Roadha Mihaaru
"ޑީޕޯޓްކުރި މީހާގެ މައްސަލަ އޮތް ކަމެއް ނާންގާ"

ޑީޕޯޓްކޮށްލި އިންޑިއާ މީހާގެ މައްސަލަ ކޯޓުގައި އޮތްކަން ޕީޖީއަކުން ނާންގާ: އިމިގްރޭޝަން

17 ފެބުރުއަރީ 2023

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ދައުވާލިބުނު އިންޑިއާ މީހެއްގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނިކޮށް އޭނާ ޑީޕޯޓްކޮށްލީ އޭނާގެ މައްސަލަ ކޯޓުގައި އޮތްކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަންގާފައި ނުވާތީ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ދައުވާލިބުނު އިންޑިއާ މީހެއްގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނިކޮށް އޭނާ ޑީޕޯޓްކޮށްލީ އޭނާގެ މައްސަލަ ކޯޓުގައި އޮތްކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަންގާފައި ނުވާތީ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ގައިގައި އަތްލި ކަމަށް ބުނެ އިންޑިއާ މީހެއްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނިކޮށް މިދިޔަ ޑިސެމްބަރު މަހު އިމިގްރޭޝަނުން އޭނާ ޑީޕޯޓްކޮށްލައިފަ އެވެ.

އެހެންވެ، ހައި ކޯޓުން ވެސް މިހާރު ވަނީ އެ މައްސަލަ ބޭރުކޮށްލައިފަ އެވެ.

އެކަމާ ގުޅިގެން އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މީހާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކަމަށެވެ. އަދި މިދިޔަ ޑިސެމްބަރު މަހު އޭނާ ޑީޕޯޓްކޮށްލުމާ ހަމައަށް އޭނާގެ މައްސަލަ ހައި ކޯޓުގައި އޮތްކަން ޕީޖީ އޮފީހުން ރަސްމީކޮށް އަންގާފައިނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އޭނާ ފުރުން މަނާކުރުމުގެ އަމުރެއް ވެސް ކޯޓަކުން ނެރެފައިނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެގޮތަށް އިމިގްރޭޝަނުން ބުންޏަސް، ޕީޖީ އޮފީހުން އިއްޔެ ބުނެފައިވާ ގޮތުގައި އޭނާގެ މައްސަލަ އިސްތިއުނާފް ކުރަން އުޅޭކަން ވެސް އިމިގްރޭޝަނަށް އޮންނާނީ އަންގައިފަ އެވެ.