް ގައި، މުބާރާތުގައި އަލަށް ވާދަކުރާ މަހިބަދޫއާ ވާދަކޮށް 3-2 އިންނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކީ މާމިގިލީގެ އަހުމަދު ނިޒާމް އެވެ. އެ އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހީ މާމިގިލީގެ އަލީ ހިސާމް އެވެ. އެންމެ މޮޅު ކުޅުންތެރިއަކީ މާމިގިލީގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އެވެ.

އދ. ޗެމްޕިއަން މާމިގިލި (ކ) އަދި އއ. ޗެމްޕިއަން ބޮޑުފޮޅުދޫ (ވ).-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ/ ސިޑިބަރި

އދ. ޗެމްޕިއަން މާމިގިލި (ކ) އަދި އއ. ޗެމްޕިއަން ބޮޑުފޮޅުދޫ (ވ).-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ/ ސިޑިބަރި

ހަމަ އެވަގުތު ޓާފް އެކެއްގައި ކުޅެވުނު އއ. އަތޮޅުގެ ފައިނަލް ގައި ބޮޑުފޮޅުދޫން ޗެމްޕިއަންކަން ހޯދީ، މިދިޔަ އަހަރުގެ ޗެމްޕިއަން މަތިވެރި 5-2 އިން ބަލިކޮށްގެންނެވެ. މި އަތޮޅުން އެންމެ ގިނަ ލަނޑު ޖެހީ މަތިވެރި ޓީމްގެ އަލީ އަލްސަން އެވެ. އަދި އެންމެ މޮޅު ކުޅުންތެރިއަކީ ބޮޑުފޮޅުދޫގެ އަހުމަދު ރިޔުޝާން އެވެ.

ރޭ އެންމެ ފުރަތަމަ އޮތީ ލ. އަތޮޅުގެ ފައިނަލެވެ. ގަން ފަސްވަނަ ފަހަރަށް އަތޮޅު ޗެމްޕިއަންކަން ހޯދީ އިސްދޫއާ ވާދަކޮށް 4-0 އިން މެޗް ކާމިޔާބު ކޮށްގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގަމުގެ ހުސެއިން ޝަރީފް (އޮންލީ) އެވެ. އަތޮޅުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިިއަކީ އިސްދޫގެ ކެޕްޓަން އަލީ ހުމޭޒު އެވެ. އަދި އެންމެ މޮޅު ކުޅުންތެރިއަކީ ގަން ޓީމުގެ އަލީ ޝާމިސް (ތޮއްޕޭ) އެވެ.

ލ. އަތޮޅު ޗެމްޕިއަންކަން ހޯދި ގަން.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

ލ. އަތޮޅު ޗެމްޕިއަންކަން ހޯދި ގަން.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

އެންމެ ފަހު ދެ ފައިނަލް ކުޅުނީ އެއް ވަގުތެއްގަ އެވެ. ޓާފް އެކެއްގައި ކުޅުނީ ޅ. އަތޮޅު ފައިނަލް މެޗެވެ. މި އަތޮޅުން ބައިވެރިވީ ދެ ރަށަކުންނެވެ. އެހެންވެ ޗެމްޕިއަންކަން ހޮވީ ދެ ޓީމުގެ މެދުގައި ދެ ލެގަށް ފައިނަލެއް ކުޅުމަށް ފަހު އެވެ. މިދިޔަ އަހަރުގެ ޗެމްޕިއަން ހިންނަވަރާ ވާދަކޮށް ފުރަތަމަ ލެގު 1-0 އިން ކާމިޔާބު ކުރީ ކުރެންދޫ އެވެ. ކުރެންދޫ ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ދެވަނަ ލެގް މެޗް 1-1 އިން އެއްވަރު ކޮށްލައިގެންނެވެ. ރޭގެ މެޗްގެ މޮޅު ކުޅުންތެރިއަކީ ކުރެންދޫގެ މުހައްމަދު އާދަމް އެވެ. ދެ މެޗުން ފެނުނު ތިން ގޯލު ޖެހި ވަކިވަކި ކުޅުންތެރިންނަށް ވެސް ވަނީ ޓޮޕް ސްކޯރާ އެވޯޑް ދީފަ އެވެ. އެއީ ކުރެންދޫ އަހުމަދު އިކްރާމާއި އަހުމަދު މާދިހު އަދި ހިންނަވަރުގެ އަހުމަދު އަބްދުﷲ އެވެ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިއަކީ ކުރެންދޫގެ އަބްދުލް ވާހިދު (ވާޑު) އެވެ.

ޅ. އަތޮޅުގެ ޗެމްޕިއަން ކުރެންދޫ (ކ) އަދި ގދ. އަތޮޅު ޗެމްޕިއަންކަން ހޯދި ވާދޫ.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

ޅ. އަތޮޅުގެ ޗެމްޕިއަން ކުރެންދޫ (ކ) އަދި ގދ. އަތޮޅު ޗެމްޕިއަންކަން ހޯދި ވާދޫ.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

ޓާފް ދޭއް ގައި ކުޅުނީ ގދ. އަތޮޅުގެ ފައިނަލެވެ. ގައްދޫއާ ވާދަކޮށް އެންމެ ފަހު ވަގުތު ލަނޑުތައް ޖަހައި 2-0 އިން މޮޅުވެ ވާދޫ ވަނީ މި އަތޮޅުގެ ޗެމްޕިއަންކަން ދިފާއު ކޮށްފަ އެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާގެ އިތުރުން އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަދި އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދީ ވާދޫގެ މުހައްމަދު އިޔާދު އެވެ.

ޒޯން ބުރުގެ މެޗްތައް ވެސް އިއްޔެ ވަނީ ފަށައިފަ އެވެ. ޒޯން އެކެއްގެ ހދ. ނާވައިދޫ އާއި ހދ. ނޭކުރެންދޫ ކުޅުނު މެޗް 5-3 އިން ކާމިޔާބު ކުރީ ނާވައިދޫ އެވެ. އަދި ށ. ކަނޑިތީމާއި ށ. ފޯކައިދޫ ބައްދަލުކުރި މެޗް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

މާލޭ ސަރަހައްދުގެ އަވަށްތައް ހިމެނޭ ޒޯން 8 ގެ ދެ މެޗް ރޭ ކުޅުނެވެ. އެންމެ ފުރަތަމަ މައްޗަންގޮޅި އާއި މާފަންނު ކުޅުނު މެޗް ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. އަދި ހުޅުމާލެ އާއި ވިލިމާލެ ބައްދަލުކުރި މެޗް އެއްވަރުވީ 3-3 އިންނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް ގައި މިއަދު އޮތީ ހުސް އަތޮޅު ޗެމްޕިއަންހަން ކަނޑައަޅާ ފައިނަލް މެޗްތަކެވެ. މިއަދުގެ މެޗްތަކަށް ފަހު ފ. ރ. ބ. މ. ދ. ސ. އަދި ކ. އަތޮޅުގެ ޗެމްޕިއަންކަން ކަނޑައެޅޭނެ އެވެ.

މިއަދާއި މިރޭގެ ފައިނަލް މެޗްތައް:

16:00 (ރެހެންދި ޓާފް 1 - ފ. އަތޮޅު ފައިނަލް) : ނިލަންދޫ - މަގޫދޫ

16:00 (ރެހެންދި ޓާފް 2 - ރ. އަތޮޅު ފައިނަލް) : އިނގުރައިދޫ - ދުވާފަރު

20:00 (ރެހެންދި ޓާފް 1 - ބ. އަތޮޅު ފައިނަލް) : އޭދަފުށި - ފެހެންދޫ

20:00 (ރެހެންދި ޓާފް 2 - މ. އަތޮޅު ފައިނަލް) : ނާލާފުށި - ދިއްގަރު

21:00 (ރެހެންދި ޓާފް 1 - ދ. އަތޮޅު ފައިނަލް) : މާއެނބޫދޫ - ކުޑަހުވަދޫ

21:00 (ރެހެންދި ޓާފް 2 - ސ. އަތޮޅު ފައިނަލް) : ފޭދޫ - މަރަދޫފޭދޫ

22:00 (ރެހެންދި ޓާފް 2 - ކ. އަތޮޅު ފައިނަލް) : މާގާފަރު - ދިއްފުށި