Roadha Mihaaru
ލަންކާގެ މަސްބޯޓު ފެނިއްޖެ، އެކަކުގެ ހާލު ދެރަ

ލަންކާގެ މަސްބޯޓު މަކުނުދޫ ބޭރުން ފެނިއްޖެ، އެކަކުގެ ހާލު ދެރަ

12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީ ލަންކާގެ މަސްބޯޓެއް ހދ. މަކުނުދޫ ބޭރުން ފެނިފައިވާ ކަމަށާއި އޭގައި ތިބި ހަތަރު މީހުންގެ ތެރޭން އެކަކުގެ ހާލު ދެރަ ކަމަށް އެމްއެންޑީއެފް އިން މިއަދު ބުނެފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ގެއްލިގެން ހޯދަމުން ދިޔަ ސްރީ ލަންކާގެ މަސްބޯޓެއް ހދ. މަކުނުދޫ ބޭރުން ފެނިފައިވާ ކަމަށާއި އޭގައި ތިބި ހަތަރު މީހުންގެ ތެރޭން އެކަކުގެ ހާލު ދެރަ ކަމަށް އެމްއެންޑީއެފް އިން މިއަދު ބުނެފި އެވެ.

އެމްއެންޑީއެފް އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެ މަސްބޯޓު ހޯދަން ލަންކާ ސަރުކާރުން ރާއްޖޭގެ އެހީތެރިކަމަށް މިދިޔަ ހޯމަ ދުވަހު އެދުމުން، ކޯސްޓްގާޑުން ފެށި މަސައްކަތުގައި އެ ބޯޓު ފެނުނީ ރޭ ފަތިހު 3:00 ހާއިރު އެވެ. މަކުނުދޫގެ ހުޅަނގުން 153 ނޯޓިކަލް މޭލު ބޭރުން އޮޔާދަނިކޮށް އެ ބޯޓު ފެނުނީ، އެމްއެންޑީއެފް އިން ބުނި ގޮތުގައި، ކޯސްޓްގާޑުގެ އުޅަނދު ހުރަވީ އަށެވެ.

"މި ބޯޓު ފެނުނުއިރު އޭގައި ހަތަރު މީހުން ތިއްބެވެ. އޭގެ ތެރޭން އެކަކުގެ ހާލު ދެރަ ނަމަވެސް، ދެން ތިބި ތިން މީހުންގެ ހާލު ރަނގަޅެވެ،" ބަޔާނުގައިވެ އެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި އެ ބޯޓު ހދ. ކުޅުދުއްފުއްޓަށް ގެންދިއުމަށް ކޯސްޓްގާޑު ޝިޕް ހުރަވީން ދަނީ މިހާރު ދަތުރުކުރަމުންނެވެ. ކުޅުދުއްފުށީ ބަނދަރަށް ވަދެވޭވަރު ވާނެ ކަމަށް ލަފާކުރެވެނީ މިރޭ 11:00 ހާއިރު ކަމަށް ވެސް އެ ތަނުން ބުންޏެވެ.

ލަންކާގެ އެހެން މަސްބޯޓެއް ހއ. ތުރާކުނުގެ ބޭރުން އޮޔާދަނިކޮށް ވެސް މިދިޔަ ހަފުތާގައި ފެނިފައިވެ އެވެ. ދެ މީހުންނާ އެކު ފެނުނު އެ ބޯޓުގައި ތިބި އިތުރު ހަތަރު މީހަކު ގެއްލިފައިވާ ކަމަށާއި އެ މީހުން ހޯދަން ރާއްޖޭގެ އެހީތެރިކަމަށް އެދޭނެ ކަމަށް ލަންކާ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ އެ ގައުމުގެ ބައެއް ނޫސްތަކުން މިދިޔަ ހޯމަ ދުވަހު ބުންޏެވެ. ނަމަވެސް މިއީ މިއަދު ފެނުނު ބޯޓުގައި ތިބި ހަތަރު މީހުންގެ ވާހަކަ އެވެ. އޭރު އެހެން ބޯޓެއް ގެއްލިގެން އުޅޭ ކަމެއް މީޑިއާ އަކަށް ނޭނގެ އެވެ.

މިއަދު ފެނުނު ބޯޓު މަހަށް ނުކުތީ މިދިޔަ މަހުގެ 24 ގައި އެ ގައުމުގެ އިރުމަތީ އަވަށެއް ކަމަަށްވާ އޮލުވިލް އިންނެވެ. އެ ބޯޓުގައި ތިބީ އެ ސަރަހައްދުގެ ސިޓީއެއް ކަމަށްވާ ކަލްމުނާއީ އަށް ނިސްބަތްވާ މަސްވެރިން ކަމަށް ވެ އެވެ.