Roadha Mihaaru
ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯލް ފިއެސްޓާ ބުދަ ދުވަހު

ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯލް ފިއެސްޓާ ބުދަ ދުވަހު ފަށަނީ

20 ފެބުރުއަރީ 2023

ކުޑަކުދިންނަށް އަމާޒުކޮށް ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ ހަރަކާތް ކަމަށްވާ "ނެސްލޭ ކިޑްސް ފުޓްބޯލް ފިއެސްޓާ" ބުދަ ދުވަހު ފަށަން ތައްޔާރުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކުޑަކުދިންނަށް އަމާޒުކޮށް ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ ހަރަކާތް ކަމަށްވާ "ނެސްލޭ ކިޑްސް ފުޓްބޯލް ފިއެސްޓާ" ބުދަ ދުވަހު ފަށަން ތައްޔާރުވެއްޖެ އެވެ.

މޯލްޑިވްސް ސޮކާ ވެޓަރަންސްއިން ބާއްވާ މުބާރާތް ހާއްސަކޮށްފައި ވަނީ ގްރޭޑް 1 އަދި 2 ގައި ކިޔަވާ ކުދިންނަށެވެ. މުބާރާތުގެ ގުރު ނެގުން ރޭ ވަނީ ބާއްވާފަ އެވެ.

އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މުބާރާތުގައި 20 ސްކޫލަކުން 40 ޓީމު ވާދަ ކުރެ އެވެ. އެއީ ޖުމުލަ 720 ކުދިންނެވެ. މުބާރާތުގައި 296 މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. ކޮންމެ ގްރޭޑެއްގެ ދެމެދުގައި ޓީމުތައް ބަހާލާފައި ވަނީ ފަސް ގުރޫޕަކަށެވެ. ކޮންމެ ގުރޫޕެއްގައި ހިމެނޭނީ ހަތަރު ޓީމެވެ.

"މި ވާނެ ރާއްޖޭގައި ކިޑްސް ފުޓްބޯލް އަށް ހާއްސަކޮށް ބާއްވާ އެންމެ ބޮޑު ފިއެސްޓާ އަށް ވާނެ،" މުބާރާތް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަލީ ޝަމީމް (ކޮޔަރު އައްޔަ) ބުންޏެވެ.

ނެސްލޭ ކިޑްސް ފުޓްބޯޅަ ފިއެސްޓާ ގުރު ނެގަން ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ކުޑަ ކުދިންތަކެއް. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ނެސްލޭ ކިޑްސް ފުޓްބޯޅަ ފިއެސްޓާ ގުރު ނެގަން ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ކުޑަ ކުދިންތަކެއް. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިފަހަރު މުބާރާތުގައި ކުޅެން ފުރުސަތު ނުލިބޭ ކުއްޖަކު ނުހުންނާނެ ކަމަށް އައްޔަ ބުންޏެވެ. މުބާރާތް އިންތިޒާމުކޮށްފައިވާ ގޮތުން އެއް ޓީމެއް ފުރަތަމަ ދަނޑުގައި އެއްކޮޅުން ކުޅޭއިރު އަނެއް ދަނޑުގައި އެ ޓީމުގެ ދެން ތިބި ކުޅުންތެރިންގެ މެޗު ވެސް ކުރިއަށް ދާނެ އެވެ.

"މީގެ ކުރިން ބޭއްވި މުބާރާތްތަކުގައި ބެލެނިވެރިންގެ ކަންބޮޑުވުމަކަށް އެބަވޭ ހުރިހާ ކުޅުންތެރިންނަށް ކުޅެން ފުރުސަތު ނުލިބުން. އެކަމަށް ހައްލު ހޯދަން އަޅުގަނޑުމެން މިހެދީ އެ ޓީމުގެ ދެ މެޗު އެއް ފަހަރާ ދެ ދަނޑުގައި ކުޅޭ ގޮތަށް ހެދުން. އޭރުން ބެންޗުގައި އެއް ވެސް ކުޅުންތެރިޔަކު ނުކުޅެވި ނުހުންނާނެ،" އައްޔަ ކިޔައި ދިނެވެ.

މުބާރާތް ކުރިއަށް ދާނީ ހެންވޭރު ދަނޑުގަ އެވެ. މުބާރާތުގައި ވާދަކުރާ ކޮންމެ ކުއްޖަކަށް މެޑަލް އެއް ދޭނެ އެވެ. ކޮންމެ ގްރޭޑަކުން ޗެމްޕިއަން އާއި ރަނަރަފް އަދި ތިން ވަނަ ޓީމު ވަކިން ހޮވާނެ އެވެ. މުބާރާތުގެ އެންމެ ހާއްސަ އެއް ކަމަކީ، ހުރިހާ ޓީމުތަކަށް ޖާޒީ ކިޓް ފޯރުކޮށްދެނީ އިންތިޒާމުކުރާ ފަރާތުން ކަމަށް ވުމެވެ.