Roadha Mihaaru
އާސިއާނުން އިންޑިއާ، އެމެރިކާއާ ގުޅުން ބަދަހިކޮށްފި

އާސިއާނުން އިންޑިއާ، އެމެރިކާއާ ގުޅުން ބަދަހިކޮށްފި

14 ނޮވެމްބަރ 2022

އިންޑިއާ އާއި އެމެރިކާއާ އެކުގައި އާސިއާންގެ ގައުމުތަކުން ދަމަހައްޓަމުން އައި ގުޅުން އިތުރަށް ބަދަހިކޮށް، ތަފާތު ދާއިރާތަކުން އިތުރަށް އެއްބާރުލައި އެހީތެރިކަން ހިއްސާކުރުމަށް އެއްބަސްވެއްޖެ އެވެ.

އިންޑިއާ އާއި އެމެރިކާއާ އެކުގައި އާސިއާންގެ ގައުމުތަކުން ދަމަހައްޓަމުން އައި ގުޅުން އިތުރަށް ބަދަހިކޮށް، ތަފާތު ދާއިރާތަކުން އިތުރަށް އެއްބާރުލައި އެހީތެރިކަން ހިއްސާކުރުމަށް އެއްބަސްވެއްޖެ އެވެ.

ކެމްބޯޑިއާގެ ވެރިރަށް ނޮމް ޕެންގައި، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އާސިއާން-އެމެރިކާ މަހާސިންތާގައި، އާސިއާންގެ ގައުމުތަކުން ވަނީ، ވިޔަފާރި އާއި އިންވެސްޓްމެންޓްގެ ދާއިރާ އިން އިންޑިއާ އާއި އެމެރިކާއާ އެކުގައި އިތުރަށް ގުޅުން ބަދަހިކޮށް، ތިން ފަރާތުގެ މަސްލަހަތުތައް ހިމާޔަތްކުރެވޭ ފަދަ ގުޅުމެއް ދެމެހެއްޓުމަށް އެއްބަސްވެފަ އެވެ.

އެމެރިކާ އާއި އިންޑިއާއާ އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވި އެއްބަސްވުމުގައި ހިމެނޭ މުހިންމު ކަންކަމަކީ، ވިޔަފާރި އާއި އެހެނިހެން ކަންކަމުގައި ވެސް، ހުޅުވިފައިވާ އަދި ހާމަކަން ބޮޑު ގޮތެއްގައި އެއްބާރުލުން ދީގެން މަސައްކަތް ކުރުމެވެ. އާސިއާނުން އެމެރިކާ އާއި އިންޑިއާއާ އެކުގައި މި އެއްބަސްވުން ގާއިމުކުރީ، ތަފާތު ދާއިރާތަކުން އެއްބާރުލުމާއެކު ގުޅިގެން މަސައްކަތް ކުރުމަށް، ޗައިނާ އާއި އޮސްޓްރޭލިޔާއާ އެކުގައި އެއްބަސްވިތާ އެއް އަހަރު ފަހުންނެވެ.

މި މަހާސިންތާގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވި ގޮތުގައި، އެމެރިކާ އާއި އިންޑިއާއާ އެކުގައި އާސިއާނުން މި ގާއިމުކުރި އެއްބަސްވުމުގެ ސަބަބުން، "ހުޅުވިފައިވާ މިނިވަން އިންޑޯ-ޕެސިފިކް" ބިނާކުރުމަށް މަގު ފަހިވެގެންދާނެ އެވެ. އޭގެ އިތުރުން، އިންޑޯ ޕެސިފިކް ސަރަހައްދަށް ހަމަޖެހުމާއި ތަނަވަސްކަމާއި ރައްކާތެރިކަމުގެ އިތުރުން ފަހެލިކަން ވެސް ލިބިގެންދާނެ ކަމަށް ބައިޑެން ވިދާޅުވި އެވެ.

ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގެ މައްސަލައާއި މިޔަންމާގެ މައްސަލަ ހައްލުކުރުމުގައި ވެސް އެމެރިކާގެ އެހީތެރިކަން އާސިއާނަށް ދެއްވާނެ ކަމަށް ބައިޑެން ވައުދުވެވަޑައިގެންނެވި އެވެ. އަދި ދެ ފަރާތަށް ވެސް ކުރިމަތިވެފައި ހުރި ގޮންޖެހުންތަކަށް އީޖާދީ އާ ހައްލުތައް ހޯއްދެވުމަށް ވެސް ވައުދުވެވަޑައިގެންނެވި އެވެ.

މި މަހާސިންތާގައި ވާހަކަ ދައްކަވަމުން ކެމްބޯޑިއާގެ ބޮޑުވަޒީރު ލީ ޝިއެންގް ލޮންގް ވިދާޅުވި ގޮތުގައި އާސިއާން-އެމެރިކާގެ ގުޅުން މިހާރު ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަ އެވެ. އަދި ދުނިޔޭގެ އެހެން ސަރަހައްދުތަކުގައި ހިނގާ މުހިންމު ކަންކަމުގައި މަޝްޣޫލުވުމުގެ އިތުރުން، އާސިއާންގެ މައްސަލަތައް ހައްލުކުރުމަށް އެމެރިކާ އިން އިސްކަން ދޭތީ، އާސިއާނުން އެކަމުގެ އަގު ވަޒަންކުރާ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

"މި ސަރަހައްދުގެ ކަންކަމަށް އެމެރިކާ އިން ދޭ ސަމާލުކަމުގެ ސަބަބުން، އާސިއާނަށް ވަރަށް ގިނަ މަންފާތަކެއް ލިބިއްޖެ. ހަމަ އެއާ އެކުއެކީގައި އާސިއާނުން ގަބޫލުކުރާ ގޮތުގައި އަހަރެމެންނަކީ ވެސް އެމެރިކާ އަށް ވަރަށް ބޭނުންތެރި ބައިވެރިއެއް."

އޭގެ އިތުރުން ސާފު ހަކަތައާ ގުޅޭ ދިރާސާތަކާއި ތަރައްގީގެ ކަންކަމުގައި އެއްބާރުލުން އިތުރު ކުރުމަށް، އެއްބަސްވުމުގެ ސަބަބުން މަގު ފަހިވެގެންދާނެ ކަމަށް ވެސް ބޮޑުވަޒީރު ލީ ވިދާޅުވި އެވެ. އޭގެ އިތުރުން ތިމާވެށީގެ ދާއިރާއިން ދިރާސާކޮށް އީޖާދީ ހައްލުތައް ހޯދުމުގެ ފުރުސަތު، އާސިއާންގެ ގައުމުތަކުން އެމެރިކާގެ ކުންފުނިތަކަށް ތަނަވަސްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާސިއާންގެ ގައުމުތަކަކީ، ބުރޫނާއީ، ކެމްބޯޑިއާ، އިންޑޮނޭޝިއާ، ލާއޮސް، މެލޭޝިޔާ، މިޔަންމާ، ފިލިޕީންސް، ސިންގްޕޫރު، ތައިލޭންޑް އަދި ވިއެޓްނާމެވެ.