Roadha Mihaaru
ވިލާ ކޮލެޖްގެ "އޯޕެން ޑޭ" ހުކުރު ދުވަހު

އަންނަ މަހު ފަށާ ކޯސްތަކުގެ މައުލޫމާތު ދޭން ވިލާ ކޮލެޖުން "އޯޕެން ޑޭ" އެއް ބާއްވަނީ

14 ޑިސެމްބަރ 2022

ވިލާ ކޮލެޖުގައި އަންނަ މަހު ފަށަން ހަމަޖެހިފައިވާ ކޯސްތަކުގެ މައުލޫމާތު ދިނުމަށް "އޯޕެން ޑޭ" އެއް އަންނަ ހުކުރު ދުވަހު ބާއްވާނެ ކަމަށް އެކޮލެޖުން ބުނެފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ވިލާ ކޮލެޖުގައި އަންނަ މަހު ފަށަން ހަމަޖެހިފައިވާ ކޯސްތަކުގެ މައުލޫމާތު ދިނުމަށް "އޯޕެން ޑޭ" އެއް އަންނަ ހުކުރު ދުވަހު ބާއްވާނެ ކަމަށް އެކޮލެޖުން ބުނެފި އެވެ.

އެ ހަރަކާތް އޮންނާނީ ހުކުރު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ވިލާ ކޮލެޖްގެ ގޯތިތެރޭގަ އެވެ.

އެ ހަރަކާތްތަކުގައި، ކޯސްތަކުގެ މައުލޫމާތު ދިނުމުގެ އިތުރުން ކޮލެޖްގެ ލެކްޗަރާއިންނާ ބައްދަލުކުރުމާއި ކުރީގެ އަދި މިހާރު ދަރިވަރުންނާ ބައްދަލުވެ، އެ ކުދިންގެ ތަޖުރިބާ ހިއްސާކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

އެ ހަރަކާތުގެ ތެރެއިން ކޯސްތަކަށް ވަނުމަށް އެޕްލިކޭޝަން ހުށަހެޅުމާއި، ވަގުތުން ކޯހަށް ހޮވުނުކަމުގެ ލިޔުން ދީ، ކޯހަށް ރަޖިސްޓްރީ ކުރުމުގެ އިންތިޒާމް ވެސް ހަމަޖެހިފައިވާ ކަމަށް އެ ކޮލެޖުން ބުންޏެވެ.

ތަފާތު ކުޅިވަރު ހަރަކާތްތަކާއި، ލައިވް މިއުޒިކް އަދި ފުޑް ސްޓޯލްތައް ވެސް އެ ދުވަހު އޮންނާނެ އެވެ. އަދި އެ ހަރަކާތަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ނެގޭ ގުރުއަތުން، ނަސީބުވެރިއަކަށް ހާއްސަ އިނާމެއް ލިބޭނެ އެވެ.

ވިލާ ކޮލެޖުން ބުނި ގޮތުގައި، އަންނަ ހުކުރު ދުވަހު އެ ކޮލެޖުން ހިންގާ ކްލާސްތަކުގެ ތެރެއިން ބައެއް ކްލާސްތައް ތަޖުރިބާ ކޮށްލުމަށްޓަކައި ހިލޭ ބައިވެރިވެވޭ "ޑެމޯ ކްލާސް" ތަކާއި ކޮލެޖްގެ ދަރިވަރުންށް ހުރި ވަސީލަތްތައް ބަލައިލުމުގެ ފުރުސަތު ވެސް އޯޕެންޑޭއަށް ޒިޔާރަތްކުރާ ފަރާާތްތަކަށް ލިބޭނެ އެވެ.

އޭގެ އިތުރުން، ވިލާ ކޮލެޖުގައި ހުރި ވަޒީފާގެ ފުރުސަތު، އަދި އޯޕެންޑޭގައި އެ ކޮލެޖާއެކު ބައިވެރިވާ ކްރޯ މޯލްޑިވްސް، ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ، ޔުނިވާސަލް ރިސޯޓްސް، އަމާނާތަކަފުލް، މޯލްޑިވިއަން، އޭޑީކޭ ހޮސްޕިޓަލް، އީވައި، އަދި އެސްޓީއޯގައި ހުރި ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތު ވެސް ލިބޭނެ އެވެ.