Roadha Mihaaru
އާޓް ގެލެރީ ބުކިން އަށް ހުޅުވާލައިފި

އާޓިސްޓުން ކަންބޮޑުވުން ފާޅުކުރުމުން އާޓް ގެލެރީ ބުކިން އަށް ހުޅުވާލައިފި

17 ޖެނުއަރީ 2023

މަރާމާތަށް ބަންދުކުރި ނޭޝަނަލް އާޓް ގެލަރީ ހުޅުވުން ލަސްވާތީ މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީން ކަންބޮޑުވުން ފާޅުކުރުމުން އިއްޔެ ބުކިން އަށް ހުޅުވާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މަރާމާތަށް ބަންދުކުރި ނޭޝަނަލް އާޓް ގެލަރީ ހުޅުވުން ލަސްވާތީ މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީން ކަންބޮޑުވުން ފާޅުކުރުމުން އިއްޔެ ބުކިން އަށް ހުޅުވާލައިފި އެވެ.

އާޓްސް މިނިސްޓްރީގެ ދަށުން އާޓް ގެލެރީ ބަލަހައްޓާ ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއައި)ގެ އިއުލާނެއްގައި ބުނީ އެތަނުގައި މައުރަޒުތައް ބޭއްވުމަށް ބޭނުންވާ މީހުން އިއްޔެ އިން ފެށިގެން ކުއްޔަށް ހިފުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ އިއުލާނުގައި ބުނީ ފެބްރުއަރީ 15 އިން ފެށިގެން އާޓް ގެލެރީ ބުކް ކުރެވޭނެ ކަމަށެވެ.

އާޓް ގެލެރީ ނުހުޅުވާ ލަސްވާތީ އާޓިސްޓުންގެ ޖަމިއްޔާއިން މިދިޔަ އާދިއްތަ ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނީ ގިނަ ދުވަސްތަކެއް ވަންދެން އެތަން ބަންދުކޮށްފައި ހުރުމުން ރާއްޖޭގެ ގިނަ ޕްރޮފެޝަނަލް ވިޝުއަލް އާޓިސްޓުންނަށް އެކަމުގެ ދަތިތައް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.

އެތަން ބަންދުކޮށްފައި ހުރުމުން އެ ޖަމިއްޔާއިން ހިންގަން ރާވާފައިވާ ގިނަ އިވެންޓުތަކެއް ނުބޭއްވި ލަސްވަމުންދާ ކަމަށް ވެސް ބުންޏެވެެ.

އެ ޖަމިއްޔާއިން ބުނިގޮތުގައި ނޭޝަނަލް އާޓް ގެލަރީ މަރާމާތަށް ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި ހުރުމުން އާޓްސް މިނިސްޓަރާއި އެ މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އަދި އެންސީއޭގެ ބައެއް ބޭފުޅުންނާ އެކު ވެސް އެތައް ފަހަރަކު މަޝްވަރާކުރެވުނެވެ. އެކަމަކު އެކަމަށް އެދެވޭ ނަތީޖާއެއް މިހާތަނަށް ލިބިފައިނުވާތީ އެ ޖަމިއްޔާއިން އެކަމުގެ ކަންބޮޑުވުން ފާޅުކުރެ އެވެ.

އާޓިސްޓުންގެ ހުނަރުތައް އެންމެ ކުރިއްސުރެ ދައްކުވައިދެމުން އައީ އެ މީހުންނަށް ހާއްސަކޮށްފައިވާ ގައުމީ ގެލަރީގަ އެވެ. އެކަމަކު އާޓް ގެލަރީން އާޓިސްޓުންނަށް އެކަށީގެންވާ ހިދުމަތްތައް ނުލިބޭ ކަމުގެ ޝަކުވާ ކުރިން ވެސް އޮތެވެ.