Roadha Mihaaru
"ސަރުކާރުގެ މިސްރާބު ގޯސް، ޖަވާބުދާރީކުރުވާނަން"

ސަރުކާރުގެ މިސްރާބު ގޯސް، ޖަވާބުދާރީކުރުވާނަން: އެމްއެންޕީ

03 ނޮވެމްބަރ 2022

ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތާ އެކު ވެރިކަން ހިންގަމުންދަނީ ރައްޔިތުންގެ މަސްލަހަތަށް ނުބަލައި އެތައް ގެއްލުމެއް ލިބޭ ގޮތަށް ކަމަށް ބުނެ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތް ފުޅާކުރަން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ރޭ ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތާ އެކު ވެރިކަން ހިންގަމުންދަނީ ރައްޔިތުންގެ މަސްލަހަތަށް ނުބަލައި އެތައް ގެއްލުމެއް ލިބޭ ގޮތަށް ކަމަށް ބުނެ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތް ފުޅާކުރަން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ރޭ ނިންމައިފި އެވެ.

މީގެ ކުރިން ވެސް އެމްއެންޕީން އަންނަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކާއި މަޖިލީހަށް ހުށަހަޅާ ބައެއް ބިލްތަކަށް ނުރުހުންފާޅުކޮށް އަދި ފާޑުކިޔައި ބަޔާންތައް ނެރެމުންނެވެ. އެ ޕާޓީގެ ކައުންސިލުން ރޭ ނިންމީ މި މަސައްކަތް ފުޅާކޮށް، ރައްޔިތުންނަށް ގެއްލުންވާ ކޮންމެ ކަމެއްގައި އެ ޕާޓީގެ ސިޔާސަތު ހާމަކޮށް، ސަރުކާރު ޒިންމާދާރުކުރުވުމަށެވެ.

އެމްއެންޕީގެ ސްޕޯކްސްޕާސަން، ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މިއަދު ވިދާޅުވީ ޕާޓީން ރޭ ނިންމީ ޕޮލިޓިކަލް ޕޮޒިޝަން ކަމަށެވެ. އެއީ، އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ގައުމާއި ރައްޔިތުންނަށް ފައިދާހުރި މަސައްކަތްތަކެއް ކުރުމުގައި ދެމިތިބުން ކަމަށް ވިދާޅުވި އެވެ.

"ބައެއް ކަންކަމުގައި އަޅުގަނޑުމެން ސައިލެންޓްކޮށް ވެސް ކުރިން ތިބެން. އެކަމަކު އަޅުގަނޑުމެންގެ ޕޮލިޓިކަލް ޕޮޒިޝަން ރޭ ޑިކްލެއާކޮށް ނިންމީ ރައްޔިތުންގެ މަސްލަހަތާ ގުޅުން ހުރި ސްޓޭންޑްތައް ނަގަން،" އޭނާ ވިދާޅުވި އެވެ.

އެމްއެންޕީގެ ކޮންގްރެސް ފެށުމުގެ ޖަލްސާގައި ޕާޓީގެ ތަރުޖަމާން ޝިދާތާ ޝަރީފް ވާހަކަ ދައްކަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެމްއެންޕީގެ ކޮންގްރެސް ފެށުމުގެ ޖަލްސާގައި ޕާޓީގެ ތަރުޖަމާން ޝިދާތާ ޝަރީފް ވާހަކަ ދައްކަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޝިދާތާ ވިދާޅުވި ގޮތުގައި ގައުމުގެ މިސްރާބު ހުރި ގޮތާ މެދު ކައުންސިލްގެ މެމްބަރުން ރޭ ކަންބޮޑުވުންފާޅުކުރެއްވި އެވެ. ރައްޔިތުންނަށް ވެފައި ހުރި މުހިއްމު ވައުދުތައް ނުފުދޭ ކަމަށާއި ހާއްސަކޮށް ރައްޔިތުންގެ ފުދުންތެރިކަމަށް މަސައްކަތްނުކޮށް ޓެކްސް ބޮޑުކުރުން ބަލައެއްނުގަނެވޭ ކަމަށް ވިދާޅުވި އެވެ.

އަރަބިއްޔާ ސްކޫލް އިމާރާތްކުރުމުގެ ހޭދަ ބަޖެޓްކޮށްފައި ނުވުމުގެ ކަންބޮޑުވުމުގެ ޖަވާބަށް އިދާރީ އޮޅުމެއް ކަމަށް ބުނުމަކީ ސަރުކާރުގެ ޒިންމާދާރުކަންކުޑަ ޖަވާބެއްގެ ގޮތުގައި ކައުންސިލުން ދެކޭ ކަަމަށް ޝިދާތާ ވިދާޅުވި އެވެ. ބިޔަ ބަޖެޓެއް ހުށަހަޅާފައި އޮތްއިރު، އިޖުތިމާއީ މުހިއްމު ކަންކަަމށް ވެސް ހުރީ ޖާގަ ނުދީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަހަލަ ވަރަށް ބޮޑެތި ކަންބޮޑުވުންތައް އެބަހުރި،" އޭނާ ވިދާޅުވި އެވެ.

އެމްއެންޕީގެ ކައުންސިލްގެ ރޭގެ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް ނާޒިމް ރިޔާސަތު ބަލަހައްޓަވަނީ.---ފޮޓޯ: އެމްއެންޕީ

އެމްއެންޕީގެ ކައުންސިލްގެ ރޭގެ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް ނާޒިމް ރިޔާސަތު ބަލަހައްޓަވަނީ.---ފޮޓޯ: އެމްއެންޕީ

ސަރުކާރު ޒިންމާދާރުކުރުވާނެ ޕާޓީއެއް މިހާތަނަށް ނެތުމަކީ ވެސް ރައްޔިތުންނަށް އެތައް ގެއްލުންތަކެއް ލިބިގެންދިޔަ ކަމެއްގެ ގޮތުގައި ސިދާތާ ދެކެވަޑައިގަންނަވަ އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތަސް އެ ޕާޓީގެ މުޅި އަމާޒު އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތާ ދިމާލަށެވެ. ސިޔާސީ ހަރަކާތްތަކާއި ބަސްބުނުން ފަދަ ކަންކަން ފެންނަނީ އެމަނިކުފާނުގެ ސިޔާސީ މަންފާއާ ގުޅޭ ކަންކަމުގައި އެކަނި ކަމަށް ވިދާޅުވި އެވެ.

"އޮޕޮޒިޝަން ޕާޓީއެއް ނެތް މިހާތަނަށް، އަޅުގަނޑުމެން ޕާޓީގެ އިންތިހާބުތަކަށް ފަހު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަން ނިންމީ. ދެން ފެންނާނީ އެ މަގަށް ޕާޓީން ހަރުދަނާ، ރައްޔިތުންގެ މަސްލަހަތު އިސްކޮށް ފައިދާހުރި މަސައްކަތްތަކެއް ކުރާ ތަން،" އޭނާ ވިދާޅުވި އެވެ.

އެމްއެންޕީން ވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައިފަ އެވެ. އެ ޕާޓީގެ ޓިކެޓް ދޭނެ ބޭފުޅަކު ކަނޑައަޅަން ޖެނުއަރީ 14 ގައި ޕްރައިމަރީ ބާއްވަން ވެސް ފާސްކުރި އެވެ.

އެ ޕާޓީން ރިޔާސީ ރޭހަަށް ނުކުންނަވާނެ ކަަމަށް އެމްއެންޕީގެ ރައީސް އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވަނީ އިއުލާންކުރައްވައިފަ އެވެ.