Roadha Mihaaru
ގެއްލުނު ބިދޭސީ މީހާ މަރާލި ކަމަަށް ތުހުމަތުކޮށްފި

ތެޔޮ ބޯޓުން ގެއްލުނު ބިދޭސީ މީހާ މަރާލި ކަމަށް ފުލުހުން ތުހުމަތުކޮށްފި

03 ޖެނުއަރީ 2023

ވިލިމާލެއިން ފުރި ތެޔޮ ބޯޓަކުން ކަނޑުމައްޗަށް ގެއްލުނު ދެ މީހުންގެ ތެރެއިން އެކަކު މަރުގެ ތުހުމަތުގައި މާލެ ތެރެއިން މިއަދު ހައްޔަރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވިލިމާލެއިން ފުރި ތެޔޮ ބޯޓަކުން ކަނޑުމައްޗަށް ގެއްލުނު ދެ މީހުންގެ ތެރެއިން އެކަކު މަރުގެ ތުހުމަތުގައި މާލެ ތެރެއިން މިއަދު ހައްޔަރުކޮށްފި އެވެ.

ތެޔޮ ބޯޓުން ގެއްލިގެން ހޯދަމުން ދިޔައީ ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމް، 45، އާއި ބަންގުލަދޭޝްގެ މުހައްމަދު ލިޓަން، 35، އެވެ. މި ދެމީހުން ދަތުރުކުރި ކަމަށް ބުނާ ބޯޓު މިދިޔަ ބުރާސްފަތި ދުވަހު ހުޅުލެ ކައިރިން އޮޔާދަނިކޮށް ވަނީ ފެނިފަ އެވެ.

ގެއްލިގެން ހޯދަމުން ދިޔަ ނިޒާމް، އޭގެ ތިން ދުވަސް ފަހުން މާލޭ ކޮފީ ޝޮޕެއްގައި އިންދައި އާއްމުންގެ ބަޔަކަށް އިއްޔެ ފެނިގެން ސޯޝަލްމީޑިއާގައި އޭނާގެ ފޮޓޯ އާއްމުކުރި އެވެ.

ފުލުހުން މިއަދު ބުނީ ނިޒާމް މިއަދު ފެނުނީ ގެސްޓް ހައުސްއެއްގެ ތެރެއިން ކަމަށެވެ. އޭގެ އިރުކޮޅެއް ފަހުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި އޭނާ ހައްޔަރުކުރީ މީހެއްގެ މަރުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ތަފުސީލެއް ނުދެ އެވެ.

އެކަމަކު ބޯޓުގައި އޭނާއާއެކު ދަތުރުކުރި ބިދޭސީ މީހާއަށް ވީގޮތެއް އަދި ނޭނގެ އެވެ.

ވ. އަތޮޅު ވެންފަރު ކައިރިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އިއްޔެ ވަނީ ފެނިފަ އެވެ. ބަޔަކު ރިޕޯޓްކުރުމުން ގޮސް އެ މީހާ ނެގީ ފުލުހުންނެވެ. އެކަމަކު އެއީ ކާކު ކަމެއް ފުލުހުން މިހާތަނަށް ނުބުނެ އެވެ.

ވަރަށް ހަމަޖެހިލައިގެން މާލެ ތެރޭގައި އުޅެނިކޮށް ނިޒާމް އިއްޔެ ފެނުމުން ގިނަ ބަޔަކު އެކަމާ ސުވާލު އުފެއްދި އެވެ.

ނިޒާމް ދަތުރުކުރި ބޯޓު އޮޔާދަނިކޮށް ފެނުނުއިރު، އޭނާ މާލެ އެރި ގޮތެއް އަދި ނޭނގެ އެވެ. ކަމެއް ދިމާވިކަން ފުލުހުންނަށް ރިޕޯޓްނުކޮށް އެހާ ހަމަޖެހިގެން މާލެ ތެރޭގައި އޭނާ އުޅުނު ސަބަބާ މެދު ވެސް ސުވާލު އުފެދުނެވެ.

ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން އާންމުކުރި މީހާ މާލޭގައި ހުއްޓާ އާންމުންގެ މީހަކު ނަގާފައިވާ ފޮޓޯއެއް.

ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން އާންމުކުރި މީހާ މާލޭގައި ހުއްޓާ އާންމުންގެ މީހަކު ނަގާފައިވާ ފޮޓޯއެއް.

އެނގިފައިވާ ގޮތުގައި ބޯޓު އޮޔާދަނިކޮށް ފެނުނުއިރު އޭގެ ތެރޭގައި ބިދޭސީ މީހާގެ ބައެއް ސާމާނު ހުއްޓެވެ.

ނިޒާމް މާލެއިން ފެނިގެން އޭނާ ހޯދާ ވާހަކަ އާއްމުންގެ މީހަކު ބުނުމުން އޭނާ އެކަން ދޮގުކުރި އެވެ.

"އަޅުގަނޑު އެހީމަ ބުނީ މި އައީއޭ ފުލުހަށް ގޮސްފައޭ. އެ މީހުން ބުންޏޭ ހޯދާކަށް ނޫޅެމޭ،" ކޮފީ ޝޮޕެއްގައި އިންދައި އޭނާ ފެނުނު އިބްރާހިމް މުހައްމަދު ބުންޏެވެ.

އެ ދެ މީހުން ގެއްލިގެން ހޯދަމުން އަންނަކަން ފުލުހުން އިއުލާންކުރީ އާދިއްތަ ދުވަހު އެވެ. އެ މީހުން ގެއްލުނީ ކޮން ބޯޓަކުން، ކިހާ ހިސާބަކުން ކަމެއް އަދި އެކަމާ ގުޅޭ އެއްވެސް އެހެން މައުލޫމާތެއް ފުލުހުން އަދިވެސް ނުދެ އެވެ.