Roadha Mihaaru
އާޓިސްޓުންގެ ހުނަރާއި ގަލުވަޑާމުގެ ލައިވް އާޓް

އާޓިސްޓުންގެ ހުނަރާއި ގަލުވަޑާމުގެ ލައިވް އާޓް

13 ޑިސެމްބަރ 2021

އާދަމް ޝަރީފް (އެޑަމް) ގަލުވަޑާމަށް އެންމެ ފުރަތަމަ ޝައުގުވެރިވީ ފުރާވަރުގައި އޭނާގެ ބައްޕަ އެހެން ކުއްޖަކަށް ހަދައިދިން ބޮލުގައި އަޅާ ބޭންޑެއްގައި ކޮށްފައި ހުރި ޑިޒައިންތަކެއް ފެނިގެންނެވެ. އެ ބޭންޑުގައި ހުރީ އާންމުކޮށް ގަލުވަޑާމުން މި ފެންނަ ޑިޒައިންތައް ބޭނުންކޮށްފަ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އާދަމް ޝަރީފް (އެޑަމް) ގަލުވަޑާމަށް އެންމެ ފުރަތަމަ ޝައުގުވެރިވީ ފުރާވަރުގައި އޭނާގެ ބައްޕަ އެހެން ކުއްޖަކަށް ހަދައިދިން ބޮލުގައި އަޅާ ބޭންޑެއްގައި ކޮށްފައި ހުރި ޑިޒައިންތަކެއް ފެނިގެންނެވެ. އެ ބޭންޑުގައި ހުރީ އާންމުކޮށް ގަލުވަޑާމުން މި ފެންނަ ޑިޒައިންތައް ބޭނުންކޮށްފަ އެވެ.

ގަހަނާ ހެދުމަށް މަޝްހޫރު ދ. ރިނބުދޫ އަށް އުފަން އެޑަމް، އޭގެ ފަހުން އޭނާގެ ބައްޕަ ގާތުން ގަލުވަޑާމުގެ ހުނަރުތައް ދަސްކުރި އެވެ. މިހާރު އޭނާ އަކީ ރާއްޖޭގައި ތިބި މި ހުނަރަށް އެންމެ މޮޅު، މަދު މީހުންގެ ތެރެއިން މަޝްހޫރު އެކަކެވެ.

ގަލުވަޑާމުގެ އިތުރުން އެޑަމް އަކީ އޮއިލް ޕެއިންޓް ބޭނުންކޮށްގެން ވަރަށް ރީއްޗަށް ކުރަހާ މީހެކެވެ. އޭނާ އަކީ ތަފާތު އެކި ވައްތަރުގެ ރީތި ގަހަނާ ހަދަން ވެސް ދަންނަ، މޮޅު އާޓިސްޓެކެވެ.

ނެޝަނަލް އާޓް ގެލެރީގައި މިހާރު ކުރިއަށްދާ މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީގެ އެންމެ ބޮޑު އާޓް އެގްޒިބިޝަން "އަންވެއިލިން ވިޝަންސް 2021" ގައި އެޑަމްގެ ގަލުވަޑާން، ލައިވްކޮށް ބަލައިލެވޭނެ ގޮތް ވަނީ ހަދައިފަ އެވެ.

"އަޅުގަނޑަށް [ގަލުވަޑާން] ދަސްކުރާކަށް އެހާ އުނދަގުލެއް ނޫން،" އެޑަމް ބުންޏެވެ.

އޭނާ ބުނީ މިކަން ދަސްކުރަން އުޅެފި ނަމަ ކޮންމެ މީހަކަށް ވެސް ވާނެ ކަމަށެވެ.

"އަންވެއިލިން ވިޝަންސް 2021" އާޓް އެގްޒިބިޝަންގެ ތެރެއިން: މި އެގްޒިބިޝަން ކުރިއަށް ދާނީ މި މަހު 5 އިން 15 ގެ ނިޔަލަށް.-- ފޮޓޯ: ނިޝާން އަލީ / މިހާރު

"އަންވެއިލިން ވިޝަންސް 2021" އާޓް އެގްޒިބިޝަންގެ ތެރެއިން: މި އެގްޒިބިޝަން ކުރިއަށް ދާނީ މި މަހު 5 އިން 15 ގެ ނިޔަލަށް.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ހިތްހަމަޖެހުމުގެ އިހުސާސެއް

ތިން އެކުވެރިންގެ "އަޅި އާޓްސް" ގެ ހުނަރުވެރި އެއް އާޓިސްޓް ކަމަށްވާ، އައިޝަތު ސަޖިޔާން އަބްދުއްސައްތާރު (ޔާނާ) އަކީ ރިއަލިސްޓިކް ޕޯޓްރެއިޓްތައް ޑިޒައިންކުރަން މޮޅު އާޓިސްޓެކެވެ. މިދިޔަ އަހަރުގެ އަންވެއިލިން ވިޝަންސް އަށް އޭނާ ތައްޔާރުކުރި، ރަތް ލިބާހެއްގައި އިން ދުވަސްވީ އަންހެނަކު ފުން ހިޔާލެއްގެ ތެރެއަށް ގެއްލިފައި އިންނަ މަންޒަރު ފެންނަ ޕޯޓްރެއިޓަށް ވެސް ގިނަ ބައެއްގެ ލޯބި ލިބުނެވެ. މިއަހަރު އޭނާ ގެނެސްދިން ޕޯޓްރެއިޓް ވެސް އެހާ ފުރިހަމަ އެވެ.

އަންވެއިލިން ވިޝަންސް 2021 ގައި ޔާން ބައިވެރިކުރި އޭނާގެ މަސައްކަތް.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އަންވެއިލިން ވިޝަންސް 2021 ގައި ޔާން ބައިވެރިކުރި އޭނާގެ މަސައްކަތް.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ޔާން ބުނި ގޮތުގައި، މިފަހަރުގެ ޕޯޓްރެއިޓުން އޭނާ ބޭނުންވީ އެ ބަލާ މީހަކަށް ހިތްހަމަޖެހުމުގެ އިހުސާސެއް ކުރުވާށެވެ. މިއިން ފެންނަނީ ރަތް ލިބާހެއް ލައިގެން ހުރި އަންހެނަކު މޫދުގައި ފެންމަތީ އޮންނަ މަންޒަރެވެ.

"މި އާޓް ޕީސްގެ އިންސްޕިރޭޝަނެއްގެ ގޮތުގައި ބެލީ އަހަރެމެން ދިރިއުޅުމުގައި ކަމެއް ހާސިލުކުރަން މި އުފުލާ ތަކުލީފުތަކަށް. އަދި އެ ތަކުލީފުތަކަށް ފަހު، އެމީހެއްގެ ހުވަފެންތައް ހަގީގަތަކަށް ވީމާ، އެ ކުރެވޭ ހިތްހަމަޖެހުމުގެ އިހުސާސް ދައްކައިދިނުން،" ޔާން ކިޔައިދިނެވެ.

"މޫދުގައި ފެންމަތީގައި އެ އޮންނައިރު ކުރެވޭ ކަހަލަ އުފާވެރި އިހުސާސްތަކެއް ކުރެވޭނީ."

އަންވެއިލިން ވިޝަންސް 2021 ގައި ޔާން ބައިވެރިކުރި ކުރެހުން ކައިރީގައި އޭނާ ހުއްޓިލައިގެން.

އަންވެއިލިން ވިޝަންސް 2021 ގައި ޔާން ބައިވެރިކުރި ކުރެހުން ކައިރީގައި އޭނާ ހުއްޓިލައިގެން.

މިއީ ޔާން އޭނާގެ އާޓިސްޓިކް ކެރިއާގައި އެންމެ ގިނަ ވަގުތު ދީގެން ކުރި ބުރަ މަސައްކަތެވެ. މި ޕޯޓްރެއިޓް ތައްޔާރުކޮށް ނިންމާލީ ދެ ހަފުތާ އިންނެވެ. އެއީ ކޮންމެ ދުވަހަކު 5-6 ގަޑިއިރު މި މަސައްކަތަށް ހުސްކޮށްގެންނެވެ. މިކްސް މީޑިއާ އަށް ފެތޭ މި ޕޯޓްރެއިޓް ތައްޔާރުކޮށްފައި ވަނީ ޕުޓީ އާއި އެކްލިރިކް ޕެއިން އަދި ރެސިން ބޭނުންކޮށްގެންނެވެ.

މިދިޔަ އަހަރު އަންވެއިލިން ވިޝަންސްގައި ޕެއިންޓް ގެޓަގަރީން އެންމެ މޮޅު އާޓިސްޓަކަށް ހޮވުނު ޔާން އަށް މިއަހަރު މި މަސައްކަތުން ވަނީ މިކްސް މީޑިއާ ކެޓަގަރީން އެންމެ މޮޅު އާޓިސްޓުގެ އެވޯޑް ކާމިޔާބުކޮށްފަ އެވެ.

މިއަހަރުގެ ވަނަތައް

- ކުރެހުމުގެ ކެޓަގަރީން އެންމެ މޮޅު އާޓިސްޓް / އިސްމާއިލް މާއިޝް

- ޕެއިންޓް ކެޓަގަރީން އެންމެ މޮޅު އާޓިސްޓް / މަރިޔަމް ބަރްޝާ މުހައްމަދު (މާހުޅުނބާ އާޓްސް)

- ޑިޖިޓަލް އާޓް ކެޓަރީން އެންމެ މޮޅު އާޓިސްޓް / އަލީ އިމްތިޝާލް (ނޯޓެރާ އާޓް)

- ކެލިގްރަފީ ކެޓަގަރީން އެންމެ މޮޅު އާޓިސްޓް / ހަސަން ނާޖިހު (އާތުލިންގް)

- މިކްސް މީޑިއާ ކެޓަގަރީން އެންމެ މޮޅު އާޓިސްޓް / އައިޝަތު ސަޖިޔާން އަބްދުއްސައްތާރު (ޔާން)

މޯލްޑިވްސް އާޓިސްޓްސް ކޮމިއުނިޓީން ބުނި ގޮތުގައި މިއީ މި އެގްޒިބިޝަންގައި އެންމެ ގިނަ އާޓިސްޓުން ބައިވެރިވި އަހަރެވެ. އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އެގްޒިބިޝަންގައި މި އަހަރު 65 އާޓިސްޓެއްގެ ތަފާތު މަސައްކަތްތައް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި މިއަހަރު އަލަށް ބައިވެރިވި އާޓިސްޓުން ވެސް ވަރަށް ގިނަ އެވެ.

ނޭޝަލް އާޓް ގެލެރީން ވަނީ މިފަހަރު މި އެގްޒިބިޝަން އެމީހުންގެ ވެބްސައިޓުން، ވާޗުއަލްކޮށް ބަލާލެވޭނެ ގޮތް ވެސް ހަދައިފަ އެވެ. މިއީ ރާއްޖޭގެ އާޓް އެގްޒިބިޝަނެއް ވާޗުއަލްކޮށް، ބަލައިލެވޭނެ ގޮތް ހެދި ފުރަތަމަ ފަހަރެވެ.