Roadha Mihaaru
އިންޓަނެޓް އެކްސްޕްލޯރާގެ މައްޗަށް ކްރޯމް ކުރި ހޯދައިފި

މައިކްރޮސޮފްޓް އިންޓަނެޓް އެކްސްޕްލޯރާ އަށް ވުރެ ގޫގުލް ކްރޯމް ބޭނުންކުރާ މީހުން ގިނަވެއްޖެ

11 ޖެނުއަރީ 2017

މައިކްރޮސޮފްޓް އިންޓަނެޓް އެކްސްޕްލޯރާ އަށް ވުރެ، ގޫގުލް ކްރޯމް ބޭނުންކުރާ މީހުން ގިނަވެއްޖެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

މައިކްރޮސޮފްޓް އިންޓަނެޓް އެކްސްޕްލޯރާ އަށް ވުރެ، ގޫގުލް ކްރޯމް ބޭނުންކުރާ މީހުން ގިނަވެއްޖެ އެވެ.

އިންޓަނެޓް އެކްސްޕްލޯރާ ފަހަތަށް ޖައްސައި، ކްރޯމް ހިންދެމިލާފައި ވަނީ އަހަރުތަކެއްގެ މަސައްކަތުންނެވެ. ކްރޯމް ތަރައްގީކުރަން ގޫގުލުން ކުރިހާ މަސައްކަތެއް އަމާޒުކޮށްފައި ވަނީ ވެސް އިންޓަނެޓް އެކްސްޕްލޯރާގެ ޒަމާން ދުއްވާލުމަށެވެ.

އިންޓަނެޓް އެކްސްޕްލޯރާ މަޝްހޫރުވުމުގައި މައިކްރޮސޮފްޓް ވިންޑޯޒްގެ ދައުރު ބޮޑެވެ. އިންޓަނެޓް އެކްސްޕްލޯރާ އަކީ ވިންޑޯޒްއާ އެކު ލިބޭ ބްރައުޒާއެކެވެ. ވިންޑޯޒް ބޭނުންކުރާ ގިނަ މީހުން، އިންޓަނެޓަށް ވަނުމަށްޓަކައި، އެހެން ބްރައުޒާއެއް ހޯދަން މަސައްކަތްނުކުރާ ސަބަބަކީ އެއީ އެވެ.

މައިކްރޮސޮފްޓް އިންޓަނެޓް އެކްސްޕްލޯރާ އަށް ވުރެ މަޝްހޫރު އަދި ބޭނުންތެރި ބްރައުޒާއަކަށް ކްރޯމް ހެދުމަށްޓަކައި ގޫގުލުން ބުރަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. މަސައްކަތްތަކުގެ މައިގަޑު އަމާޒަކީ ސްޕީޑް ބާރު ބްރައުޒާއަކަށް ކްރޯމް ހެދުމެވެ. ކްރޯމް ޑިވެލޮޕްމަންޓް ޓީމުގެ އަސާސަކީ ވެސް އެއީ އެވެ.

ޑިވެލޮޕަރުންނަށް ވެސް ކްރޯމް ވަރެއް ނެތެވެ. މޮޒިއްލާ ފަޔާފޮކްސް އަށް ވުރެ ވެސް ކްރޯމް ފައްކާވެއްޖެ އެވެ. މައިކްރޮސޮފްޓް އިންޓަނެޓް އެކްސްޕްލޯރާ އަށް މިހާރު ފުރުސަތު އޮތީ ތިންވަނައިގަ އެވެ. ގަބޫލުކުރަން އުނދަގޫ ހަގީގަތެކެވެ.

އިންޓަނެޓް އެކްސްޕްލޯރާ ދެކެ ޑިވެލޮޕަރުން އަބަދު ވެސް ފޫހިވެ އެވެ. މައިކްރޮސޮފްޓަށް އެކަން އެނގެ އެވެ. އިންޓަނެޓް އެކްސްޕްލޯރާގެ ފެންވަރު ރަނގަޅުކުރަން ވެސް މައިކްރޮސޮފްޓުން މަސައްކަތްކުރި އެވެ. އެ ވަރުން ވެސް ޑިވެލޮޕަރުންގެ ރުހުމެއް ނުލިބުނެވެ.

މައިކްރޮސޮފްޓުން ދެން އުފެއްދީ މުޅިން އާ ބްރައުޒާއެކެވެ. އެއީ "މައިކްރޮސޮފްޓް އެޖް" އެވެ. މައިކްރޮސޮފްޓުން ހީކުރީ އިންޓަނެޓް އެކްސްޕްލޯރާ ދެކެ ފޫހިވެފައި ބަޔަކު ތިބި ނަމަ "އެޖް" އަށް ބަދަލުވާނެ ކަމަށެވެ. އެކަމަކު މަސްރަހު ބަދަލުވީ އެ ގޮތަކަށް ނޫނެވެ. އިންޓަނެޓް އެކްސްޕްލޯރާ ދޫކޮށްލައި، މުޅިން އާ ބްރައުޒާއެއް އުފައްދަން އުޅޭ ވާހަކަ އިވުމާ އެކު، ކްރޯމް ބޭނުންކުރާ އާބާދީ އިތުރުވާން ފެށި އެވެ. ފަޔާފޮކްސް ބޭނުންކުރި ބައެއް މީހުން ވެސް ކްރޯމް އަށް ބަދަލުވި އެވެ.

ގޫގުލް ކްރޯމް އަށް ލިބުނު އަމެއް މޮޅަކީ ގޫގުލުން އިސްތިހާރުކުރަން ފެށުމެވެ. ގޫގުލްގެ ބެލެނިވެރިކަމުގައި ހިންގާ ވެބަސައިޓްތަކުގައި، ކްރޯމްގެ މޮޅު ވާހަކަ ދައްކައި، ދުވެލި ބާރު ކަމަށް ބުނަން ފެށި އެވެ. ކްރޯމް އަށް ވުރެ އަތަށް ލުއި، ލޮލަށް ފަސޭހަ ބްރައުޒާއެއް ނެތް ކަމަށް ބުނަން ފެށި އެވެ. މިހާރު އެ ފެންނަނީ އެ މަސައްކަތްތަކުގެ ނަތީޖާ އެވެ.