Roadha Mihaaru
އިންޑިއާ މޮޅުވިއިރު ޕާކިސްތާން ހިތްދަތިގޮތަކަށް ބަލިވެއްޖެ

އިންޑިއާ މޮޅުވިއިރު ޕާކިސްތާން ހިތްދަތިގޮތަކަށް ބަލިވެއްޖެ

28 އޮކްޓޯބަރ 2022

އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕުގައި އިއްޔެ ނެދަލެންޑްސް އަތުން 56 ލަނޑުން އިންޑިއާ މޮޅުވިއިރު، ފަހު ވަގުތު އެއް ލަނޑުން ޒިމްބާބްވޭ އަތުން ޕާކިސްތާން ބަލިވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕުގައި އިއްޔެ ނެދަލެންޑްސް އަތުން 56 ލަނޑުން އިންޑިއާ މޮޅުވިއިރު، ފަހު ވަގުތު އެއް ލަނޑުން ޒިމްބާބްވޭ އަތުން ޕާކިސްތާން ބަލިވެއްޖެ އެވެ.

މި ނަތީޖާތަކާ އެކު މުބާރާތުގެ ސުޕަ 12 ޓީމުގެ ބުރުގެ ގްރޫޕް ދޭއްގެ އެއް ވަނައިގައި ހަތަރު ޕޮއިންޓާ އެކު އޮތީ އިންޑިއާ އެވެ. އެ ޓީމުން ވަނީ ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން މޮޅުވެފަ އެވެ. ގްރޫޕުގެ ދެ ވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ ދެކުނު އެފްރިކާ އެވެ. ޒިމްބާބްވޭ ވެސް ތިން ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު ދެ ޕޮއިންޓާ އެކު ބަންގްލަދޭޝް އޮތީ ހަތަރު ވަނައިގަ އެވެ. ފުލުގައި އޮތް ޕާކިސްތާނާއި ނެދަލެންޑްސް އަށް ޕޮއިންޓެއް ނުލިބެ އެވެ.

ފުރަަތަމަ ދެ މެޗުން ބަލިވުމުން ގަދަފަދަ ޕާކިސްތާނަށް ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު މިވަނީ ހަނިވެފަ އެވެ. ސެމީ ފައިނަލަށް ހޮވޭނީ ކޮންމެ ޓީމަކާ ކޮންމެ ޓީމެއް އެއް ފަހަރު ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

ސިޑްނީގައި އިއްޔެ ނެދަލެންޑްސްއާ ދެކޮޅަށް އިންޑިއާ ކުޅުނު މެޗުގައި އެ ޓީމުން ޓޮސް ދިމާވުމުން ގަސްދުކުރީ ކުޅެން އަރާށެވެ. އިންޑިއާ އިން 20 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 179 ލަނޑު ހެދި އެވެ. އެންމެ މޮޅު ކުޅުމެއް ދެއްކީ ނުބައިނުވެ 44 ބޯޅައިން 62 ލަނޑު ހެދި ވިރާތު ކޯލީ އެވެ.

ނެދަލެންޑްސް ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 123 ލަނޑެވެ.

ޕާތުގައި އިއްޔެ ޒިމްބާބްވޭ އަތުން ޕާކިސްތާން ބަލިވީ ފަހު ވަގުތު ހިތްދަތިކޮށެވެ. ޓޮސް ދިމާވުމުން ކުޅެން އަރައި ޒިމްބާބްވޭ އިން 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން 130 ލަނޑު ދިނެވެ. ޕާކިސްތާނަށް 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 129 ލަނޑެވެ. އެ ޓީމަށް ފަހު ބޯޅައިން ތިން ލަނޑު ހަދައިގެން މޮޅުވެވެން އޮތެވެ. އެކަމަކު ޝާހީން އަފްރީދީ އަށް އެ ބޯޅައިން ދެވުނީ އެންމެ ލަނޑެކެވެ. އަދި ދެ ވަނަ ލަނޑު ހަދަން އަންނަނިކޮށް ޒިމްބާބްވޭ އިން އޭނާ ނުބައިކޮށްލި އެވެ. އެހެން ނޫން ނަމަ މެޗު އެއްވަރުވީހެވެ.

މުބާރާތުގެ ގްރޫޕް އެކެއްގެ އެއް ވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ ނިއު ޒީލެންޑެވެ. ސްރީ ލަންކާ، އިންގްލެންޑް، އަޔަލެންޑް އަދި އޮސްޓްރޭލިއާ އަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. އަފްގާނިސްތާން އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ.

މި ގްރޫޕުގައި މިރޭ އޮސްޓްރޭލިއާ އާއި އިންގްލެންޑުގެ މެޗު އޮންނާނެ އެވެ.