Roadha Mihaaru
ކަދުރު ރުއްތަކުގެ ބުޑުގައި ޑިޖިޓަލް ބޯޑު ހަރުކުރަނީ

ކަދުރު ރުއްތަކުގެ ބުޑުގައި ޑިޖިޓަލް ބޯޑު ހަރުކުރަނީ

08 ނޮވެމްބަރ 2022

މާލޭ ސިޓީ ކައުންސިލުން ބޮޑުތަކުރުފާނުމަގުގައި އިންދާފައިވާ ކަދުރު ރުއްތަކުގެ ކޮންކްރީޓް ބުޑުތަކުގައި ޑިޖިޓަލް ބޯޑު ހަރުކޮށް، އެ އެއްޗެހި މެނޭޖުކޮށްދޭނެ ބަޔަކު ހޯދަން އިއްޔެ އިއުލާންކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭ ސިޓީ ކައުންސިލުން ބޮޑުތަކުރުފާނުމަގުގައި އިންދާފައިވާ ކަދުރު ރުއްތަކުގެ ކޮންކްރީޓް ބުޑުތަކުގައި ޑިޖިޓަލް ބޯޑު ހަރުކޮށް، އެ އެއްޗެހި މެނޭޖުކޮށްދޭނެ ބަޔަކު ހޯދަން އިއްޔެ އިއުލާންކޮށްފި އެވެ.

އެ ކައުންސިލުން ކުރި އިއުލާނުގައި ބުނީ "މާލޭގެ ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓް"ގެ ދަށުން، މާލެ ވަށައިގެން އިންދާފައިވާ ކަދުރު ރުއްތަކުގެ ކޮންކްރީޓް ބުޑުގައި، އަމިއްލަ ހަރަދުގައި ޑިޖިޓަލް ބޯޑު ހަރުކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. އެ މަސައްކަތަށް ޝައުގުވެރިވާ ބަޔަކު، އެ ބޯޑުތައް ހަރުކޮށްދިނުމުގެ އިތުރުން، އެ އެއްޗެހި ސާވިސްކޮށް، މެއިންޓަނަންސް ބެލެހެއްޓުމާ އަދި މެނޭޖުކުރުމުގެ މަސައްކަތް ވެސް ކޮށްދޭން ޖެހޭ ކަމަށް އެ އިއުލާނުގައިވެ އެެވެ.

އެ މަސައްކަތްކުރުމަށް ޝައުގުވެރިިވާ ފަރާތްތަކުން، ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް ގޮސް، މައުލޫމާތު ސާފުކުރުމަށް ފަހު، މި މަހު 15ގެ ކުރިން ބިޑް ހުށަހެޅުމަށް އެ އިއުލާނުގައި ބުންޏެވެ.

އެ ބިޑްގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

ބޮޑުތަކުރުފާނުމަގުގައި އިންދާފައިވާ ކަދުރު ރުއްތައް: މާލޭގައި 100،000 ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ސިޓީ ކައުންސިލުން އިންދާފައިވާ ރުއްތައް -- ފޮޓޯ: ނިޝާން އަލީ | މިހާރު

ބޮޑުތަކުރުފާނުމަގުގައި އިންދާފައިވާ ކަދުރު ރުއްތައް: މާލޭގައި 100،000 ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ސިޓީ ކައުންސިލުން އިންދާފައިވާ ރުއްތައް -- ފޮޓޯ: ނިޝާން އަލީ | މިހާރު

ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން މާލޭގެ ދެކުނު ފަރާތުން، އެ މަގުގެ އެއްކޮޅުން އަނެއްކޮޅަށް މިހާރު ހުރީ ކަދުރު ރުއް އިންދައިފަ އެވެ. އަދި އެ ރުއްތަކުގެ ބުޑުގެ ވަށައިގެން، ކޮންކުރީޓު ބުޑުތަކެއް ރާނައި ވެލި އަޅާފައިވެ އެވެ. ސިޓީ ކައުންސިލުން މިދިޔަ ހަފުތާގައި އާންމުކުރި، އެ މަގު ތަރައްގީކުރާގޮތުގެ ކުރެހުންތަކުން ފެންނަ ގޮތުގައި އެ ބުޑުގައި ރީތި މާގަސްތައް ވެސް އިންދާނެ އެވެ.

މާލެ ޑިޖިޓަލައިޒްކުރުމުގެ ގޮތުން، އެކި ސަރަހައްދުތަކުގައި ލެޑް ބިލްބޯޑުތަކާއި ސައިން ބޯޑުތައް ބެހެއްޓޭނެ ތަންތަން ކަނޑައަޅައި، އެ އެއްޗެހި ބަހައްޓައި ހިންގުމަކީ މާލޭ ސިޓީ ކައުންސިލުން ކުރިއަށް އޮތް ފަސް އަހަރަށް އެކުލާވަލި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ވެސް ހިމެނޭ މަސައްކަތެކެވެ.

"މި މަސައްކަތް ކުރިއަށް ގެންދިއުމަށް ފާސްކޮށްފައި ވަނީ ސައިންބޯޑް އަދި ލެޑް ބޯޑު ބަހައްޓާއިރު މީހުންނަށް އުނދަގޫނުވާ ގޮތަށް ބެހެއްޓޭ އެއްޗިއްސަށްވުމާއި ބޯޑުތަކުގެ ލައިޓާއި ސައުންޑް ބެލުމާއި ކޮމާޝަލީ އަމިއްލަ ފަރާތްތަކުން ބޭނުންކުރާ ލެޑް ބޯޑުތައް އުސޫލެއްގެ ތެރެއިން ތަރުތީބުވެގެންދާ ގޮތަށް ކުރިއަށް ގެންދިއުމަށެވެ،" ސިޓީ ކައުންސިލުގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

ދުނިޔޭގެ ތަހުޒީބު ގައުމުތަކެކޭ އެއްގޮތަށް ކުރިއަށް އޮތްތަނުގައި އެ ސައިން ބޯޑުތައް މެދުވެރިކޮށް ޓްރެފިކް ލައިވް އަޕްޑޭޓްތައް ދިނުމާއި މަގު ބަންދާ ބެހޭ ލައިވް އަޕްޑޭޓް ފަދަ ހާއްސަ މެސެޖުތައް ދެވޭނެ ނިޒާމެއް ޓްރެފިކް ޕޮލިސް އާއި ކަމާބެހޭ އެހެން އިދާރާތަކާ ގުޅިގެން ހެދުމަކީ ސިޓީ ކައުންސިލްގެ އަމާޒެއް ކަމަށް ވެސް ބުންޏެވެ.

ކަދުރު ރުއްތަކުގެ އިތުރުން، މާލޭގެ އެހެނިހެން ސަރަހައްދުތަކުގައި އަމިއްލަ ހަރަދުގައި ޑިޖިޓަލް ބޯޑު ހަރުކޮށްދީ، މެނޭޖުކުރާނެ ބަޔަކު ހޯދަން ވެސް އިއްޔެ އިއުލާންކުރި އެވެ. އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހު 14ގެ ކުރިން ބިޑް ހުށަހަޅަން ޖެހެ އެވެ.

ސިޓީ ކައުންސިލުން ފަށާފައިވާ މާލޭގައި 100،000 ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން މަގުތަކާއި ޕާކުތަކުގައި މުޅި އަހަރަށް ބަލާއިގެން އެކި ދުވަސްތަކުގެ މަތިން އަންނަނީ ގަސް އިންދަމުންނެވެ.