Roadha Mihaaru
"ނާޓޫ ނާޓޫ" އަށް ތާރީހީ އޮސްކާ ނޮމިނޭޝާނެއް

"ނާޓޫ ނާާޓޫ" ގެ އޮސްކާ ނޮމިނޭޝަނާ އެކު އިންޑިއާ އަށް ތާރީހީ ކާމިޔާބެއް

26 ޖެނުއަރީ 2023

އެސްއެސް ރާޖަ މޯލި ޑައިރެކްޓުކޮށްފައިވާ ދެކުނު އިންޑިއާގެ ޓެލޫގޫ ފިލްމު "އާރްއާރްއާރް" ގެ ލަވަ، "ނާޓޫ ނާޓޫ"، މި އަހަރުގެ އޮސްކާ އެވޯޑުގެ އެންމެ ރީތި އޮރިޖިނަލް ލަވައިގެ އެވޯޑަށް ނޮމިނޭޓް ވެއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އެސްއެސް ރާޖަ މޯލި ޑައިރެކްޓުކޮށްފައިވާ ދެކުނު އިންޑިއާގެ ޓެލޫގޫ ފިލްމު "އާރްއާރްއާރް" ގެ ލަވަ، "ނާޓޫ ނާޓޫ"، މި އަހަރުގެ އޮސްކާ އެވޯޑުގެ އެންމެ ރީތި އޮރިޖިނަލް ލަވައިގެ އެވޯޑަށް ނޮމިނޭޓް ވެއްޖެ އެވެ.

މި އަހަރުގެ ގޯލްޑެން ގްލޯބްސް އަދި ކްރިޓިކްސް ޗޮއިސް އެވޯޑު ވެސް ހޯދި އެ ލަވައިގެ އޮސްކާ ނޮމިނޭޝަން ވެފައިވަނީ އިންޑިއާގެ ތާރީހުގައި ލިޔެވޭނެ ކަމަކަށެވެ. އެއީ އޮސްކާގެ "އެންމެ ރީތި ބައިނަލްއަގްވާމީ ފިލްމު" ގެ އިތުރުން، އެހެން އެވޯޑު ނޮމިނޭޝަނެއް އިންޑިއާގެ ފީޗާ ފިލްމަކަށް ލިބޭ ފުރަތަމަ ފަހަރެވެ.

"ނާޓޫ ނާޓޫ" އޮސްކާގައި ވާދަކުރާނީ ދުނިޔޭގެ މިއުޒިކް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ކުޅަދާނަ ލަވަކިޔުންތެރިން ކަމަށްވާ ލޭޑީގާގާ އާއި ރިއާނާގެ ލަވަތަކާ އެވެ.

މާޗު މަހުގެ 12 ވަނަ ދުވަހު އޮންނަ އޮސްކާ އެވޯޑުގެ ނޮމިނޭޝަންތައް އިއުލާނުކުރީ އިއްޔެ އެވެ.

އާރްއާރްއާރް ގެ ދެ ލީޑް ކެރެކްޓަރު ރާޖު (ރާމް ޗަރަން) އަދި ބީމް (އެން.ޓީ. ރަމާ ރާއޯ ޖޫނިއާ)

އާރްއާރްއާރް ގެ ދެ ލީޑް ކެރެކްޓަރު ރާޖު (ރާމް ޗަރަން) އަދި ބީމް (އެން.ޓީ. ރަމާ ރާއޯ ޖޫނިއާ)

އެންމެ ފަހުން އިންޑިއާގެ މީހަކަށް އޮސްކާ އެވޯޑެއް ލިބިފައި ވަނީ 2009 ވަނަ އަހަރު އެވެ. އެއީ 2008 ވަނަ އަހަރު ނިކުތް އިނގިރޭސި ޑްރާމާ "ސްލަމްޑޯގް މިލިއަނާ" ގެ "ޖެއި ހޯ" ލަވަ ތައްޔާރު ކުރި އިންޑިއާގެ ކޮމްޕޯސަރު، އޭއާރް ރަހްމާނަށެވެ. އެ ފަހަރު އޭނާ އަށް "ބެސްޓް އޮރިޖިނަލް ސޯންގް" ގެ އިތުރުން "ބެސްޓް އޮރިޖިނަލް ސްކޯ" ގެ އެވޯޑު ލިބުނެވެ.

"ނާޓޫ ނާޓޫ" ވަނީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ވައިރަލްވެފަ އެވެ. އަދި މިދިޔަ ޑިސެމްބަރު މަހު އޮސްކާގެ ޝޯޓްލިސްޓުތައް އިއުލާނުކުރި ހިސާބުން ލަވައިގެ ފޭނުންތިބީ އެވޯޑު ލިބޭނެ ކަމަށް އުންމީދުކޮށްގެންނެވެ.

"އާރްއާރްއާރް" ފިލްމުގެ ލީޑު ރޯލުން ފެންނަ، ރާމް ޗަރަމް، އަދި އެންޓީ ރަމާ ރާއޯ ޖޫނިއާގެ ހުނަރުވެރި ނެށުންތަކުން އިންސްޕަޔާވެ، ގިނަ ނެށުންތަކެއް ވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެފަ އެވެ.

މި އަހަރުގެ ކްރިޓިކްސް ޗޮއިސް އެވޯޑުގެ "ބެސްޓް ފޮރިން ފިލްމު" އެވޯޑު ހޯދާފައިވާ އެ ފިލްމަށް އަންނަނީ ހޮލީވުޑާއި ބޮލީވުޑްގެ ވެސް ތައުރީފް ލިބެމުންނެވެ.