20 އޮކްޓޯބަރ 2022
އެއީ އެ ދުވަހެވެ. މީގެ 35 އަހަރު ކުރިއެވެ. އޭރުގެ ވާހަކަ އެވެ. އޭރު އެ ވާހަކަ ދެއްކީ އަޅުގަނޑެވެ. އެކަމު މިއަދު އެންމެން މި ދައްކަނީ ހަމަ އެ ވާހަކަ އެވެ.
އެއީ އެ ދުވަހެވެ. މީގެ 35 އަހަރު ކުރިއެވެ. އޭރުގެ ވާހަކަ އެވެ. އޭރު އެ ވާހަކަ ދެއްކީ އަޅުގަނޑެވެ. އެކަމު މިއަދު އެންމެން މި ދައްކަނީ ހަމަ އެ ވާހަކަ އެވެ.
އަޅުގަނޑު އެ އެއްޗެއް ހިފައިގެން ނިކުމެ ވިއްކަން އުޅުނު އެއްޗަކީ އޭރު މީހުން ދަންނަ އެއްޗެއް ނޫނެވެ. އެ ދުވަހު އެންމެން ބުނީ އަޅުގަނޑަކީ ބޮޑު މޮޔައެއް ކަމަށެވެ. އަހަރެން އެ ދުވަހު ހިފައިގެން ނުކުތް އެއްޗަކީ އެ ދުވަހު ބަލައިގަނެވުނު އެއްޗެއް ނޫނެވެ. އެންމެ ކުޑަމިނުން ގައުމުގެ އެންމެ ކުރީ ސަފުގައި ތިއްބެވި ބޭފުޅުންގެ ވިސްނެވުން ހުރީ ވެސް އެފަދަ ގޮތަކަށެވެ. އޭރުގެ ވަޒީރަކު ސީދާ އަޅުގަނޑާ ދިމާލަށް ވިދާޅުވި އެއް ވާހަކަ އަކީ މި އެވެ: "ތިޔައީ މިވެނި ބޭފުޅަކު ގެންގުޅުއްވާ މޮޔަ ކުދިންގެ ތެރެއިން ހައްދުފަހަނައަޅާފައިވާ ކުއްޖެކެވެ." -- އެއީ އެ ދުވަހެވެ.
އަޅުގަނޑު އެ ދުވަހު ބުނީ މިހެންނެވެ: "އުޑުގައި ލޯވަޅެއް އެޅިފައި އެބަހުއްޓެވެ! އޯޒޯންފަށަލައިގައި ބާގަނޑެއް ހެދިއްޖެ އެވެ! ދުނިޔޭގެ ހޫނުމިން މައްޗަށްދަނީ އެވެ. ކަނޑުގެ ލޮނުގަނޑު އުފުލި މި ދިވެހިރާއްޖެ ކަހަލަ ފަސްގަނޑު ތިރި ޖަޒީރާ ގައުމުތައް ކަނޑުގެ އަޑިޔަށް ގެނބިގެން ހިނގައިދާނެ އެވެ! މަސްވެރިކަން ކުރުމުގައި އަލަށް ތައާރަފުކުރި ކަންކަމުގެ ސުންޕާކަމުން ކަނޑުތަކުން މަސް ހުސްވަނީ އެވެ. ތަރައްގީގެ ނަމުގައި ރަށްރަށުގެ ހޭޅިތައް ފުނޑުފުނޑުކޮށް ގަސްގަހާގެހި ކަނޑާ ފަޅު ފުންކުރުމާއި ބިން ހިއްކުމުން ރަށް ރަށްގިރުމާއި ބޮޑުރާޅު އެރުން ފަދަ ހާދިސާތަކާ ކުރިމަތިލާން ޖެހެނީ އެވެ."
ހަކަތަ ހޯދުމަށް އަންދާ ތެލުގެ ސަބަބުން ދުނިޔެ ހޫނުވެ ކަނޑުތަކަށާއި ފަރުތަކަށް އަސަރުކޮށް އެންވެރިކަމާއި މަސްވެރިކަމަށް ބުރޫ އަރަނީ އެވެ! ނައިލޯނު ނަނާއި ސިންގަޕޫރު ވަކައިން ތަންތަން ބަނދެ އައްސާ ހެދުން އިތުރު ވަމުންގޮސް އިހު އެވޭލާ ޒަމާނުއްސުރެ މުޅި ދުނިޔޭގައި ވެސް އެންމެ އަގުބޮޑު ދިވެހިންގެ ބޮނބިތެޅުމާއި ރޯނުވެށުމަށް ނިމުން އަންނަނީ އެވެ! ކަނޑުފަޅުތަކުން ވެލާ ކަހަނބާއި މިޔަރު ހުސްވެ ކަނޑު ރޯއްޖަށް ޖެހެނީ އެވެ! ބާޒާރުގައި ހުރި ތަކެތި ބަންދުކުރާން ގެންގުޅުނު ނޫސްކަރުދާހާއި ސުތުލިބޮނޑި އެއްލާލާފައި ޕްލާސްޓިކް ކޮތަޅުގެ ކަންނެތް އަވާގައި ޖެހި ހެއްލިގެން މި ދެވެނީ ގެއްލުމުގެ ތެރެއަށޭ ބުނީމެވެ! ގޮނޑުދޮށުން ވެލި ނުނަގާށޭ، ފަރުފަރުން ގައު ނުނަގާށޭ، ރަށްތައް ގިރާ ހަލާކުވަނިއްޔޭ ގޮވީމެވެ!
ރިސޯޓެއްގެ ގޮނޑުދޮށުގައި މަޑިތަކެއް: ހިމާޔަތްކޮށްފައިވާ މިކަހަލަ އެއްޗިއްސަށް ގޯނާ ކުރުމަކީ މިހާރު މަނާކޮށްފައިވާ ކަމެއް-- ފައިލް ފޮޓޯ/ މިހާރު
މި ގޮވެލިފަތި އަޅުގަނޑު އަޑުގެ ކޮޅަށް ގޮވި ނަމަވެސް މީގެ ގިނަ ގޮވާލުންތަކަކީ ދުނިޔޭގައި ކުރިއަރާފައިވާ އިލްމީ ބޮޑެތި ސައިންސްވެރިން ދެމުންގެންދިޔަ އިންޒަރުތަކެވެ. ހަމަ އެހެންމެ އަޅުގަނޑު އަމިއްލަ އަށް ދުށް ތަންތަނުން ލިބުނު މައުލޫމާތާއި ތަޖުރިބާ އެވެ. އަޅުގަނޑު މި އަޑު އެހި އެކަކު ވެސް އެ ދުވަހަކު ނެތެވެ. އޭގެ ބަދަލުގައި އަޅުގަނޑަށް ކުރިމަތިކުރުވަނީ ބިރުވެރިކަމާއި ޖެއްސުމެވެ. ދެރަސޮރަށް ލޮނުސޮޑަ އެވެ!
ދިވެހިރާއްޖެ އަށް ޓޫރިސްޓުން ގެނައުމަށް އޭރު ކުރާ އިސްތިހާރުތަކުގައި ވެސް ބުނަނީ "ރާއްޖޭގެ ފަރުތަކުގައި ވަރަށް ރީތި ކުލަކުލައިގެ ސިއްހަތު ރަނގަޅު އެތައް ހާސް ވައްތަރެއްގެ މަސް އުޅެއޭ" އެވެ. މި ރާއްޖެ އަށް އަވަހަށް އަންނާށޭ އެވެ. ފަރުމައްޗަށް އެރި މަހަށް ބަޑިޖަހާށޭ އެވެ. ބިގްގޭމް ފިޝިން އަށް ދާން އަންނާށޭ އެވެ. ދޮންވެލިގޮނޑުދޮށުގައި މަސްފިހެލައިގެން މަޖާކޮށްލާށޭ އެވެ.
ދިވެހިވަންތަކަން ދައްކައިދޭން ރިސޯޓްތައް ބިނާކުރީ ރަށްރަށުގެ ފަރު ފުނޑުކޮށްގެން ގާ ނަގައިގެން ތެޅި ގަލުން ކޮޓަރިތައް ރާނައިގެންނެވެ. ކޮންމެ ގެސްޓަކު ފުރައިގެންދާއިރު ދިވެހި ސުވެނިއާއެއްގެ ގޮތުގައި ގެންދިޔައީ ދިވެހި އަންހެނުންގެ ފަށްޓަރުބައިތަކާއި ގޭގައި ހިފައިގެންގުޅުނު ލޯ ކަންވާރުތަކެވެ. ކޮންމެ ގެސްޓެއް ފުރައިގެންދާއިރު ކިހިލިފަތްދަށަށް ޖަހާލާފައި އޮންނަނީ މިނިވަންކަމާ އެކީގައި ދިވެހި ފަޅުތަކުގައި ދުވެ، ގޮނޑުދޮށްތަކަށް ބިސްއަޅަން އެރި ވެލާ ކަހަނބު ދިރިދިރިއޮއްވާ ރަހުމަތްނެތި ފަޅާލައި އެތެރޭގައި ހުރި ހުރިހާ އެއްޗެއް ނަގައި ހުސްކޮށް، ބާފޮއްޗާއި ކަރުދާސް އަޅާ ދެލޮލަށް ދެ ފަސްއޮށް ޖަހާފައި ހިއްކާފައި އޮންނަ ކަހަނބުތޮށިގަނޑެކެވެ. ނޫނީ މިޔަރެއްގެ ހިއްކާފައި އޮންނަ އަނގައެކެވެ. އެ މީހުންގެ ކަރުގައި އަޅާފައި އޮންނަނީ ދިވެހި ކަނޑުތަކުގެ މަޝްހޫރު ކަޅުއެންދެރީގެ އޮށްފައްޗެކެވެ. އިތާމުތްތޮށްޓާއި ބޮޑުމަހުގެ ދަތާއި މިޔަރު ދަތާއި މިހެންގޮސް ކަނޑުފަޅުގައި ލެއްވި ހުރިހާ ދިރުމެއް ޓޫރިސްޓުންނަށް ވިއްކާ ހުސްކުރި އެވެ. މިހެން ގޮސް ކިޔާ ކޮޅުންލާކަށް ނެތެވެ.
އެކަމަކު މިއަދު ނިކަން ދެކިބަލާށެވެ. އެ ދުވަހު ޓޫރިސްޓުންނަށް ވިއްކާ ހުސްކުރި ދިރޭ ތަކެތި، މިއަދު ބައިނަލްއަގުވާމީ ބޮޑު މުއާހަދާއެއްގެ ދަށުން (ސީބީޑީ) ހިމާޔަތްކުރި އެވެ. މިއަދު އޯޒޯންހޯލާއި ގްރީންހައުސް ގޭސްތަކާ، ދުނިޔެ ހޫނުވެ މޫސުމަށް އަންނަ ބަދަލުތަކާ ނޭނގޭ ކުޑަކުއްޖެއް ދޮށީ އުމުރުގެ މީހެއް ނެތެވެ.
އެންމެންގެ ނަޒަރު އެ ދިމާލަކަށް ހުއްޓިފައިވާ ދިމާލަކީ އެ ދުވަހު "މީމުޒަވިޔަނި" އެންމެންގެ ކުރިމަތީގައި ވިއްކަން ހިނގި "ތިމާވެއްޓެވެ". "އަޅުގަނޑުމެންގެ މާހައުލެވެ". އެއްކަހަލަ މަސްމަރާ ބަޑިތައް މިއަދަކު ނެތެވެ. މިއަދު ޓޫރިސްޓުން އަންނަނީ އެއްކަހަލަ ރީތި މަސްތަކުގެ ހަރަކާތްތައް ބަލައި، އެސޮރުމެންނާ އެކު ފަތާލާ ފީނާލާށެވެ. ބާބެކިއު ހެދި ގޮނޑުދޮށްތަކުގައި ފުރޮޅިލާށެވެ. މިޔަރާއި ވެލާ ކަހަނބު ދިރިއުޅޭ މާހައުލަށް ޒިޔާރަތް ކޮށްލާށެވެ.
މިއަދު ކޮންމެ ރިސޯޓަކީ "ތިމާވެއްޓާ ރައްޓެހި" ރިސޯޓަކަށް ހަދަން މަޖުބޫރުވެއްޖެ އެވެ. ރިސޯޓްތަކާއި ހޮޓާތަކުން ފެންނަނީ ރޮބިންސަން ކްރޫސޯ ސްޓައިލެވެ. ދިވެހިރާއްޖޭގައި ކުރިނާރާނެ ކަމަށް ބުނި ޓޫރިޒަމް މިއަދު ދުނިޔޭގެ އެއްވަނައަށް ހިއްލިފައިއެވަނީ "ތިމާވެށި ހިމާޔަތް" ކުރުމަށް ކޮށްފައިވާ މަސައްކަތްތަކުގެ ސަބަބުންނެވެ. ހަގީގަތަށް ބުނާ ނަމަ އަދިވެސް ފެންނަ ފެނުން ކިތަންމެ "ތިމާވެއްޓާ ރައްޓެހި" ކަމަށް ފެނުނު ނަމަވެސް ހަގީގަތުގައި "ތިމާވެށި" ހިމާޔަތެއް ނުކުރެ އެވެ. ފަޅުތައް ހިއްކައިގެން ރިސޯޓްތައް ތަރައްގީކުރާއިރު ގުދުރަތީ ގޮތުން ފުރިހަމަވެފައިވާ އެތައް ރަށެއް ނޮޅާ ސުންނާފަތިކޮށްގެން ބޮޑެތި ބިޔަ ގަސްތަކާއި ދިގު ރުށްތައް ފޭރިގެން ގެނަސް ދުވަސްވީ ރަށެއްގެ ގޮތުގައި ޓޫރިސްޓުންނަށް އޮޅުވާލަނީ އެވެ. މިއަދު ރާއްޖޭގެ ޗާޓުތައް ބަލާލީމާ ދިމަލެއް ނުވާނެ އެވެ.
ރިސޯޓެއްގެ މޫދުގައި މީހަކު އުފާ ކުރަނީ: ތިމާވެށީގެ މައްސަލަތަކަކީ ހަގީގަތް އޮތް ވާހަކަތަކެއް -- ފައިލް ފޮޓޯ: މިހާރު
މިއަދު ރަށްތައް ގިރަނީ އެވެ. މަސްވެރިންގެ ހޮޅުއަށިތައް ގިރާލައިގެން ވެއްޓިއްޖެ އެވެ. އަތިރިމަތީގައި ހުރި ގޯތިތަކުގެ މަގުފާރު ގިރާލައިގެން ވެއްޓިއްޖެ އެވެ. އުދައަރަނީ އެވެ. ބޮޑުރާޅުއަރަނީ އެވެ. ހޫނު މޫސުން ދިގުލާ ގޮސް ރަށްތައް ބޯފެނަށް ޖެހެނީ އެވެ. ޕްލާސްޓިކުން މިއުޅެނީ ސަލާމަތް ނުވެގެންނެވެ. ކަނޑުތަކުގައި މައިކްރޯޕްލާސްޓިކް ގިނަވެ އެންމެ ފަހުން އިންސާނުންގެ ހަށިގަނޑަށް ވެސް ޕްލާސްޓިކް ވާސިލު ވީއެވެ. ދެން ކިތަންމެ ބާރަށް ޒީރޯޕްލާސްޓިކޭ ގޮވިޔަސް ޕްލާސްޓިކާ ނުލާ ނޫޅެވޭ ހިސާބަށް މިއޮތީ ގޮސްފަ އެވެ. މަސްވެރިކަމާއި އެންވެރިކަމަށް ނޭދެވޭ އަސަރުކޮށް މަސް ނުބޭނޭ ދުވަސްތަކާއި އެން ނުލިބޭ ދުވަސްތައް ގިނަވެއްޖެ އެވެ.
މި އަހަރުގެ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ޝިއާރަކީ "ރީ ތިންކް- ޓޫރިޒަމް" އެވެ. ދުނިޔޭގެ ޓޫރިޒަމް ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޒުރާބު ޕޮލޮލިކަޝްވިލީ ވިދާޅުވީ ކުރީ ޒަމާނުގައި ޓޫރިޒަމް ފެށިގެން އައިއިރު ގެންގުޅުނު އާދަތަކާއި ވައްޓަފާޅި މި ޒަމާނަށް ނުފެތޭ ކަމަށާއި، ބަދަލުކުރަން ޖެހިއްޖެ ކަމަށެވެ. މިއަދު އިންސާނުންނަށާއި ދިރޭ ތަކެއްޗަށާ ދުނިޔެ އަށް ގެއްލުން ލިބޭ ފަދަ ކަންކަމާ ދުރުހެލިވެ، "ތިމާވެއްޓާ ރަށްޓެހި" ގޮތްތައް ހޯދަން ޖެހިއްޖެ ކަމަށެވެ. ރާއްޖޭގެ ޓޫރިޒަމް ވެސް މިއަދަށް ވުރެ ކުރިއަށް ދާނީ އަސްލާ އެއްގޮތަށް، ހަގީގަތުގައި ވެސް "ތިމާވެއްޓާ ރައްޓެހި" ވެގެންނެވެ. ރަނގަޅުކުރަން ޖެހޭ އަދިވެސް ކިތަންމެ ކިތަންމެ ކަމެކެވެ.
މުހައްމަދު ޒާހިރު (މީމު ޒަވިޔަނި)
އެޑިޓަރުގެ ނޯޓް: މީމުޒަވިޔަނި އަކީ ތިމާވެއްޓަށް އާންމުން ހޭލުންތެރި ކުރުވުމަށް ޓަކައި މީގެ އެތައް އަހަރެއް ކުރިން ފެށިގެން ލިޔުއްވަމުން ގެންދަވާ ބޭފުޅެކެވެ. ތިމާވެއްޓަށް ހިދުމަތް ކުރެއްވުމަށް އަމިއްލަ ޖަމިއްޔާއެއް މިހާރު ވެސް އޭނާ އަންނަނީ ހިންގަވަމުންނެވެ. އޭނާ އަކީ ތިމާވެއްޓަށް ހިދުމަތް ކުރުމުގެ ގޮތުން ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ވެސް އެވޯޑު ހޯއްދަވައިފައިވާ ބޭފުޅެކެވެ.
"ޓޫރިޒަމް ކުރިއަރުވާނީ ތިމާވެށި ރައްކާތެރިކޮށްގެން"
ގަވާއިދާ ހިލާފަށް ގޮނޑުދޮށް ހިމާޔަތް ކުރުމުން ޖޫރިމަނާ
ބިންގަލުގައި އަމިއްލަ އަށް ފުރޮއިން ތަޅަނީ ކީއްވެ؟
ޑައިވިން ސައިޓްތަކުގެ ހިމާޔަތުގައި
ޓޫރިސްޓުން ފިނޮޅުތަކުގައި، ދޫނިތައް ނުޖެއްސި ބޯމަތީގައި
މިއީ ސަމާސާ އަކަށް ވުރެ ބޮޑު ވާހަކައެއް!
މޫދަށް ކުނި އުކާލުން އެހާމެ ފަސޭހަ!
މިޔަރުތައް މި އުޅެނީ ކިހިނެއް ވެގެން؟
ރެދަން ބަަލަން ގޮސް ހުޅުމާލޭ ބީޗު ފުރާލައިފި
ރާއްޖޭން ޓައިގާ ދިނީ ތިމާވެށި ހިމާޔަތްކުރުމުގެ މެސެޖު