09 ނޮވެމްބަރ 2022
އަރަބިއްޔާ ސްކޫލަށް ދިމާވެގެން އުޅެނީ ކޮން މައްސަލައެއް ހެއްޔެވެ؟ މި ސުވާލު، އެ ސްކޫލް ހިންގުމާ ވަގުތީ ގޮތުން މިދިޔަ އާދިއްތަ ދުވަހު ހަވާލުވި އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސެއިން ސައީދާ ކުރުމުން ވެސް ކުރެއްވީ ހަމަ އެ ސުވާލެވެ.
އަރަބިއްޔާ ސްކޫލަށް ދިމާވެގެން އުޅެނީ ކޮން މައްސަލައެއް ހެއްޔެވެ؟ މި ސުވާލު، އެ ސްކޫލް ހިންގުމާ ވަގުތީ ގޮތުން މިދިޔަ އާދިއްތަ ދުވަހު ހަވާލުވި އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސެއިން ސައީދާ ކުރުމުން ވެސް ކުރެއްވީ ހަމަ އެ ސުވާލެވެ.
"އަޅުގަނޑަކަށް ނުފެނޭ މައްސަލައެއް،" އޭނާ ވިދާޅުވި އެވެ.
އަރަބި ބަހުން، އަރަބި މީޑިއަމަށް ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި، ތަޖުރިބާކާރު ޕްރިންސިޕަލްއާ އަރަބިއްޔާ ސްކޫލު ހިންގަން އެޑިއުކޭޝަން މިނިސްޓްރީން ވަގުތީ ގޮތުން ހަވާލު ކުރީ، އެ ސްކޫލުގެ ބެލެނިވެރިންގެ ވަރަށް ބޮޑު ޝަކުވާތަކެއް ކުރަމުންދާތާ ގިނަ ދުވަސްތަކަކަށް ފަހު އެވެ. އެކަމަކު، މިހާރު އޮތް ޔަގީން ކަމަކީ، 24 އަހަރު ތައުލީމީ ދާއިރާގައި ހިދުމަތް ކުރައްވާފައިވާ ހުސެއިން އެ ސްކޫލުގެ މައްސަލަތައް ހައްލު ކުރައްވާނެ ކަމެވެ. ޕްރިންސިޕަލްކަމުގައި 19 ވަނަ އަހަރު ގުނުއްވަމުން ގެންދަވާ ހުސެއިންގެ ޔަގީންކަން، އޭނާ ވިދާޅުވި ގޮތުގައި އަމިއްލަ ނަފުސަށް ވެސް އެބައޮތެވެ.
"އަރަބިއްޔާ، އަރަބިއްޔާ ސްކޫލުގެ ގޮތުގައި، ބެލެނިވެރިން ބޭނުންވާ ގޮތަށް ފެންނާނެ،" ހުސެއިން ވިދާޅުވި އެވެ.
މިއީ، އަރަބިއްޔާގެ ހޫނުވެފައިވާ މައްސަލަގަނޑާ ބެހޭ ގޮތުން، "މިހާރު" އަށް ހުސެއިން އިއްޔެ ދެއްވި ހާއްސަ އިންޓަވިއުއެއްގެ މުހިންމު ބައިތަކެވެ.
ޖަވާބު: އަޅުގަނޑަކީ އެއްވެސް ސްކޫލަކަށް ގޮސްފައި އެތަނެއްގައި އޮންނަ އައިޑެންޓިޓީ ބަދަލު ކުރަން މަސައްކަތް ކޮށްފައި ހުރި މީހެއް ނޫން. އަދި ކުރާނެ މީހެއް ވެސް ނޫން. އަަރަބިއްޔާއާ ކުރިން ހަވާލުވީ އިރު ވެސް އަޅުގަނޑަށް ވަރަށް ބޮޑަށް އެނގޭ އަރަބިއްޔާ ރާއްޖޭގައި ގާއިމްކުރީ ކީއްވެގެން ކަން, ކޮން ގޮތަކަށް ކުރިއަށް ގެންދަން ކަން. ކޮން ކަހަލަ ދަރިންތަކެއް ބިނާކުރަން ކަން.
އަޅުގަނޑަށް ހީވަނީ މި ސްކޫލު މި ފަހަރު ވެސް އަޅުގަނޑާ މި ހަވާލު ކުރީ، އަޅުގަނޑަކީ އަރަބި މީޑިއަމަށް ކިޔަވާފައި ހުރި މީހަކަށް ވާތީ, އަރަބި ތައުލީމު ވެސް ހާސިލްކޮށްފައި ހުރި މީހަކަށް ވާތީ ހެން. އޭގެ އިތުރަށް ސްކޫލުތައް މެނޭޖްކުރުމުގައި އަޅުގަނޑަށް ކުރައްވާ އިތުބާރެއްގެ ސަބަބުން ކަމަށް އަޅުގަނޑު ދެކެނީ.
ތިޔަ ވިދާޅުވި މިއުޒިކްގެ ކަންތައްގަނޑަކީ އޭރު ޓީޗާސްޑޭ ކައިރިވީ. އެ ތާނގެ މެނޭޖްމަންޓުން އަޅުގަނޑާ ސުވާލު ކުރީ ކިހިނެއްތޯއޭ ތިމަންނަމެން މި ކަންތައް ކުރާނީ. އަޅުގަނޑު ދެންނެވިން އަޅުގަނޑު މަސައްކަތް ކުރަނީ އިސްކަންދަރު ސްކޫލުގައޭ. އިސްކަންދަރު ސްކޫލުގައި ޓީޗާސްޑޭގައި ޓީޗަރުން ރިސީވް ކުރަނީ އެކި ގޮތްގޮތަށޭ. ބައެއް ފަހަރު ބޭންޑް ވެސް ކުޅޭނެއޭ. ބައެއް ފަހަރު ލަވަ ވެސް ކިޔާނެއޭ. އަޅުގަނޑަކަށް ނޭނގެއޭ ތިޔަބޭފުޅުން ޑިސައިޑް ކުރައްވާށޭ.
އެ ބޭފުޅުން އަޅުގަނޑާ ވެސް އެއްކޮށް ތިބެގެން މަޝްވަރާ ކޮށްގެން ނިންމީ އިސްލާމީ ގައުމުތަކުގައި ވެސް އަދި ދީނުގައި ވެސް ތާރަ ޖެހުން މިއީ މައްސަލައަކަށް ނުވާތީ ތާރަ ޖަހަން. އެއީ އަޅުގަނޑުގެ އެއްވެސް ކަަހަލަ ޑިސިޝަނެއް ނޫން. އެކަމަކު ތާރަ އަށް ޕްރެކްޓިސްކޮށްފައި ދެ ވަނަ އަށް ވީ ދުވަހު އެއްބޭފުޅަކު ވަޑައިގެން ވިދާޅުވީ ޕްރިންސިޕަލްއޭ ކޮއްޅަށް ތިބެގެން ހަރަކާތް ނުކޮށް ތިބެގެން ތާރަ ޖެހީމަ މި ބޭނުންވާ ކަހަލަ، މީގެ ފީލިންއެއް ނާދެއޭ. ކުޑަކޮށް ބަނޑިއެއް ލައްވާލީމާ ރަނގަޅުވާނެއޭ. އަޅުގަނޑު ދެންނެވިން ތިބޭފުޅުންނަށް ރަނގަޅިއްޔާ މައްސަލައެއް ނެތޭ.
ތިޔަ ވިދާޅުވާ ކަންތައްތައް އެއީ އެއީ ހަމަ އެންމެ ދުވަހަކު އެންމެ ވަގުތަކު, އަރަބިއްޔާގެ އެތެރޭގައި އެ ބޭފުޅުން ބޭނުން ވެގެން ޓީޗަރުން ރިސީވް ކުރަން ތާރަ ޖެހިއިރު ލެއްވި ބަނޑިތަކެއްގެ ވާހަކަ. މިއުޒިކްގެ އެއްވެސް ކަމެއް އެއްވެސް ހަރަކާތެއް ގެންގޮސްފައެއް ނުވާނެ. އަޅުގަނޑު އެކަމަށް ހިތްވަރު ދީފައެއް ވެސް ނުވާނެ.
އަރަބިއްޔާގެ ބައެއް ދަރިވަރުން އިއްޔެ ސްކޫލުގައި: ހުސެއިން ވިދާޅުވަނީ މައްސަލައެއް ފެނިވަޑައިނުގަންނަވާ ކަމަށް -- ފޮޓޯ: ފިޔާޒް މޫސާ/ މިހާރު
އެކަމަކު އަޅުގަނޑު އަރަބިއްޔާ އަށް ދިޔައިރު, ސްކޫލުގެ ލަވައެއް ވެސް ނުކިޔާ. ގައުމީ ސަލާމެއް ވެސް ނުކިޔާ. އެކަން ނިމުމަކަށް ގެނައުމަށް ޓަކައި އަޅުގަނޑު އަރަބިއްޔާގައި ލަވައެއް ހެދިން. ގައުމީ ސަލާމް ވެސް ދަރިވަރުން ލައްވާ ކިޔުއްވިން. އެކަމަކު އެއީ މިއުޒިކާ ނުލައި. ސަބަބަކީ, އަރަބިއްޔާގެ އައިޑެންޓިޓީ އަކީ ކޮން ގޮތަކަށް ދަމަހަައްޓަން ޖެހޭ ކަމެއް ކަން އަޅުގަނޑަށް އެނގޭތީ. އެކަމަކު އަޅުގަނޑު އަރަބިއްޔާގައި މީގެ އެތައް އަހަރެއް ކުރިން އަޅުގަނޑު ކިޔަވައިދޭން އުޅުނު އިރު, އޭރު ކޮންމެ ދުވަހަކު ވެސް އެސެމްބްލީގައި ސްކޫލުގެ ލަވަ މިއުޒިކާ އެކު ޖަހައިފައި އެސެމްބްލީ ނިމިގެން އޭރު ދަނީ. އޭރު މާލޭގެ އެންމެހާ މުބާރާތްތަކުގައި އަރަބިއްޔާގެ ދަރިވަރުން ބައިވެރިވެ ވަނަތައް ހޯދާ. އެކަމަކު މިހާރު އަރަބިއްޔާ މި ފެންނަނީ ތަފާތު ގޮތަކަށް.
އަރަބިއްޔާގެ އެތެރޭގެ އެއްވެސް މައްސަލައެއް ނެތް. ޓީޗަރުން ފެންނަނީ އުފަލާ އެކު ތިބި ތަން. ކުދިން ވެސް ހަމަހިމޭން ކަމާ އެކު ކިޔެވުމުގެ ޝައުގުވެރިކަމުގައި ކިޔަވަމުންދާ ތަން. އެތެރޭގައި ފެންނަނީ އަމާން އޮމާން މާހައުލެއްގައި ހިނގަމުންދާ ތަން.
އަޅުގަނޑު މިތަނާ ހަވާލުވިތާ ދެ ވަނަ ދުވަސް މިއީ. އެވެނި ކަމެއް މިވެނި ގޯސްތޯ އަދި ނޭނގޭ. ޔަގީނުން ވެސް ބަދަލު ކުރަން ޖެހޭ ކަމެއް އޮވެއްޖިއްޔާ އެކަމެއް އަޅުގަނޑު ބަދަލު ކުރާނަން. ބަދަލު ކުރާނީ ކުދިންނަށް ޓަކައި, ކުދިންގެ މުސްތަގުބަލަށް ޓަކައި, އަރަބިއްޔާގެ ކުރިއެރުމަށް ޓަކައި.
އެއްވެސް މުއައްސަސާއެއްގައި އެ މުއައްސަސާގެ ހިދުމަތް ހޯދާ ފަރާތްތަކުން އެތަން ހިންގަން އުޅޭ ކަމަށް ވަންޏާ ވަރަށް ގިނަ މައްސަލަތައް ނުކުންނާނެ. އަރަބިއްޔާގެ ކަންތައްތަކާ ދޭތެރޭ ބައެއް ބެލެނިވެރިންނަށް ހީފުޅުވަނީ ކަންނޭނގޭ ވަކި ގޮތަކަށް މިތަން ދާހެން. އެ ހީތަކުގެ މައްޗަށް ބިނާކޮށް ވަރަށް ގިނަ ވާހަކަތައް ފެތުރި މިކަމުގެ ތެރޭގައި ހިޔާލުތަފާތު ވެއްޖެ.
އިއްޔެ ވެސް ބެލެނިވެރިންނަށް އަޅުގަނޑު ދެންނެވިން ސްކޫލު ހިންގާނީ އަޅުގަނޑޭ. އިއްޔެ ވެސް, މިއަދު ވެސް އަދި މާދަމާ ވެސް އެތަނެއް ހިންގަން ހުރީ އަޅުގަނޑު ނަމަ އެތަނެއް ހިންގާނީ އަޅުގަނޑު. އަޅުގަނޑު ހިންގަމުން ދާއިރު އަޅުގަނޑު ޖަވާބުދާރީ ކުރުވާނީ އަޅުގަނޑަށް ވަޒީފާ ދެއްވި ފަރާތް. އެކަމަކު އަޅުގަނޑު ވަރަށް ބޮޑަށް ބަލަމުންދާނަން، އެއީ މިސާލަކަށް އަރަބިއްޔާ ކަމަށް ވިއްޔާ އަރަބިއްޔާގެ ބެލެނިވެރިންގެ ހިޔާލަށް. އެ ބޭފުޅުން ބޭނުންވަނީ ކޮން ކަމެއްތޯ. އެކަމަކު އޭގެ މާނައެއް ނޫން, އެބޭފުޅުން ވިދާޅުވާހާ ގޮތަކަށް ވިދާޅުވާހާ ކަމެއް އަރަބިއްޔާގެ ތެރޭގައި އަޅުގަނޑު ކުރާނެއޭ. ސްކޫލެއްގައި ކަންކަން ނިންމާނީ ޕްރިންސިޕަލް. މިތާނގައި އަޅުގަނޑު. އަޅުގަނޑު އެކަން ކުރާނީ އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސަތާ އެއްގޮތަށް އަރަބިއްޔާގެ މަސްލަހަތު ވެސް ނުގެއްލޭ ގޮތަށް.
ބެލެނިވެރިންގެ ދައުރަކީ އަބަދުވެސް ސްކޫލުގައި އިސްކޮށް ހުންނަ މީހަކަށް މަޝްވަރާ ދިނުން. އިތުރު ދައުރެއް މީގެ ތެރެއަށް, އެ ބޭފުޅުން ބޭނުންވާ ގޮތަކަށް, އަރަބިއްޔާ ވިޔަސް އިސްކަންދަރު ސްކޫލުވިޔަސް އަދި އެހެން ސްކޫލެއް ވިޔަސް ހޮސްޕިޓަލެއް ވިޔަސް އެތަނުން ހިދުމަތް ހޯދާ ފަރާތްތައް އެކަނި ބޭނުންވާ ގޮތަކަށް ހިންގަން ޖެހިއްޖެ ނަމަ އެތަން އަންނާނީ ހުއްޓުމަކަށް.
އަރަބިއްޔާގެ ޓީޗަރަކާ ހުސެއިން އިއްޔެ ވާހަކަ ދައްކަވާލައްވަނީ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އަޅުގަނޑު މި ދެކޭ ސްކޫލުތަކުގައި އެތަނުގެ ބެލެނިވެރިން އަޅުގަނޑުމެންގެ ފަރާތުން ބޭނުން ވަނީ އެތަނުން ދޭ ތައުލީމަކީ ރަނގަޅު ތައުލީމަކަށް ވެފައި, އެތަނުން ދެވޭ ތަރުބިއްޔަތަކީ ރަނގަޅު ތަރުބިއްޔަތަކަށް ވާން. އަރަބިއްޔާގެ ބެލެނިވެރިން މި ނޫން އެހެން ކަމަކަށް އެދޭ ނަމަ އަޅުގަނޑު ނޫން މީހަކު ހުއްޓަސް، އެހެން މީހަކު ހުއްޓަސް އެ އެދޭ އެދުންތައް ފުއްދުމަށް ފަސޭހައެއް ނުވާނެ. އަރަބިއްޔާގެ ބެލެނިވެރިންނަށް ވެސް ދަންނަވާލަން ބޭނުން ވަނީ އެ ބޭފުޅުން ވެސް އެދިވަޑައިގަންނަވާށޭ އެ ބޭފުޅުންގެ ކުދިންނަށް ދެވޭ ތައުލީމާއި ތަރުބިއްޔާތަކީ ރަނގަޅުކަން ތައުލީމަކާއި ތަރުބިއްޔަތެއް ކަން ކަށަވަރު ކުރަން. އަޅުގަނޑު އަރަބިއްޔާ އަށް ފޮނުވީ ސީދާ އެޑިއުކޭޝަން މިނިސްޓަރު. އަޅުގަނޑު އެންމެ ފިޔަވަޅެއް ވެސް ފަހަތަކަށް ނުޖެހޭނަން އަރަބިއްޔާ ހިންގުމުގައެއް. އަޅުގަނޑުގެ ނަފުސަށް ވަރަށް އިތުބާރު އޮވޭ. އަޅުގަނޑަށް ކަށަވަަރު އަޅުގަނޑު ހިންގާ ގޮތް މިއަދު ކަމުނުދާނެ ކަމަށް ހީކުރައްވާ ބޭފުޅާ އަށް ވެސް، މާ ގިނަ ދުވަސްތަކެއް ނުވެ ގަބޫލު ކުރައްވާނެ ކަން އަޅުގަނޑު މިކަން މި ކުރަނީ ރަނގަޅަށްކަން.
އަޅުގަނޑު ފަހަތަށް ޖެހޭކަށް ނެތިން. ސަބަބަކީ އަރަބިއްޔާ ކަހަލަ މުހިންމު މަރުކަޒެއް ހަވާލުކުރީމާ ފަހަތަށް ޖެހުނީމާ އޭގެ މާނައަކީ އަޅުގަނޑުމެންގެ ގައުމުގެ ކަންކަމަށް ވެސް ފަހަތަށް ޖެހެވެނީއޭ. އެހެންވީމާ އެއްވެސް ފިޔަވަޅެއް ފަހަތަށް ޖެހޭކަށް ނެތިން. އަޅުގަނޑު ބޭނުން ވަނީ ވެސް އެޑިއުކޭޝަން މިނިސްޓްރީން ފޮނުވި މުއްދަތަށް ވުރެ ވެސް [ތިން މަހަށް ވުރެ] ތަންކޮޅެއް ދިގުކޮށް މިތާ މަސައްކަތް ކުރަން. ސަބަބަކީ އަޅުގަނޑު ބޭނުން އަރަބިއްޔާ އަށް ފާގަތި މުސްތަގުބަލެއް. މިތާނގެ ކިޔެވުން ހަރުދަނާ ވާން. މިތާނގެ ކުދިންގެ އަރަބި ބަހުގެ ފެންވަރު ރަނގަޅުވެގެންދާ ތަން ފެންނަން. އަދި މިތާނގެ ކުދިންގެ އަހުލާގީ ފެންވަރު އަބަދުވެސް ރަނގަޅު ގޮތުގައި ބާއްވަން. އަދި އަރަބިއްޔާގައި މިހާރު ވެސް ޕްރެކްޓިސް ކުރާ ހަރަކާތްތައް މިތާނގައި ވަރުގަދަ ވާން. އެކަމަކު އަޅުގަނޑަށް ގަބޫލު ކުރެވިފައި އޮތީ ތިން މަހަށް ވުރެ ދިގު މުއްދަތަކަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް. އަޅުގަނޑު ވަރަށް ބޮޑަށް ބޭނުންވޭ މި އަންނަ ލޮޅުންތައް ނާންނަ ގޮތަކަށް, ޝަކުވާތައް ނާންނަ ހާލަތަކަށް އަންނަން. އެއީ އަޅުގަނޑުގެ މަގުސަދަކީ. އެހެންވީމާ މިކަމަށް ތިން މަސް ނުފުދޭ ކަމަށް އަމިއްލަ ނަފުސަށް ނިންމައިގެން މިހުރީ.
އަރަބިއްޔާގެ ދަރިވަރުން އިއްޔެ ސްކޫލުގައި ކިޔަވަނީ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އަޅުގަނޑު ދުވަހަކު ވެސް ގަބޫލެއް ނުކުރަން އަރަބިއްޔާ އަށް ސަރުކާރުން ޖެއްސުން ކުރާ ކަމަކަށް. ސަބަބަކީ އަރަބިއްޔާ އަށް މި މައްސަލަތައް ދިމާވާ ކޮންމެ ފަހަރަކު އެ ވަގުތަކު އެޑިއުކޭޝަން މިނިސްޓަރަކު ބާއްވަވާ މަޝްވަރާތަކުގައި އަޅުގަނޑަށް ބައިވެރިވެވޭ. ވަރަށް ކަންބޮޑުވުމާ އެކު ވާހަކަ ދައްކަވާ. އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ވަރަށް ވާހަކަ ދެކެވޭ. ހައްލު ހޯދައިދެވޭތޯ މަސައްކަތް ކުރެވޭ.
އަޅާ ނުލާ ތަނެއް ނަމަ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ, އަޅުގަނޑު މާ ބޮޑު މީހަކަށް ނުވިޔަސް އަޅުގަނޑު އިސްކަންދަރު ސްކޫލުގައި ހުއްޓާ ވިދާޅުވާނެހެއް އަރަބިއްޔާ ހިންގާލަދޭން އައިސްބަލާށޭ މިކަމަށް ސަޕޯޓެއް ދީބަލާށޭ ވިދާޅުވާނެހެއް. އޭގެ ބަދަލުގައި އަރަބި ތައުލީމަށް ސަރުކާރުން ސަމާލުކަން ނުދޭ ނަމަ އަރަބި ނުދަންނަ އަރަބި މީޑިއަމާ ވަރަށް ބީރައްޓެހި މީހެއް ދެއްތޯ މިތަނަށް ގެންނާނީ. އަރަބި ތައުލީމުގެ ތެރޭގައި އުޅެފައި ހުރި މީހެއް ގެންނަން ވެގެން ކަން ނޭނގެ އަޅުގަނޑު މި ގެނައީ.
އަޅުގަނޑު މިތަނާ ހަވާލުވިތާ މިއީ ދެ ވަނަ ދުވަސް. އަޅުގަނޑަށް މި ފެންނަނީ އަރަބިއްޔާގެ ބަޖެޓަށް ބެލިޔަސް ކޮންމެ ކޯޑެއްގައި ވެސް ފައިސާ އެބަހުރޭ. އަޅުގަނޑަށް ޔަގީން ވަރަށް ގިނަ ސްކޫލުތަކުގައި މިހާރު ނުހުންނާނެ ކަން. އެހެންވީމާ އަރަބިއްޔާ އަށް ބޭނުންވާ ވަރަށް ގިނަ ކަންތައްތައް ކުރެވޭ. އަރަބިއްޔާ އަށް ބޭނުންވާ ޓީޗަރުން ހަމަ. ކުދިންނަށް ފޮތްތައް ހަމަ.
ހުސެއިން އިއްޔެ "މިހާރު" އަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އޭގެ ތަފުސީލުތަކަށް ނުގޮސް, އަޅުގަނޑަށް އެ ބައްދަލުވުމުން ވަރަށް ބޮޑަށް ގަބޫލުކުރެވުނީ އަރަބިއްޔާ އަށް ސަރުކާރުން ދޭ ބަޖެޓްގެ ކޯޑުތަކަށް ވަންނަ ފައިސާ ވެސް އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވަން ޖެހޭ ކަން. އަރަބިއްޔާ ހިންގުމުގެ ކަންތައްތައް ވެސް އެ ބޭފުޅުން ވަކި ގޮތަކަށް ދެކެވަޑައިގަންނަވަންޏާ އެގޮތަކަށް ކަން ދާން ޖެހޭނީ ވެސް.
އެކަމަކު އަޅުގަނޑު ސްކޫލުތައް ހިންގާއިރު އަޅުގަނޑަކަށް ދުވަހަކު ވެސް ދިމައެއް ނުވޭ އެހެން ސްކޫލުތަކުގެ ބެލެނިވެރިން އެގޮތަށް ވިސްނާވަޑައިގަންނަވާހެނެއް. އެކަމަކު އަރަބިއްޔާގެ ބެލެނިވެރިންގެ ތެރެއިން ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތް ބޭފުޅަކު ވިދާޅުވި އަރަބިއްޔާގައި މިވެނި އެވެނި ކަމެއް މިއީ ތިމަންނަމެން ކުރަން ބޭނުން ނޫން ކަންތައްތަކޭ ވެސް. އަޅުގަނޑަށް އިހުސާސް ކުރެވުނީ ހިންގުމުގެ ބާރު ވެސް, ދައުލަތާ އަރަބިއްޔާއާ އޮންނަން ޖެހޭ ގުޅުން ވެސް, އަދި ޕްރިންސިޕަލާ މިނިސްޓަރު ބައްދަލު ކުރިޔަސް އެ މީހުންނަށް އެނގެން ޖެހޭ ކަމަށް. ވަރަށް ތަފާތު ގޮތަކަށް ވާހަކަތައް ހުރީ. އަޅުގަނޑު މިވީހާ ތަނަކަށް ދުވަހަކު ވެސް ނުހުންނާނެ ބެލެނިވެރިން އެއްކޮށްފައި އެޑިއުކޭޝަން މިނިސްޓަރު މިހެން ވިދާޅުވެއްޖެއޭ ކިޔައިފައެއް. އަޅުގަނޑު ދެކޭ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީ އާއި ސްކޫލާ ދޭތެރޭ ދެކެވޭ ވާހަކަ އަކީ އެ އަށް އިހުތިރާމް ކުރަން ޖެހޭ ވާހަކަތަކެއް. ބެލެނިވެރިންނަށް އެ މެސެޖް ދޭން ޖެހިއްޖެ ކަމަށް ވަންޏާ އެބޭފުޅުން ވިދާޅުވާނެ ދެއްތޯ އެ މެސެޖް ދޭށޭ.
އަޅުގަނޑަށް ގަބޫލުކުރެވުނީ ޕްރިންސިޕަލަކީ ވެސް ވަކި ކޮޅަކަށް ހުރެގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ބައެއް ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ކަމަށް. ޕްރިންސިޕަލް ހުންނާނީ އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސަތު ތަންފީޒުކުރަން. ޕޭރަންޓުން ކޮޅަށްތޯ ކުދިން ކޮޅަށްތޯ މިނިސްޓްރީ ކޮޅަށްތޯ އެއެއް ނޯންނާނެ. އެހެންވީމާ އަރަބިއްޔާގެ ބެލެނިވެރިން އަރަބިއްޔާ ހިންގުމަށް ޓަކައި މިނިސްޓްރީން ކަނޑައަޅާ ސިޔާސަތުގެ ތެރޭގައި ސްކޫލު ހިންގުމަށް ޓަކައި ފުރުސަތު ދެއްވާ. އެހެން ނޫނީ، މި ގޮންޖެހުންތަކުގެ ސަބަބުން އަޅުގަނޑަށް ފެންނަނީ އަރަބިއްޔާ ބަލިކަށިވެގެން ހިންގައިދާނެހެން.
ތި ސުވާލުގެ ޖަވާބު އަޅުގަނޑު ވެސް އެބަ ކުރަން. ކިހިނެއްތޯއޭ ވެގެން މި އުޅެނީ. އަޅުގަނޑަށް މިތާނގެ އެތެރެއިން ފެންނަ އެއްޗިއްސަކީ ހަމަހިމޭންކަން. އަޑުއިވޭ އެއްޗިއްސާ އެތެރެއިން ފެންނަ އެއްޗެއް ދިމައެއް ނުވޭ. ވެގެން އުޅެނީ ކިހިނެއްކަން އެއީ އެންމެން ވެސް އުފައްދަން ޖެހޭ ސުވާލެއް. ކޮބައިތޯ މައްސަލައަކީ. އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ ޖާގަ އަށް ދިމާވި މައްސަލަ. އެކަން ހައްލު ކުރެވޭތޯ ދެއްތޯ މި އުޅެނީ. އިތުރަކަށް ވީ އެއްވެސް ކަމެއް އަޅުގަނޑަކަށް ނުއެއް ފެނޭ. އަރަބިއްޔާ ބަލިކަށި ކުރުމަށް ޓަކައި އެއްވެސް ކަމެއް ހިނގާ މަންޒަރެއް އަޅުގަނޑަކަށް ނުވެއް ފެނޭ. އަރަބި ބަހަށް ހީނަރު ކަމެއް ގެންނާކަށް މަސައްކަތްކުރާ ތަނެއް ދެކެން. އަރަބިއްޔާ އިހުމާލުކޮށްލާށޭ ކިޔާފައި މިނިސްޓްރީގެ ބޭފުޅަކު ވިދާޅުވާ އަޑެއް އަޅުގަނޑަކަށް ނުވެއް އިވޭ.
އަރަބިއްޔާ ސްކޫލު މިހާރު ހިންގަމުން އަންނަ އިމާރާތް: އިމާރާތުގައި ދަތިތައް އެބަހުރި -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އަރަބިއްޔާ އިހުމާލުކޮށް، އަރަބިއްޔާ ނައްތާލަން ނުވަތަ ނެތިކޮށްލުމަށް ޓަކައި ބަޔަަކު މަސައްކަތް ކުރާ ކަމަށް އެ ދެކެވޭ ދެކެވުން އެއީ ކުށް ހީއެއް. ކުށް ހީއެއް ނޫން، އެއީ ވަރަށް ބޮޑު ކުށް ހީއެއް.
ގޮތް ދޫނުކުރުމަށް ވުރެ ބޮޑަށް މިސްއަންޑަސްޓޭންޑިން މި އުޅެނީ. ކުށްހީތައް އެގޮތަށް ވީމަ އެ ކުށްހީތައް ފެތުރޭ ކަމަށް ވާ ނަމަ އެއާ ވިދިގެން ވަރަށް ގިނަ ވާހަކަތަކެއް ފެތުރޭނެ. އެހެންވީމާ ހަގީގަތަށް ވުރެ ބޮޑަށް ވާހަކަތަކެއް ފެތުރިގެން މިއުޅެނީ. ހީތަކެއްގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެންގެ ފިކުރުތަކާއި ވިސްނުންތަކަކަށް ބަދަލު އައިސްގެން މިއުޅެނީ.
އިއްޔެގެ މީޓިންގައި، ކުރިން ވެސް އަޅުގަނޑު ދެންނެވި ފަދައިން އަޅުގަނޑު ދެއްކި ވާހަކަ ވަރަށް ބޮޑަށް އޮޅުވާލައިގެން ބޭފުޅަކު ދެއްކެވީ. އެ މީޓީންގައި އެ ބޭފުޅުން މި ސްކޫލު ކުޑަ ވާހަކަ ދެންނެވީމާ އެ ވާހަކައިގެ ތެރެއިން ދެކެވުނު ވާހަކައެއްގައި އަޅުގަނޑު ދެންނެވިން ރާއްޖޭގެ އުތުރާއި ދެކުނުގައި, އަރަބި ދެ ސްކޫލު- އައްޑޫގައި ނޫރާނީ ސްކޫލު އަދި ކުޅުދުއްފުށީގައި އޭއީސީގައި އަރަބި ސެކްޝަނެއް އުފައްދައިގެން އެއްވެސް ޑިމާންޑެއް ނެތިގެން އެތަން ހުއްޓާލަން ޖެހުނު ވާހަކަ. އެކަމަކު އެއީ އަރަބިއްޔާ ހުއްޓާލަން ޖެހޭނެ ވާހަކައެއް ނޫން. އެ ދެތަނުން އެ މަންޒަރު ފެނުނީމަ އަޅުގަނޑު ހިއްސާކޮށްލީ އެ ވާހަކަ.
އަޅުގަނޑަކީ ހަރުކަށި ފިކުރުތޯ ނުވަތަ ނޫންތޯ އެކަންތައްތައް ނިންމަވާނީ އަޅުގަނޑާ އެކު މަސައްކަތް ކުރައްވާ ބޭފުޅުން ދެއްތޯ. އަރަބިއްޔާގައި ވެސް އަޅުގަނޑު މަސައްކަތް ކުރިން. ޓީޗަރަކަށް ވެސް މީގެ އެތައް އަހަރެއް ކުރިން އުޅުނިން ހަމަ މި ސްކޫލުގައި. އަޅުގަނޑާ އެކު މަސައްކަތް ކުރެއްވި ބޭފުޅުން ދެއްތޯ އެކަން ނިންމަވާނީ.
އަޅުގަނޑު އަރަބިއްޔާ ދެކެ ލޯބިވޭ. އަޅުގަނޑަކީ އަރަބި ތައުލީމު ހާސިލްކޮށްފައި ހުރި މީހަކަށް ވެސް ވާތީ އާ އެކު، މިތަން ދަމަހައްޓަން އަޅުގަނޑު ބޭނުން. އަރަބިއްޔާ، އަރަބިއްޔާގެ ގޮތުގައި ދެމިއޮންނާނެ. އެއީ ނުކުރެވޭ ވަރުގެ ކަމެއް ނޫން.
އިންޓަވިއު: އިސްމާއިލް ނަސީރު، އަހުމަދު ހަމްދޫން އަދި އާސިމާ ނިޒާރު
ވީޑިއޯ: އާސިމާ ނިޒާރު
އަރަބިއްޔާ އެޅުންލަސްވީ 80 މިލިއަން ސަލާމަތް ކުރަން
އަގުބޮޑުވެ، އަރަބިއްޔާ އިމާރާތުގެ އެއްބަސްވުން ބާތިލް
އަރަބިއްޔާގެ ޕްރިންސިޕަލްކަން ޝުޖާއުއަށް ދޭން އަންގައިފި
ދަރިވަރުންނަކީ ޓެރަރިސްޓުން ކަމަކަށް ނުބުނަން:އަރަބިއްޔާ
އަރަބިއްޔާއަށް ޕްރިންސިޕަލަކު އައްޔަން ނުކުރަން އަމުރެއް
"އަރަބިއްޔާގެ ބަޖެޓު ނުހިމެނުނީ އިދާރީ އޮޅުމަކުން"
ބަޖެޓް ފޮތުގައި އަރަބިއްޔާ އިމާރާތުގެ ވާހަކައެއް ނެތް!
އަރަބިއްޔާ އަށް އަބަދު ވެސް ޖެހެނީ ހަމަ މި ހާލު!
އަރަބިއްޔާގެ ކުދިން ކިޔަވަނީ ވަރަށް ހާލުގައި!
ދެ ސްކޫލު އަޅަން އަރަބިއްޔާގެ ބެލެނިވެރިން ގަބޫލެއް ނޫން