Roadha Mihaaru
ތުރުކީ އަށް އަނެއްކާ ވެސް ބާރުގަދަ ބިންހެލުމެއް

ފުނޑުފުނޑުވެފައިވާ ތުރުކީ އަށް އަނެއްކާ ވެސް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

20 ފެބުރުއަރީ 2023

ހަޓައި (ފެބްރުއައީ 20) - ދެ ހަފުތާ ކުރިން ކުރިމަތިވި ބާރުގަދަ ބިންހެލުމުގައި ފުނޑުފުނޑުވެފައިވާ ތުރުކީގެ ހަޓައި ޕްރޮވިންސަށް މިރޭ އަނެއްކާ ވެސް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

ހަޓައި (ފެބްރުއައީ 20) - ދެ ހަފުތާ ކުރިން ކުރިމަތިވި ބާރުގަދަ ބިންހެލުމުގައި ފުނޑުފުނޑުވެފައިވާ ތުރުކީގެ ހަޓައި ޕްރޮވިންސަށް މިރޭ އަނެއްކާ ވެސް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

ކުރިން އައި ބިންހެލުމަށް ވުރެ މިރޭގެ ހެލުމުގެ ބާރުމިން ދަށެވެ. މިރޭ އައީ 6.8 މެގްނެޓިއުޑްގެ ބިންހެލުމެކެވެ. އަދި އޭގެ ގަޑިއެއްހާއިރު ފަހު 5.8 ގެ ބާރުމިނުގެ ހެލުމެއް ވެސް އައެވެ. މީހަކު މަރުވެފައިވާކަން އަދި މިހާތަނަށް ކަށަވަރު ވެފައެއް ނުވެ އެވެ. މި މަހުގެ ހަވަނަ ދުވަހު ތުރުކީ އާއި ސީރިއާގެ ބޯޑަރު ސަރަހައްދަށް ފުލުފުލުގައި އައި ބިންހެލުން ރެކޯޑް ކުރެވިފައި ވަނީ 7.8 އަދި 7.5 ބާރުމިނުގަ އެވެ.

މި ބިންހެލުން އައީ ބިމުގެ އަޑިން ދެ ކިލޯ މީޓަރުގެ ފުންމިނުގަ އެވެ. ޔޫރަޕްގެ ބިންހެލުންތައް ދިރާސާ ކުރާ އިދާރާއިން ބުނީ ބިމުގެ މަތީ ފަށަލަ އަށް ވެސް އެ ބިންހެލުމުގެ އަސަރު ކޮށްފައިވާ ކަމަށެވެ.

މި ބިންހެލުމުގެ އަސަރު ތުރުކީ އާއި ސީރިއާގެ އިތުރުން ލުބުނާން އާއި މިސްރަށް ވެސް ކުރި އެވެ. އެކަމަކު އެ ގައުމުތަކަށް ލޮޅުން އައި މިންވަރު ކުޑަ އެވެ. ތުރުކީގެ އިމާރާތްތަކުގައި ދިރިއުޅޭ މީހުންނަށް މި ބިންހެލުމުގެ އަސަރު ކުރި އެވެ.

ތުރުކީގެ ޑިޒާސްޓާ ޔުނިޓުން މިހާރު ދަނީ މިރޭގެ ބިންހެލުމުގައި އެއް ވެސް މީހަކަށް ގެއްލުން ވެފައިވޭތޯ ބަލުންނެވެ.

ތުރުކީ އަށް މި މަހު 6 ގައި އައި ބިންހެލުމުގައި 46،000 އަށް ވުރެ ގިނަ މީހުރު މަރުވެ އެތައް ހާސް އިމާރާތެއް ބިމާ ހަމަވި އެވެ.