Roadha Mihaaru
ބިލެއްދޫގެ ބިލެތްގަނޑު: ވަރަށް ނުރައްކާތެރި އިންޒާރެއް

ބިލެއްދޫގެ މީރު ބިލެތްގަނޑު: ވަރަށް ނުރައްކާތެރި އިންޒާރެއް!

23 މާޗް 2023

ކޮންމެ ރަށެއްގައި ވެސް ހާއްސަ ސިފައެއް އޮވެ އެވެ؛ ބިލެއްދޫގައި ހާއްސަ ކަމަކީ، މި ރަށުގައި އޮތް ދުފުންގަނޑެވެ. އެއާ ދޭތެރޭ ސުވާލެއް ނެތެވެ! އަދި އެކަމާ ދެބަސް ވާނެ ހަމަ އެކަކު ވެސް ނެތެވެ!

އިސްމާއިލް ނަސީރު ފ. ބިލެއްދޫން އިސްމާއިލް ނަސީރު

ކޮންމެ ރަށެއްގައި ވެސް ހާއްސަ ސިފައެއް އޮވެ އެވެ؛ ބިލެއްދޫގައި ހާއްސަ ކަމަކީ، މި ރަށުގައި އޮތް ދުފުންގަނޑެވެ. އެއާ ދޭތެރޭ ސުވާލެއް ނެތެވެ! އަދި އެކަމާ ދެބަސް ވާނެ ހަމަ އެކަކު ވެސް ނެތެވެ!

ދުފުމަކީ، ދިވެހިންގެ ތެރޭގައި އާންމު ކަމެކެވެ. އެކަމަކު އެހެން ހުރިހާ ރަށަކާ މި ރަށް ތަފާތެވެ. ދުފުމަށް އެންމެ މަޝްހޫރު އެއް ރަށް، ހދ. ކުޅުދުއްފުށީގައި ވެސް މި ރަށުގައި ދުފާހެން ދުފާ ކަމަކަށް ނުބެލެވެ އެވެ. މިއީ ދުފުމުގައި ހައްދުފަހަނައަޅައިފައި އޮތް ރަށެކެވެ.

"ބައެއް މީހުން މޯނިން ކަނޑާލަނީ ވެސް ދުފުމަކުން،" މި ރަށުގެ ޒުވާނަކު ބުންޏެވެ.

"މި ރަށުގައި އެއްވެސް ގެއެއް ނުހުންނާނެއޭ ބުނެވިދާނެ ދުފާ ފޮށި ނުހުންނަ. ބަރާބަރަށް ދުފާއެއްޗެހި ހަމައަށް ހުންނާނެ. އެއީ ހާއްސަ އިސްކަމެއް ދޭ އެއްޗެއް."

"މިހާރު"ގެ ނޫސްވެރިން މި ރަށަށް ފައިބައި، ރަށު ކައުންސިލްގެ ރައީސާ ބައްދަލު ކުރަން ރަށު ކައުންސިލްގެ އިދާރާ އަށް ދިޔައިރު، ކައުންސިލް އިދާރާގެ ބައެއް މީހުން ވެސް ތިބީ ދުފާލައިގެންނެވެ. އިރުކޮޅަކުން، ކައުންސިލްގެ ރައީސް، ބޭރުން އޮފީހަށް ވަޑައިގަތް އިރު އޭނާ ވެސް ހުރީ ވަރަށް ހިތްހަމަޖެހިލައިގެން ދުފާލައިގެންނެވެ. އަންހެނުންގެ ކޮމެޓީގެ ރައީސާ ބައްދަލުކުރަން އޭނާ ކައިރި އަށް ދިޔައިރު އޭނާ ހުރި މާ ގަދައަށް ދުފާލައިގެންނެވެ. އޭނާއާ އެކު ތަނަކަށް ދާން ވެގެން އޭނާ ތައްޔާރުވެލައިގެން ނުކުތީ ވެސް ދުފުންގަނޑު އާކޮށްލައިގެންނެވެ.

"މިއީ މި ރަށު އެންމެންގެހެން ވެސް އާދަ،" އޭނާ ބުންޏެވެ.

ބިލެއްދޫ ގެއަކަށް ވަން އިރު، އެ ގޭގައި ހުރި ޖޯލިފައްޗެއްގައި ދުފާފޮށި ބަހައްޓާފައި: މިކަހަލަ ކިތަންމެ މަންޒަރެއް މި ރަށުން ފެންނާނެ -- ފޮޓޯ: މިހާރު

ބިލެއްދޫ ގެއަކަށް ވަން އިރު، އެ ގޭގައި ހުރި ޖޯލިފައްޗެއްގައި ދުފާފޮށި ބަހައްޓާފައި: މިކަހަލަ ކިތަންމެ މަންޒަރެއް މި ރަށުން ފެންނާނެ -- ފޮޓޯ: މިހާރު

މި ރަށުގައި މީހުން އެހާ ގިނައިން ދުފަނީ ކީއްވެތޯ، އެއީ މި ރަށުގެ ބައެއް މީހުންގެ ވެސް ވަރަށް ބޮޑު ސުވާލެކެވެ. އެހެން ރަށްރަށުގެ މީހުންނާ ހިލާފަށް އަބަދާއަބަދު ދުފާލަދުފާލަ ތިބެނީ، ނުވަތަ ތިބެވެނީ ކީއްވެގެން ކަން، އެއީ ވެސް މި ރަށުގެ ގިނަ ބަޔަކަށް ވިސްނާލެވިފައި އޮތް އެއްޗެއް ނޫނެވެ! އެހެންވެ، މި ރަށުގެ ގިނަ ބަޔަކަށް އޭގެ ޖަވާބު ދޭކަށް ވެސް ނޭނގެ އެވެ. އެންމެންނަށް ވެސް އެނގެނީ އުފަންވީ އިރު ވެސް މި ރަށުގައި ދުފުންގަނޑު އޮންނަ ކަމެވެ. އަދި އާދަޔާހިލާފަށް އެންމެން ވެސް ދުފާ ކަމެވެ.

"ނުދުފާ މީހަކު ހަމަ ވަރަށް މަދުވާނެ. ކީއްވެގެން ކަމެއް ނޭނގެ. އަޅުގަނޑު ގޭގައި ހުރެފައި މިތަނަށް ވެސް މިއައީ ދުފާލަން. ނުހުރެވޭ ނުދުފައެއް،" މި ރަށުގެ ވަރަށް އިސް ބޭފުޅެއް ކަމަށްވާ، އަހުމަދު ޝިޔާމް ހޮޓަލެއްގައި އިންނަވައި ވިދާޅުވި އެވެ.

"އަނގައިގެ ތެރޭގައި އެ ނެތިއްޔާ ކަމަކު ނުދޭ. މީގައި މައްސަލައަކީ ބައެއް މީހުން ނިދާ އިރު ވެސް ދުފާތީ. އެއީ އޭގައި އޮތް އެންމެ ބޮޑު ނުރައްކަލަކީ. އަދި ބައެއް މީހުން އަނގަޔަށް ދުންފަތް ލައިގެން ވެސް ކިތަންމެ އިރަކު ތިބެދާނެ."

މި ރަށުގައި މަދު ހޮޓަލެއް ހުރި އިރު، އެ ހުރިހާ ހޮޓަލެއްގައި ވެސް ކޮންމެހެން ހުންނަން ޖެހޭ މަޖުބޫރު އެއްޗަކީ ދުފާ ސާމާނެވެ. އަދި، އެ ތަކެތި ހުންނަން ޖެހެނީ ވެސް ސެޓް ހަމަކޮށެވެ. އެކަމަކު، ބައެއް އެހެން މީހުންނާ ހިލާފަށް ދުފާއިރު ދުންފަތް ލުމަކީ މި ރަށުގެ ގިނަ ބަޔަކު ކުރާ ކަމެއް ނޫނެވެ. ދުފާއިރު އާންމުކޮށް އަނގަޔަށް ލަނީ ފޯކާއި ބިލެތް އަދި ކަރަންފޫ އެކަންޏެވެ.

"ވަކި އިތުރު އެއްޗެއް ވެސް ލަނީއެއް ނޫން. ވަކި އެހެން ހާއްސަ ކަމެއް ވެސް ދުފުމުގައި އޮންނަނީއެއް ވެސް ނޫން. އަނެއްހެން ބުނަންޏާ ހަމަ ފޯއްކޮޅެއް ލީމަ ނިމުނީ،" މި ރަށުގެ ޒުވާން އަންހެން ކުއްޖަކު ބުންޏެވެ.

އޭނާގެ އުމުރަކީ 28 އަހަރެވެ. މީހަކާ އިނދެގެން ދެ ދަރިން ވެސް ތިބެ އެވެ. އޭނާ ބުނާ ގޮތުން އުމުރުން 18 އަހަރުން ފެށިގެން ގަވައިދުން އަންނަނީ ދުފަމުންނެވެ.

"ދުވާލަކު އަށެއްކަ ފަހަރު ދުފަން،" އޭނާ ބުންޏެވެ.

"މަށަށް ހީވަނީ އާބާދީގެ ނިސްބަތުން މި ރަށަށް އެންމެ ގިނައިން އެތެރެކުރެވޭ އެއްޗަކަށް ވާނެހެން ފޯކާއި ކަރަންފޫ. އެ ނުލިބިއްޖިއްޔާ މި ރަށުގެ އެތައް ބަޔަކަށް ނަފުސާނީ އަސަރު ވެސް ކުރާނެ."

ބައެއް މީހުން ދުވާލަކު ވިއްސަކަށް ފަހަރު ދުފައޭ، އަޅުގަނޑުމެން ކައިރީގައި މިރަށު މީހަކު ބުނުމުން އެކަން ގަބޫލު ވެސް ކުރަން އުނދަގޫވި އެވެ. އަދި، އެހާ ވަރަކަށް މީހަކު ނުދުފާނެއޭ ބުނުމުން، ބައެއް މީސްމީހުންގެ ނަންތައް ވެސް އޭނާ ކިޔައިދިނެވެ.

މި ރަށުގައި އެހެނެއް ނޫން. ކެއުމުގެ ކުރިން ވެސް ދުފަނީ. އޭގެ ފަހުން ވެސް ދުފަނީ. ކައި ނިންމައިގެން އިރުކޮޅެއް ވީމަ ވެސް ދުފަނީ. ފޫހިފިލުވާލަން ވެސް ދުފަނީ. ހާސްވީމަ ވެސް ދުފަނީ... ދުފުމަކީ ދިރިއުޅުމުގެ އެންމެ މުހިންމު ބައި ކަމަށް ވެފައި މިއޮތީ.

"އެ މީހުންގެ އަނގައިން ފޯއް ހުސް ނުވާނެ،" އޭނާ ހީނލި އެވެ.

"އެހެން ރަށްރަށުގައި މީހުން މި ދުފަނީ ކާލައިގެން އަނގަ މީރުކޮށްލަން. މި ރަށުގައި އެހެނެއް ނޫން. ކެއުމުގެ ކުރިން ވެސް ދުފަނީ. އޭގެ ފަހުން ވެސް ދުފަނީ. ކައި ނިންމައިގެން އިރުކޮޅެއް ވީމަ ވެސް ދުފަނީ. ފޫހިފިލުވާލަން ވެސް ދުފަނީ. ހާސްވީމަ ވެސް ދުފަނީ... ދުފުމަކީ ދިރިއުޅުމުގެ އެންމެ މުހިންމު ބައި ކަމަށް ވެފައި މިއޮތީ."

އެކަމަކު، އެ ލިބޭ ހިތްހަމަޖެހުމަކަށް ވުރެ ބޮޑަށް އެއީ ސީރިއަސް މައްސަލައެއް ކަމުގެ ރަނގަބީލު ރަށުގައި މިހާރު ވަނީ އަޅައިފަ އެވެ. ރަށުގައި ކެންސަރު ބަލީގެ ވޭން ތަހަންމަލު ކުރަމުންދާ ގާތްގަނޑަކަށް އަށެއްކަ މީހުންގެ ތެރެއިން އަނގައިގެ ކެންސަރުގެ ފަސް މީހަކު އެބަތިއްބެވެ. އަދި ކެންސާ ސޮސައިޓީން ދާދިފަހުން އެ ރަށަށް ދިޔަ ޓީމަކުން ވަނީ ދުފުމާ ދުރަށް ދިއުމަށް އެދި ނަސޭހަތް ވެސް ދީފަ އެވެ. ދުފުމަކީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ ޖަމިއްޔާ އިން ވަނީ ފާހަގަކޮށްފަ އެވެ.

"އޭގެ ތެރެއިން ބައެއް މީހުން މިހާރު އިންޑިއާގައި ފަރުވާ ވެސް އެބަކުރޭ،" މި ރަށު މީހަކު ބުންޏެވެ.

"ޑޮކްޓަރުން ސީދާސީދާ ނުވެއް ބުނޭ ދުފައިގެންނެކޭ [ކެންސަރު ޖެހުނީ]. އެކަމަކު އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ދުފައިގެންކަން. އަނގައިގެ ކެންސަރުގެ ބަލީގެ އެކި މީހުން އެކި ވަރަށް ދުފާ."

އެކަމަކު، މި ރަށު މީހުންނަށް އެކަން ސީރިއަސްކޮށް ނަގައިނުގަނެވޭ ސަބަބެއް ވެސް އެބައޮތެވެ. ރަށު އެންމެން މުޅި އުމުރުދުވަހު ދުފައިގެން އުޅުނުއިރު، އެއިން މީހަކަށް އެއްވެސް ކަމެއް ނުވި ތަންކޮޅުގައި ހިފާ މީހުން ވެސް އެބަތިއްބެވެ.

"ދުފަން ބޭނުންވާ މީހުން އެ އުޒުރު އެބަދައްކާ. މައިންބަފައިން ގާތު ނުދުފާށޭ ދަރިން ބުނާއިރަށް ދަރިން ގާތު ވެސް އެބަ ބުނޭ މިވެނި އެވެނި މީހަކަށް އެހެންވިއްޔާ ކީއްވެހޭ ކެންސަރު ނުޖެހެނީ،" މި ރަށުގެ މީހަކު ބުންޏެވެ.

ބިލެއްދޫ ބަނދަރު: މި ރަށަކީ ފާނައިގެ މަސްވެރިކަމުގައި ނަގާ ކިޔާ ރަށެއް، ޒުވާނުންގެ ތެރޭގައި ވެސް ދުފުން އޮވޭ -- ފޮޓޯ: މިހާރު

ބިލެއްދޫ ބަނދަރު: މި ރަށަކީ ފާނައިގެ މަސްވެރިކަމުގައި ނަގާ ކިޔާ ރަށެއް، ޒުވާނުންގެ ތެރޭގައި ވެސް ދުފުން އޮވޭ -- ފޮޓޯ: މިހާރު

އެކަމަކު ހަގީގަތަކީ ދުފުމަކީ އަނގައިގެ ކެންސަރަށް ފަސޭހައިން މަގުފަހިވާ ކަމެއް ކަމެވެ. އެއާ ދެކޮޅަށް އެއްވެސް އުޒުރެއް، އެއްވެސް އެހެން ސަބަބެއް ދެއްކެން ނެތް ކަމެކެވެ.

ބިލެއްދޫގެ ދުފުންގަނޑު މި ރަށު މީހުންނަށް ކިތަންމެހާ ވެސް މީރެވެ. މި ރަށުގެ ބައެއް މީހުން ބުނާ ގޮތުން ނުދުފާ ހުރެއްޖެ ހަމަ އަނގަތެރެ ހުންނަނީ ހިކިވެފަ އެވެ. އެހެންވެ، އެއާ ދުރަށް ދެވޭނެ ގޮތެއް ނެތެވެ. ސިއްހީ ސަބަބުތަކަށް ޓަކައި ބައެއް މީހުން ދުފުން ހުއްޓާލަން ޖެހުނަސް، ދެން އެ އަޅާ ވޭން ބައެއް މީހުންނަށް ހުރީ ފެނިފަ އެވެ.

"ކެންސަރު ޖެހުނު އެކަކު އަޅުގަނޑު ދުށިން ވަރަށް ކައިރިން. ޑޮކްޓަރު ބުނީ ހަމަ ވަގުތުން ދުފުން ހުއްޓާލާށޭ. ދެން އަނގަ ހިކޭތީ އާއި ނުދުފިގެން އޭނާ ހަމަ ތެޅި ފޮޅުނު. އަނގަތެރެ ހިކިގެން އިރުއިރުކޮޅާ ފެންބޯނެ. ހަކުރު ކާނެ. މިހެން ގޮސް ވަރަށް ހާލުގައި އުޅުނީ،" މި ރަށު މީހަކު ބުންޏެވެ.

އެހެން ރަށްރަށުގެ މީހުން ބުނާހެން، "ކޮފީއަކަށް ހިނގާށެ"ކޭ މި ރަށަކު ނުބުނާނެ އެވެ. ބުނާނީ "ދުފާލަން ހިނގާށޭ" އެވެ. ރަށުން ބޭރުން މި ރަށަށް އަރާ ކޮންމެ މީހަކަށް ވެސް މި ރަށުން ފެންނާނެ އެކައްޗަކީ ދުފާ ފޮއްޓެވެ. ނުވަތަ ދުފާ ސާމާނެވެ. އެއީ، މި ރަށަށް އަރާ ބައެއް މެހުމާނުންނަށް ބިރަކަށް ވިޔަސް، މި ރަށު އެންމެންނަށް ވެސް އެއީ "ފުރާނައިގެ ދިރުމެވެ."