16 ނޮވެމްބަރ 2022
ޖިނާއީ ބޮޑެތި މައްސަލަތަކުގައި ހެކިންނަށް ބިރުދެއްކުމާއި ނުފޫޒު ފޯރުވުމަކީ އާ ކަމެއް ނޫނެވެ. އެއްވެސް ސަރުކާރަކަށް އަދި ދައުލަތަކަށް އެކަމެއް ނުހުއްޓުވުނެވެ. ސިއްރު ހެކިވެރިން ބިން ގަރާހުގައި ބައިތިއްބައިގެން ހެކިބަސް ނެގިޔަސް، އެ މީހުންނަށް ރައްކާތެރިކަމެއް ނެތެވެ.
ޖިނާއީ ބޮޑެތި މައްސަލަތަކުގައި ހެކިންނަށް ބިރުދެއްކުމާއި ނުފޫޒު ފޯރުވުމަކީ އާ ކަމެއް ނޫނެވެ. އެއްވެސް ސަރުކާރަކަށް އަދި ދައުލަތަކަށް އެކަމެއް ނުހުއްޓުވުނެވެ. ސިއްރު ހެކިވެރިން ބިން ގަރާހުގައި ބައިތިއްބައިގެން ހެކިބަސް ނެގިޔަސް، އެ މީހުންނަށް ރައްކާތެރިކަމެއް ނެތެވެ.
ކުރިން ހެކިންނަށް ނުފޫޒު ފޯރުވަނީ ކޯޓުގައި ހެކިބަސް ދިނުމުގެ ކުރިންނެވެ. މިހާރު މިކަން ވެސް ބަދަލުވެ، ބޭނުން ކުރަނީ އާ އުކުޅެކެވެ. ކޯޓުގައި ހެކިބަސް ދޭ ފަހުން ވެސް ހެކިބަސް ބަދަލުވަނީ އެވެ.
މަންޒަރު އެންމެ ގާތުން ފެނުނު ކަމަށް ބުނެ ސާފު ބަހުން ކޯޓުގައި ހެކިބަސް ދީ އަދި މައްސަލަ ނިމުމަކާ ގާތުގައި އޮއްވައި ފަނޑިޔާރުގެ މޭޒުކޮޅު މައްޗަށް އަންނަނީ ސިއްރު ހެކިވެރިންގެ ސިޓީއެކެވެ. ކޯޓުގައި ކުރިން ދިން ހެކިބަސް ދޮގުކޮށްފަ އެވެ.
މާތްﷲ ގަންދީ ހުވާކޮށްގެން ކޯޓުގައި ދީފައިވާ ހެކިބަސް އަނބުރާ ގެންދަން ސަބަބެއްގެ ގޮތުގައި ދައްކަނީ އޭރު ހެކިބަސް ދިނީ ދައުވާ ލިބޭ މީހުންނާ މެދު އޮތް ރުޅިވެރިކަމެއްގެ ސަބަބުން ނުވަތަ އެ ނޫން ވެސް ކޮންމެވެސް ސަބަބެކެވެ. އާންމު ބަހުރުވައިގެން ބުނާ ނަމަ، "ކުރިން ބުނި އެތި ކެންސަލް" އެވެ.
މުޅި މައްސަލަ އެ ހެކިންގެ ހެކިބަހަށް ބިނާވާ ހެކިން މިގޮތަށް ސިޓީއެއް ފޮނުވާ ހިސާބުން މައްސަލަ ބަލިކަށިވީ އެވެ. ދެ މަރުހަލާއެއްގައި ހެކިވެރިން ދެ ގޮތަށް ވާހަކަ ދެއްކުމުން އުފެދިގެންދާ ޝައްކުގެ ފައިދާ ލިބޭނީ ޖިނާއީ އަދުލުގެ ނިޒާމު އޮންނަ ގޮތުން ދައުވާ ލިބޭ މީހުންނަށެވެ.
ވަކިން ހާއްސަކޮށް މަރުގެ އަދަބު ކަނޑައެޅޭ މައްސަލަތަކުގައި އުފެދޭ މިފަދަ ޝައްކަކީ ކޯޓުތަކުން އަޅާނުލާ ދޫކޮށް ނުލާނެ އެއްޗެކެވެ. މިއީ މި ފަހަކަށް އައިސް މަރުގެ މައްސަލަތައް ޝަރުއީ މަރުހަލާއިން ބަލިކަށި ކޮށްލަން ބޭނުންކުރާ އުކުޅެވެ. މި ހަފުތާގައި ކުށް ސާބިތު ނުވެ ނިމުނު މަރުގެ މައްސަލާގައި ވެސް ވީ އެ ގޮތަށެވެ.
މިދިޔަ އަހަރު ނިމުނު މަރުގެ މައްސަލައެއްގައި ވެސް މި ގޮތަށް ކަން ހިނގި އެވެ. ސިޓީ ފޮނުވިޔަސް، ދެ ވަނަ ފަހަރަށް އެ މީހުންގެ ހެކިބަހެއް ނުނަގަ އެވެ. ސަބަބަކީ ސިއްރު ހެކިން ހާޒިރު ކުރުމާއި ބާރު އޮންނަ ދައުލަތުން އެގޮތް ބޭނުން ނުވާތީ އެވެ.
މިއީ ކޯޓުތަކުގެ ކަންބޮޑުވުން ވެސް އޮތް ކަމެކެވެ. ކޯޓުތަކުގެ އެތައް ވަގުތަކާއި ވަސީލަތްތައް ހޭދަކޮށްގެން ސިއްރު ހެކިބަސް ނަގައި، މައްސަލަ ނިމުމަކާ ގާތުގައި އޮއްވައި އެންމެ ސިޓީއަކުން، ކުރި ހުރިހާ މަސައްކަތެއް ފެނަށް ދުއްވާލާތީ އެވެ. ސިއްރު ހެކިންގެ ހެކިބަސް ނެގެނީ ވެސް އެތައް ދުވަހެއްގެ މަސައްކަތުންނެވެ.
"މި ގޮތަށް އަމަލުކުރާ ގިނަ ހެކިންނަކީ މައްސަލަތަކުގައި އެންމެ މުހިންމު ހެކިވެރިން ކަމަށް ވެދެ އެވެ،" މިދިޔަ އަހަރު މަރުގެ މައްސަލައެއްގައި މިފަދަ ކަމެއް ދިމާވުމުން އޭރު ކޯޓުން ކުރި ހުކުމުގައި ބުނެފައިވެ އެވެ.
ސީނެއްގައި ފުލުހުން ހަރަކާތްތެރިވަނީ --- ފޮޓޯ/މިހާރު
"މި ކަމަކީ ހިނގާ ކަމެއް ކަމާއި އަދި މި ކަމުގެ ޒާތުން ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑު ގޮންޖެހުމަކަށް ވެފައި މި ކަމުގެ ސަބަބުން ގިނަގުނަ ވަސީލަތްތަކެއް ބޭކާރުވެގެން ދާއިރު މިފަދަ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެން ނަމަވެސް މިކަމަށް ހައްލެއް ހޯދަންޖެހޭ،" އެ ހުކުމުގައިވެ އެވެ.
ހެކިވެރިންގެ ފަރާތުން މި ގޮތަށް ސިޓީތައް އަންނަނީ ހެކިންނާއި އެ މީހުންގެ އާއިލާތަކަށް ނުފޫޒު ފޯރުވާކަމުގެ އިންޓެލިޖެންސް މައުލޫމާތުތައް ފުލުހުން ލިބެމުން ދަނިކޮށް ކަމަށް ވިޔަސް، މީގެ އެއްވެސް މައްސަލައެއްގައި ހެކިންނަށް ބިރު ދެއްކި ބަޔަކު ހޯދިފައެއް ނުވަތަ ފިޔަވަޅު އެޅިފައެއް ވެސް ނެތެވެ.
ދާދި ފަހުން އަމަލުކުރަން ފެށި ހެއްކާ ބެހޭ ގާނޫނުގައި ވެސް މިފަދަ ހާލަތްތަކުގައި އަމަލު ކުރަންޖެހޭ ވަކި ގޮތެއް ނޯވެ އެވެ. ނަމަވެސް ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމާއި ދޮގު ހެކިބަސް ދިނުމަކީ ގާނޫނުލްއުގޫބާތުގެ ދަށުން ކުށެކެވެ. މީގެ ކުރިން ބައެއް މައްސަލަތަކުގައި ތަހުގީގަށް ދިން ބަޔާނާ ދިމާ އިދިކޮޅަށް ކޯޓުގައި ހެކިބަސް ދިނުމުން ބައެއް މީހުންގެ މައްޗަށް ދޮގު ހެކި ދިނުމުގެ ދައުވާ ވެސް ކުރެ އެވެ. އެކަމަކު މި ފަހުން ފެންމަތިވި އެއްވެސް މައްސަލައެއްގައި އެގޮތަކަށް އަމަލެއް ނުކުރެ އެވެ.
މައުލޫމާތު އެނގޭ ބޭފުޅަކު ވިދާޅުވި ގޮތުގައި ހެކިބަސް އަނބުރާ ގެންދިއުމުގެ މައްސަލަތައް އާންމުކޮށް ހިނގަނީ މަރުގެ މައްސަލަތަކާއި ގްރޫޕް މާރާމާރީތަކާ ގުޅުން ހުރި މައްސަލަތަކުގަ އެވެ. މިދިޔަ އަހަރު ވެސް މަރުގެ މައްސަލައެއްގައި އެގޮތަށް ހެކިބަސް ބަދަލުކުރި ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"ގްރޫޕް ހަދައިގެން ހިންގާ ކުށްތަކުގައި ޓެކްނިކެއްގެ ގޮތުގައި މިކަން އެބަ ބޭނުން ކުރޭ. މައްސަލަތައް ނުނިމި ލަސްވެގެން ދިޔުމަކީ ވެސް މި ގޮތަށް ހެކިބަސް ބަދަލުކުރަން ލިބޭ ފުރުސަތެއް،" ޖިނާއީ އަދުލުގެ ނިޒާމުގައި މަސައްކަތް ކުރައްވާ އެ ބޭފުޅާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިގޮތަށް ހެކިބަސް ބަދަލުކުރަނީ ސިއްރު ހެކިން ކަމަށް ވާތީ އެ މީހުންނާ މެދު ފިޔަވަޅު އެޅުމުގައި ދަތިތަކެއް އެބަހުއްޓެވެ. އެކަމަކު އެއްވެސް ފިޔަވަޅެއް ނާޅައި ދޫކޮށްލުމުން މި މައްސަލަ ކުރިއަށް އޮތް ތަނުގައި އިތުރަށް ގޯސްވާނެ ކަމަށް އޭނާ ވެސް ދެކެވަޑައިގަންނަވަ އެވެ.
"ހުވައެއްގެ މަތީގައި ހުރެ ހެކިބަހެއް ދީފައި، ކުރިން އެހެން ބުނެވުނީ އޮޅުމަކުންނޭ ބުނެފައި އެ ބަސް އަނބުރާ ގެންދިއުމަކީ އާދައިގެ ކަމެއް ނޫން ގާނޫނީ ގޮތުން އަދި ޝަރުއީ ގޮތުން ބެލިޔަސް. ވަރަށް ސީރިއަސްކޮށް ނަގަން ޖެހޭ ކަންކަން މިއީ،" އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް މަރުގެ ހުކުމް އިއްވާފައިވާ މީހެއްގެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށް ހެކިވެރިއަކު ސިޓީއެއް ފޮނުވާފައި ބުނަންވީތޯ ތިމަންނަގެ ހެކިބަސް އަނބުރާ ގެންދަނީއޭ. ދައުލަތުން ލުއިކޮށް މިހާރު މިކަހަލަ ކަންކަން ނަގަނީ."
ކޯޓުގައި ފިލައިގެން ތިބެ ހެކިބަސް ދިނަސް، ހެކިވެރިންނަށް ރައްކާތެރިކަމެއް ދައުލަތަކަށް ނުދެވުނެވެ. ނަތީޖާއަކަށް މިހާރު ވެފައި މި ވަނީ ކޯޓުގައި ދޭ ހެކިބަސް ފަހުން ބަދަލުކުރާ ހިސާބަށް ދިއުމެވެ. ޖިނާއީ އަދުލުގެ ނިޒާމުގައި ހެކިބަހަކީ ކުޅޭ ކުޅޭ އެއްޗަކަށް ވެ، ބޮޑެތި މައްސަލަތައް ސާބިތުނުވެ ނިމިގެން ދިއުމެވެ.
ހެކިންނަށް ހިމާޔަތެއް ނެތް: ހެކިބަސް ދޭން މަޖުބޫރު!
ދެފިރިހެނުން ހެކި ނުދޭ ނަމަ މަރުގެ އަދަބުން ރެކެވެނީ!
ގޭންގުތައް ނުހުއްޓުވޭ ސަބަބާ މެދު ފަނޑިޔާރުންގެ ސުވާލު
ފަސޭހަ އިއުތިރާފުން ކުށް ސާބިތުކުރުން ނިމުމަކަށް؟!
މޫސަގެ މަރު: ދައުވާ ލިބޭ މީހާ ބަންދުނުކުރީ ރަނގަޅަށް
ނަދީމްގެ މަރު: މަފާޒް އަލުން ބަންދުކުރަން އެދެފި
ޝެފަކު މަރާލި މައްސަލަ އޮކްޓޫބަރު މަހު ނިންމޭތޯ ބަލަނީ
ރާއްޖޭގައި މަރުގެ އަދަބު ދޭކަށް ނުފެނޭ: މައުމޫން
ސާހިލް ކޯޓުގައި ވެސް ހަނު، ދެން ވަކީލުންނެއް ނުދޭނެ
ނަދީމްގެ މަރު:ދައުވާލިބޭ މީހުން ހައިކޯޓުން ބަންދުނުކުރި