Roadha Mihaaru
މާނާގަލާގައި ހެޗަރީ އަޅަން ދުބާއީގެ ކުންފުންޏަކަށް

މާނާގަލާގައި "ހެޗަރީ" އެއް އަޅައި، އެ ތަން ހިންގަން 20 އަހަރަށް ދުބާއީގެ ކުންފުންޏަކަށް!

05 ނޮވެމްބަރ 2022

ގއ. މާނާގަލާގައި މަލްޓި ސްޕީޝީސް "ހެޗަރީ" އެއް ހަދައި އެ ތަން ހިންގުމުގެ މަސައްކަތް ދުބާއީގެ ކުންފުންޏަކާ ސަރުކާރުން ހަވާލުކޮށްފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ގއ. މާނާގަލާގައި މަލްޓި ސްޕީޝީސް "ހެޗަރީ" އެއް ހަދައި އެ ތަން ހިންގުމުގެ މަސައްކަތް ދުބާއީގެ ކުންފުންޏަކާ ސަރުކާރުން ހަވާލުކޮށްފި އެވެ.

އެ މަސައްކަތް ހަވާލުކުރީ އެ ގައުމުގެ އަކުއާ ބްރިޖް ގްރޫޕާ އެވެ.

އެ ތަން އިމާރާތްކޮށް ހިންގުމަކީ ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން ފިޝަރީޒް މިނިސްޓްރީން ހިންގާ "ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް" ގެ ތެރޭގައި ހިމެނޭ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން މާނާގަލާގައި އިމާރާތްކުރާ ހުރިހާ އިންފްރާސްޓްރަކްޗާއެއްގެ މަސައްކަތް މިހާރު ވަނީ ނިންމައިފަ އެވެ.

މާނާގަލާގެ ފުރަތަމަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ އޮފީސް އިމާރާތްތަކެއް

މާނާގަލާގެ ފުރަތަމަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ އޮފީސް އިމާރާތްތަކެއް

މަލްޓި ސްޕީޝީސް ހެޗަރީ އަކީ ކަނޑުގެ އެކި ކަހަލަ ދިރުންތައް އާލާކުރުމަށް އަޅާ ފެސިލިޓީއެކެވެ.

ފިޝަރީސް މިނިސްޓްރީން މިދިޔަ މަހުގެ 27 ގައި އަކުއާ ބްރިޖް ގްރޫޕާ ހަވާލުކުރި، ހެޗަރީ އެޅުމާއި ހިންގުމަށް 16 މިލިއަން ޑޮލަރު (246.8 މިލިއަން ރުފިޔާ) އެ ކުންފުނިން ހަރަދުކުރާނެ އެވެ. އެ ރަށުގެ ގާތްގަނޑަކަށް ހަތަރު ހެކްޓަރުގެ ބިން ހެޗަރީ ހެދުމަށް އެ ކުންފުންޏަށް ލިބޭނެ އެވެ.

މިދިޔަ ހަފުތާ ބުރާސްފަތި ދުވަހު ފިޝަރީސް މިނިސްޓްރީން އަކުއާ ބްރިޖް ގްރޫޕާ ހެޗަރީ އެޅުމުގެ މަޝްރޫއު ހަވާލުކުރި ރަސްމިއްޔާތުގެ ތެރެއިން --ފޮޓޯ: ފިޝަރީސް މިނިސްޓްރީ

މިދިޔަ ހަފުތާ ބުރާސްފަތި ދުވަހު ފިޝަރީސް މިނިސްޓްރީން އަކުއާ ބްރިޖް ގްރޫޕާ ހެޗަރީ އެޅުމުގެ މަޝްރޫއު ހަވާލުކުރި ރަސްމިއްޔާތުގެ ތެރެއިން --ފޮޓޯ: ފިޝަރީސް މިނިސްޓްރީ

އަކުއާ ބްރިޖުން ވާހަކަ ދެއްކެވި އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި، އެއްބަސްވުމުގެ ދަށުން ހެޗަރީ އިމާރާތްކޮށް ނިންމަން ޖެހެނީ އެއް އަހަރު ދުވަހުގެ މުއްދަތުގަ އެވެ. އެ ތަން ހިންގުމަށް އެ ކުންފުންޏަށް ދީފައި ވަނީ 20 އަހަރު ދުވަހެވެ.

ހެޗަރީގައި އާލާ ކުރާނީ މައިގަނޑު ގޮތެއްގައި އެމާއި ހުއިފިލަނޑާ އާއި ފާނަ ކަމަށާއި އޭގެ އިތުރުން ވެސް ގިނަ އަދަދެއްގެ މަސްމަހާމެހި އާލާކުރާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އަކުއާ ބްރިޖް ގްރޫޕަކީ އެ ބާވަތުގެ މަސައްކަތްތައް ކުރުމުގައި ދުނިޔޭގައި މަގްބޫލު ކުންފުންޏެކެވެ. "އަކުއަކަލްޗާ" އަދި "ފިޝަރީޒް" ގެ ކަންކަން ހިންގާ ބެލެހެއްޓުމުގެ ތަޖުރިބާ ހުރި އެ ކުންފުނިން މިހާރު ވެސް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އަންނަނީ ބޮޑެތި ހެޗަރީތައް ހިންގަމުންނެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވޯލްޑް ބޭންކުން މިދިޔަ އަންގާރަ ދުވަހު ބޭއްވި ރާއްޖޭގެ ޕޯޓްފޯލިއޯ ހިއްސާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަަވަނީ ---ފޮޓޯ: ނިޝާން އަލީ | މިހާރު

ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވޯލްޑް ބޭންކުން މިދިޔަ އަންގާރަ ދުވަހު ބޭއްވި ރާއްޖޭގެ ޕޯޓްފޯލިއޯ ހިއްސާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަަވަނީ ---ފޮޓޯ: ނިޝާން އަލީ | މިހާރު

ވޯލްޑް ބޭންކުން މިދިޔަ އަންގާރަ ދުވަހު ބޭއްވި ރާއްޖޭގެ ޕޯޓްފޯލިއޯ ހިއްސާކުރުމުގެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވަނީ މާނާގަލާގެ މަޝްރޫއުގެ މުއްދަތު އިތުރު ކޮށްދިނުމަށް އެ ބޭންކުގައި އެދިވަޑައިގެންފަ އެވެ.

އެ މަޝްރޫއުގެ މުއްދަތު އިތުރުކޮށްދޭން އެދިވަޑައިގަތީ ކޮވިޑްގެ ދުވަސްވަރާ ގުޅިގެން ދިމާވި ދަތިތަކާ ހެދި މަޝްރޫއު ކުރިއަށް ގެންދަން ގޮންޖެހުންތަކަކާ ކުރިމަތިވުމުންނެވެ. އެއީ މި އަހަރުގެ ނިޔަލަށް ނިންމަން ހަވާލު ކޮށްފައިވާ މަޝްރޫއެކެވެ.