Roadha Mihaaru
ސަރުބީ ގިނަ ނަމަ އުރަމަތީގެ ކެންސަރު ޖެހޭ

ހަށިގަނޑުގައި ސަރުބީ ގިނަ ނަމަ އުރަމަތީގެ ކެންސަރު ޖެހޭ

09 ޑިސެމްބަރ 2018

އުމުރުން ދުވަސްވީ އަންހެނުންގެ ހަށިގަނޑުގައި ސަރުބީ ގިނަ ނަމަ، އާދައިގެ ބަރުދަނެއްގައި ހުއްޓަސް، އުރަމަތީގެ ކެންސަރު ޖެހުމުގެ ނުރައްކާ ބޮޑުވުން އެކަށީގެންވާ ކަމަށް މެޑިކަލް ޖާނަލް "ޖާމާ އޮންކޮލޮޖީ"ގައި ޝާއިއުކުރި ދިރާސާއަކުން ދައްކައިފި އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

އުމުރުން ދުވަސްވީ އަންހެނުންގެ ހަށިގަނޑުގައި ސަރުބީ ގިނަ ނަމަ، އާދައިގެ ބަރުދަނެއްގައި ހުއްޓަސް، އުރަމަތީގެ ކެންސަރު ޖެހުމުގެ ނުރައްކާ ބޮޑުވުން އެކަށީގެންވާ ކަމަށް މެޑިކަލް ޖާނަލް "ޖާމާ އޮންކޮލޮޖީ"ގައި ޝާއިއުކުރި ދިރާސާއަކުން ދައްކައިފި އެވެ.

އެ ދިރާސާގެ ކަރުދާސް ލިޔުއްވި އެއް ބޭފުޅެއް ކަމަށްވާ ޑރ. އެންޑްރޫ ޑެނެންބާގް ވިދާޅުވިގޮތުގައި އާދައިގެ ބޮޑީ މާސް އިންޑެކްސްއެއް (ބީއެމްއައި) ހުރި ނަމަވެސް އިއްދައިން ކެނޑިފައިވާ އަންހެނުންނަށް، ހަށިގަނޑުގައި ސަރުބީ ގިނަ ނަމަ، އުރަމަތީ ކެންސަރު ޖެހުމުގެ ނުރައްކާ ގާތްގަނޑަކަށް ދެ ގުނަ ބޮޑުކަން ވަނީ އެނގިފަ އެވެ. އެއީ އިސްޓްރޮޖަން އަށް ބަރޯސާވެފައިވާ އުރަމަތީ ކެންސަރެވެ. "އީއާރު-ޕޮޒިޓިވް" އުރަމަތީ ކެންސަރުގެ ގޮތުގައި ދިރާސާގައި ސިފަކޮށްފައިވާ އެ ބާވަތުގެ ކެންސަރު ޖެހެނީ ސެލްތަކުގެ އެތެރެ އާއި ބޭރުގައި ހުންނަ ރިސެޕްޓާ ޕްރޮޓީންތައް އިސްޓްރޮޖަން ހޯމޯންގައި ތަތްވެގަނެ، ހެދި ބޮޑުވުމަށްޓަކައި އެ ހޯމޯން އަށް ބަރޯސާވާން ފެށުމުން ކަމަށް އެމެރިކަން ކެންސަ ސޮސައިޓީން ބުނެ އެވެ.

އުމުރުން 50-79 އަހަރުގެ އަދި އިއްދައިން ކެނޑިފައިވާ 3،460 އެމެރިކާ މީހުންގެ ތެރެއިން އީއާރު-ޕޮޒިޓިވް އުރަމަތީ ކެންސަރު ޖެހުނު 146 މީހަކަށް އެ ބާވަތުގެ ކެންސަރު ޖެހުމާއި ހަށިގަނޑުގައި އިތުރު ސަރުބީ ހުރުމާ ގުޅުމެއް ވޭތޯ ދިރާސާވެރިން ބެލި އިރު އެނގުނީ މުޅި ހަށިގަނޑުގެ ސަރުބީ ހުންނަން ޖެހޭ ވަރަށް ވުރެ ފަސް ކިލޯ ގިނަ ނަމަ، ކެންސަރު ޖެހުމުގެ ނުރައްކާ 35 ޕަސެންޓް ބޮޑުކަމެވެ. އަދި ބޮލާއި ހަތަރެސްފައި ނުލައި، ކަރާއި އުނަގަނޑާ ދެމެދު ހުންނަ ސަރުބީ، ހުންނަން ޖެހޭ ވަރަށް ވުރެ ފަސް ކިލޯ ގިނަ ނަމަ ކެންސަރުގެ ނުރައްކާ 56 ޕަސެންޓަށް އިތުރުވެގެންދެ އެވެ.

ހަމަ އެ ގޮތަށް، އުރަމަތީގެ ވަށައިގެންވާ ޓިޝޫތަކާ ހަމައަށް ފެތުރިގެންދާ އުރަަމަތީ ކެންސަރުގެ ނުރައްކާ، މުޅި ހަށިގަނޑުގައި ސަރުބީ ގިނަ ނަމަ 28 ޕަސެންޓް އަދި ކަރާއި އުނަގަނޑާ ދެމެދު ސަރުބީ ގިނަ ނަމަ 46 ޕަސެންޓަށް ބޮޑުވެ އެވެ.

ޑެނެންބާގް ވިދާޅުވިގޮތުގައި މި ދިރާސާ އިން އެނގުނު މައިގަނޑު ކަމަކީ އިސްކޮޅާ އަޅާކިޔޭ ބަރުދަން ނުވަތަ ބީއެމްއައި އާދައިގެ ވަރެއްގައި ހުއްޓަސް، ހަށިގަނޑުގައި ހުންނަން ޖެހޭ ވަރަށް ވުރެ ފެޓް ގިނަ ވެއްޖެ ނަމަ ކެންސަރުގެ ނުރައްކާ ބޮޑުވުމާ ގުޅުން ހުރި ކަމެވެ.

ފަލަވުން ނުވަތަ އޮބީސިޓީއަކީ ކެންސަރު ޖެހުމަށް މަގުފަހިކުރާ ކަމެއްކަން ސައިންސްވެރިންނަށް ކުރިން ވެސް އެނގެ އެވެ. އެކަމަކު މި ދިރާސާގެ ޚާއްސަކަމަކީ ހަށިގަނޑުގައި ސަރުބީ ގިނަވުމާއި އުރަމަތީ ކެންސަރު ޖެހުމާ ގުޅުން ހުރިކަން އެނގުމުގެ އިތުރުން އެ ގުޅުމުގައި، ބަނޑުގައި ހުންނަ ސަރުބީގެ ދައުރު ބޮޑުކަން ވެސް އެނގުމެވެ.--ސީއެންއެން