Roadha Mihaaru
ކެންސަރުން ނާދިޔާ ހޯދީ އާދަޔާ ހިލާފު ހިތްވަރެއް

ކެންސަރުން ނާދިޔާ ހޯދީ އާދަޔާ ހިލާފު ހިތްވަރެއް

04 ފެބުރުއަރީ 2023

މެލޭޝިޔާގައި އުޅެނިކޮށް ފުލް ބޮޑީ ޗެކަޕެއް ހެދިއިރު އުރަމަތީގައި ލަމްޕެއް އިނުމުން އިތުރަށް ޓެސްޓުކޮށް ޑޮކްޓަރުން ފާތިމަތު ނާދިޔާ ހުސެއިނަށް ލަފާ ދިނީ އޮޕަރޭޝަން ކުރާށެވެ. މާ ބޮޑު ކަމަކަށް ނުހަދައި 2007 ވަނަ އަހަރު އެ ލަމްޕު ނެގި އެވެ. އެކަމަކު އޭރު ވެސް އެއީ ކެންސަރު ކަމެއް ނާދިޔާ، 62، އަކަށް ނޭނގެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މެލޭޝިޔާގައި އުޅެނިކޮށް ފުލް ބޮޑީ ޗެކަޕެއް ހެދިއިރު އުރަމަތީގައި ލަމްޕެއް އިނުމުން އިތުރަށް ޓެސްޓުކޮށް ޑޮކްޓަރުން ފާތިމަތު ނާދިޔާ ހުސެއިނަށް ލަފާ ދިނީ އޮޕަރޭޝަން ކުރާށެވެ. މާ ބޮޑު ކަމަކަށް ނުހަދައި 2007 ވަނަ އަހަރު އެ ލަމްޕު ނެގި އެވެ. އެކަމަކު އޭރު ވެސް އެއީ ކެންސަރު ކަމެއް ނާދިޔާ، 62، އަކަށް ނޭނގެ އެވެ.

ސާޖަރީއަށް ފަހު އިތުރު ޓެސްޓުތަކެއްގެ ނަތީޖާއިން ކެންސަރުކަން ޔަގީންވުމުން އޭނާ ވަރަށް ބިރުގަތެވެ. އެކަން ގަބޫލުކުރަން ފަސްޖެހުނެވެ. ނަމަވެސް، އަމިއްލަ ނަފްސާ މެދު ސުވާލުކުރުމުގެ ބަދަލުގައި، އިސްކަންދަރު ސްކޫލުގެ ކުރީގެ ޑެޕިއުޓީ ޕްރިންސިޕަލް ނާދިޔާ ކެންސަރު ބަލައިގަތީ ވެސް އާއްމު އެހެން ބައްޔެކޭ އެއްގޮތަށެވެ.

ކެންސަރު އަދި ހާއްސަކޮށް އުރަމަތީގެ ކެންސަރުގެ ރިސްކު ބޮޑުވަނީ އާއިލާ މީހަކަށް ކެންސަރު ޖެހުމުންނެވެ. ނަމަވެސް، ނާދިޔާ ނޫނީ އެ އާއިލާގައި ކެންސަރު ޖެހުނު މީހެއް ނެތެވެ.

"ހިތަށް އެރީ މިއީކީ ނިމުމެއް ނޫނޭ އަދި ކޮންމެ ވެސް ގޮތެއް އޮންނާނޭ. އިރާދަކުރެއްވިއްޔާ މިކަމުން އަރައިގަނެވޭނެ. އަޅުގަނޑު ހިތަށް އެރީ ވައި މީއޭ ހިތަށް އެރުމުގެ ބަދަލުގައި މިއީ ވެސް ޖެހުނު ބައްޔެކޭ. މި ބަލިން ރަނގަޅުކުރެވޭތޯ ހުރިހާ މަސައްކަތް ކޮށް." ނާދިޔާ ބުންޏެވެ.

ފަރުވާއަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމުގެ ނާދިޔާ ފޮޓޯއަކަށް ހުއްޓިލައިގެން.

ފަރުވާއަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމުގެ ނާދިޔާ ފޮޓޯއަކަށް ހުއްޓިލައިގެން.

"އެއްވެސް ބައްޔަކީ އަޅުގަނޑުމެން އަމިއްލައަށް ޖައްސާ ބައްޔެއް ނޫން. އެހެންވީމަ، ހެއްދެވި ފަރާތަށް އިތުބާރުކޮށް، ދުއާކޮށް ރަނގަޅުކުރެވޭތޯ މަސައްކަތްކުރީމަ އަޅުގަނޑަށް ހީވަނީ ވަރަށް ލުއި ފަސޭހަވާނެހެން. އޭގެ އިތުރަށް ބަލި ޖެހިފައި ތިބި މީހުން ވެސް އެހީ ހޯދައި، މައުލޫމާތު ހޯދައިގެން ވާހަކަ ދެއްކީމަ މި ބައްޔަށް ފަސޭހަވާހެން."

އޭނާއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ ދެ ވަނަ ސްޓޭޖުގައި ހުއްޓަ އެވެ. ހަ މަސް ދުވަސް ވަންދެން ކީމޯ އަދި ރޭޑިއޭޝަން ފަރުވާ ނެގި އެވެ. އެއަށްފަހު، ފަސް އަހަރުވަންދެން މެދުކެނޑުމެއްނެތި ގަވައިދުން ބޭސް ކާން ޖެހުނެވެ. ކޮންމެ އަހަރަކު ސްކޭން ހަދަންޖެހެ އެވެ. ކެންސަރު އަލުން އަތުވެދާނެ ކަމުގެ ނުތަނަވަސްކަން އިނދެ އެވެ.

އެ ބޮޑު ބައްޔަށް ފަހު ވެސް ނާދިޔާގެ ކެއުން ނޫނީ މާ ބޮޑު ކަމެއް ބަދަލެއް ނުވެ އެވެ. އެކަމަކު އޭނާ ގަބޫލުކުރާ އެއް ހަގީގަތެއް އެބައޮތެވެ. ކެންސަރަށް ފަހު މީހާގެ ހިތްވަރު މާ ވަރުގަދަވެއްޖެ ކަމެވެ.

"އަޅުގަނޑު ބުނާނީ ކެންސަރު ޖެހުނު ފަހުން އަޅުގަނޑު މާ ހިތްވަރު ގަދައޭ. އެހެންވެ، އަޅުގަނޑު ބިރެއް ނުގަނޭ. ކެންސަރު ޖެހުމުގެ ކުރިން ވެސް ދެކެނީ ހިތްވަރު ގަދަ މީހެއްގެ ގޮތުގައި. އަޅުގަނޑަކީ ލައިފްގައި ވަރަށް ގިނަ ކަންކަން ގޯތްރޫ ހުރި މީހެއް. ކުޑައިރު މައިންބަފައިން ނެތި އުޅެންޖެހުނު. ވަރަށް ގިނަ ކަންތައްތަކެއް، ހިތްދަތި ކަންތައްތަކެއް ދިމާވެފައި ހުރީ. އެއް ފަހަރަށް ވުރެ އަނެއް ފަހަރު ހިތްވަރުގަދަ ވާހެން ހީވަނީ." ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރުމަށްފަހު، އެ ދާއިރާއިން 2004 ވަނަ އަހަރު ރިޓަޔާކުރި ނާދިޔާ ބުންޏެވެ.

ކެންސަރުން ސަލާމަތްވި ބައެއް މީހުންނާއެކު، ނާދިޔާ (ކ-3) ފޮޓޯއަކަށް ހުއްޓިލައިގެން.

ކެންސަރުން ސަލާމަތްވި ބައެއް މީހުންނާއެކު، ނާދިޔާ (ކ-3) ފޮޓޯއަކަށް ހުއްޓިލައިގެން.

އޭނާ ބުނިގޮތުގައި ކެންސަރު ޖެހުމުން، އެ ބަލި ޖެހިފައިވާކަން ގަބޫލުކުރުމަކީ ރަނގަޅު ގޮތެވެ. ކުރީބައިގައި ބަލި ދެނެގަނެވިއްޖެނަމަ އަވަހަށް ރަނގަޅު ކުރެވި، ގަވައިދުން ފަރުވާތައް ގެންދިއުން ވަރަށް މުހިއްމުކަން އޭނާ ފާހަގަކުރި އެވެ.

"މިކަމުގައި ދެރަވެގެން އެހާ މާޔޫސްވާންވީ ކަމެއްހެނެއް. އެހެން ބަލިތަކެކޭ ވެސް އެއްގޮތަށް ފަރުވާ ނަގައި، ހިތްވަރުކުރުން އެއީ ބުނެލަން ބޭނުންވާ ކަމެއް." ނާދިޔާ ބުންޏެވެ.

ނާދިޔާ ބުނީ ދިވެހިން ކެންސަރާ މެދު ދެކޭ ގޮތާއި ބޭރު މީހުން ދެކޭ ގޮތް ތަފާތު ކަމަށެވެ. ދިވެހިން އެކަކު އަނެކަކު ދެކެފަރިތަ ބަޔަކަށްވުމުން ބައެއް ފަހަރު އަހާ ސުވާލުން ވެސް ހިތުގައި ޖެހެ އެވެ. އެ ކަމާ ހެދި ކެންސަރު ޖެހުނުއިރު ބޭރުގައި ހުރުމަކީ އޭނާ މިއަދު ވެސް އުފާވާ ކަމެކެވެ.

ނަމަވެސް، ފިރިމީހާ އާއި ހުރި ހަމައެކަނި ދަރިފުޅު ފިޔަވައި އާއިލާ މީހުންނާއި ގާތް ރައްޓެހިން ދުރުގައި ތިބުމަކީ އުނދަގޫ ކަމަކަށްވި އެވެ. އެ ހުރިހާ ވަގުތެއްގައި ވެސް އާ ހިތްވަރު ހޯދީ ނަމާދާއި ދުއާއިންނެވެ.

ނާދިޔާ.

ނާދިޔާ.

ކީމޯގެ ކޮންމެ ސައިކަލަކުން ވެސް އާ ކަމަކަށް ފަރުވާ ކުރަންޖެހުނު ކަމަށް ނާދިޔާ ބުންޏެވެ. އެއް ފަހަރު، ގައިގައި ފާރުތަކެއް ނެގި އެވެ. އަނެއް ފަހަރު ކަރު ހިކިގެން ހިންދިރުވަން އުނދަގޫވި އެވެ. އެ ސައިޑް އިފެކްޓްސްގެ އުނދަގޫ އަދި ވެސް އެބަހުރި ކަމަށް ނާދިޔާ ބުންޏެވެ.

އެންމެ ބޮޑު އެއް ހިތްވަރަކީ ކެންސަރު ޖެހުނު ގާތް ރަހުމަތްތެރިން

ނާދިޔާއާއެކު މީގެ 40 އަހަރުކުރިން އަމީނިއްޔާގައި އެއްކޮށް ކިޔެވި ދަރިވަރުންނަކީ މިހާރު އޭނާގެ އެންމެ ގާތް އެކުވެރިންނެވެ. ސްކޫލު ނިންމިތާ އެތައް އަހަރެއް ވެގެން ދިޔަ ނަމަވެސް، އެ އެކުވެރިކަމަށް އެއްވެސް ފަނޑުކަމެއް ނެތެވެ.

ނާދިޔާ، އޭނާގެ އެއްބަނޑުއެއްބަފާ މީހުންނާއެކު.

ނާދިޔާ، އޭނާގެ އެއްބަނޑުއެއްބަފާ މީހުންނާއެކު.

އެ ގުޅުން އިތުރަށް ވަރުގަދަވެގެން ދިޔަ އެއް ކަމަކީ، އެއްކޮށް ކިޔެވި ތިން މީހަކަށް އުރަމަތީގެ ކެންސަރު ޖެހުމެވެ.

ނާދިޔާ ބުނީ ފަރުވާގެ ތެރެއިން ވެސް އަދި އޭގެ ފަހުން ވެސް އެ ރަހުމަތްތެރިންގެ ފަރާތުން ލިބުނީ ހިފެހެއްޓުމެއް ނެތް ލޯތްބާއި އަޅާލުމެވެ.

އެ އެހީތެރިކަމާއެކު ނެރުނު ހިތްވަރުން ނާދިޔާ ކެންސަރު ބަލިކުރިތާ މިހާރު 15 އަހަރުވެއްޖެ އެވެ. އެކަމަކު، އިއްޔެ ވީ ކަމެއްހެން އެ މަންޒަރުތައް ސިކުނޑީގައި ތާޒާކޮށް ކުރަހާލަ އެވެ. ނަމަވެސް، ނާދިޔާ، އޭނާގެ ހަޔާތުގައި ކުރިމަތިވި އެންމެ ހިތްދަތި ހާދިސާ މިހާރު އާއްމުންނަށް ކިޔައިދެނީ އެހެން މީހުންގެ ހިތްވަރަކަށެވެ.

"ކުރީކޮޅު އުނދަގޫ މި ވާހަކަ ދައްކަން ވެސް. އެކަމަކު މިހާރު ޝެއާކުރަން ފަސޭހަ. އަޅުގަނޑު ވަރަށް ބޭނުން ވަރަށް ގިނަ މީހުންނަށް އަޅުގަނޑުގެ ޖާނީ ކިޔައިދީ ހިތްވަރުދޭން. މިއީ އެހާ މާޔޫސްވާންޖެހޭ ކަމެއް ނޫން ކަމާއި އެހެން ބަލިތަކޭ އެއްގޮތަށް ކުރިއަށް ޓްރީޓްމަންޓް ގެންދިޔައީމަ ރަނގަޅުވާނެ." ނާދިޔާ ބުންޏެވެ.