Roadha Mihaaru
ސަރުކާރުން ސަރުކާރު ޖޫރިމަނާ ކުރުން ހަމަޖެހޭތަ؟

ސަރުކާރުން ސަރުކާރު ޖޫރިމަނާ ކުރުން: ހަމަޖެހޭ ކަމެއްތަ؟

20 އޮކްޓޯބަރ 2022

އައްޑޫ ސިޓީ މަރަދޫ-ފޭދޫ ބަނދަރު ހެދުމުގެ މަޝްރޫއަށް ދޫކޮށްފައިވާ "ތިމާވެށީގެ ގޮތުން ނިންމާ ލިޔުން"އާ ހިލާފަށް މަސައްކަތްތަކެއް ކުރި ކަމަށް ބުނެ އީޕީއޭއިން ވަނީ މިދިޔަ ހޯމަ ދުވަހު ޕްލޭނިން މިނިސްޓްރީ 120،000ރ.އިން ޖޫރިމަނާ ކޮށްފަ އެވެ. އީޕީއޭއިން ނެރުނު ބަޔާނުން އެނގޭ ގޮތުގައި މިއީ މިނިސްޓްރީން އީއައިއޭ ގަވައިދާ ހިލާފަށް އަމަލު ކުރި ތިން ވަނަ ފަހަރެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އައްޑޫ ސިޓީ މަރަދޫ-ފޭދޫ ބަނދަރު ހެދުމުގެ މަޝްރޫއަށް ދޫކޮށްފައިވާ "ތިމާވެށީގެ ގޮތުން ނިންމާ ލިޔުން"އާ ހިލާފަށް މަސައްކަތްތަކެއް ކުރި ކަމަށް ބުނެ އީޕީއޭއިން ވަނީ މިދިޔަ ހޯމަ ދުވަހު ޕްލޭނިން މިނިސްޓްރީ 120،000ރ.އިން ޖޫރިމަނާ ކޮށްފަ އެވެ. އީޕީއޭއިން ނެރުނު ބަޔާނުން އެނގޭ ގޮތުގައި މިއީ މިނިސްޓްރީން އީއައިއޭ ގަވައިދާ ހިލާފަށް އަމަލު ކުރި ތިން ވަނަ ފަހަރެވެ.

އީޕީއޭއިން ޕްލޭނިން މިނިސްޓްރީ ޖޫރިމަނާ ކުރުމަކީ ބައެއް އާންމުންގެ މެދުގައި ސުވާލު އުފެދުނު ކަމެކެވެ. އީޕީއޭއަކީ ސަރުކާރުގެ މިނިސްޓްރީއެއްގެ ދަށުން އޮންނަ އެޖެންސީއަކަށް ވާއިރު، އެ އެޖެންސީން، ސަރުކާރުގެ ހަމަ އެހެން މިނިސްޓްރީއެއް ޖޫރިމަނާ ކުރުމުން ޖެހެނީ ކޮންތާކުތޯ އެ މީހުން ސުވާލު އުދެއްދި އެވެ.

އީޕީއޭއަކީ އެއްވެސް މިނިސްޓްރީއެއްގެ ދަށުގައި ނެތް، މިނިވަން މުއައްސަސާއެއް ނަމަ އީޕީއޭ އިން ސަރުކާރުގެ ފަރާތެއް ޖޫރިމަނާ ކުރުން ވާނީ މުޅިން އެހެން ކަމަކަށެވެ. އެކަމަކު، ބައެއް މީހުން ސިފަ ކުރާ ގޮތުގައި އީޕީއޭއިން ސަރުކާރުގެ މިނިސްޓްރީއެއް ޖޫރިމަނާ ކުރުމުން އެއީ ސަރުކާރުން ސަރުކާރު ޖޫރިމަނާ ކުރުމެވެ. އެއީ އެއްވެސް ނަތީޖާއެއް ނެތް ބޭކާރު ފިޔަވަޅެއް ކަމަށް އެ މީހުން ދެކެ އެވެ.

މިނިސްޓްރީއެއް ޖޫރިމަނާ ކުރެވިދާނެތަ؟

އީޕީއޭއިން ޕްލޭނިން މިނިސްޓްރީ ޖޫރިމަނާ ކުރުމުގައި ހުރި ހަމަނުޖެހޭ ކަންތައްތައް ގާނޫނީ ވަކީލު ހަމްޒާ ލަތީފު ކިޔައިދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ މިނިސްޓްރީތަކަކީ ދައުވާ ކުރުމާއި ދައުވާ ލިބުމާއި، ކޮންޓްރެކްޓު އުފެއްދުން ފަދަ ކަންކަން ކުރެވޭނެ ގާނޫނީ ވަކި ޝަހުސުތަކެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި މިނިސްޓްރީތަކަކީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާ ވަކި ހާއްސަ މެންޑޭޓުތަކެކެވެ.

ކުށެއް ކުރެވޭނީ ނުވަތަ ގޯހެއް ހެދޭނީ ވެސް ވަކި ގާނޫނީ ޝަހުސަކަށެވެ. އެއީ އަމިއްލަ ފަރުދަކަށް ވިޔަސް ނުވަތަ ކުންފުންޏަކަށް ވިޔަސް އެވެ. ހަމްޒާ ވިދާޅުވި ގޮތުގައި، ގާނޫނީ ޝަހުސަކަށް ނުވާ ފަރާތެއް ކުށެއް ކޮށްގެން ކަމަށް ބުނެ ޖޫރިމަނާ ކުރުމަކީ ގާނޫނީ ގޮތުން ދެކޮޅު ޖެހޭ ކަމެއް ނޫނެވެ.

އައްޑޫ މަރަދޫ-ފޭދޫ ބަނދަރު ހަދައި ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން އާއި އައްޑޫގެ މޭޔަރު އަލީ ނިޒާރު

އައްޑޫ މަރަދޫ-ފޭދޫ ބަނދަރު ހަދައި ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން އާއި އައްޑޫގެ މޭޔަރު އަލީ ނިޒާރު

"ގާނޫނީ ޝަހުސިއްޔަތެއް ނެތް ފަރާތަކަށް އަދަބެއް ވެސް ނުދެވޭނެ. ގާނޫނީ ޝަހުސިއްޔަތެއް ނެތް ފަރާތަކީ އެއްވެސް އަމަލެއް ކުރެވޭނެ ފަރާތެއް ނޫންތާ. އެހެންވީމަ ލީގަލީ ސްޕީކިން އެފަދަ ފަރާތެއް ޖޫރިމަނާ ކުރެވޭނެ ކަމަށް ބުނުމަކީ ދެކޮޅު ޖެހޭ ލޮޖިކަލް ވާހަކައެއް ނޫން." ހަމްޒާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޭރު އެހެން ގައުމުތަކުގައި ގާނޫނީ ބޭނުމަށް ސަރުކާރަށް ވެސް އޮންނަނީ ގާނޫނީ ޝަހުސިއްޔަތު ގާނޫނުން ދީފަ އެވެ. އެހެންނަމަވެސް، ރާއްޖޭގައި މިއަދާ ހަމައަށް އެހެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ވަކީލު ހަމްޒާ ކުރެއްވި ޓްވީޓެއް

ގާނޫނު އަސާސީގައި ދިވެހި ދައުލަތް ތަމްސީލު ކުރުމުގެ ބާރު ހަވާލުކޮށްފައި އޮންނަނީ އެޓާނީ ޖެނެރަލްގެ އޮފީހާ އެވެ. އެޓާނީ ޖެނެރަލްގެ އޮފީހުން މިނިސްޓްރީތައް ތަމްސީލު ކުރާއިރު، އެފަދަ މައްސަލަތަކުގައި ވެސް ދައުވާ ލިބެނީ "ދިވެހި ދައުލަތުގެ" މައްޗަށްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ކުރިން ސްޕެޝަލް އިކޮނޮމިކް ޒޯންގެ ލީީގަލް ޑިރެކްޓަރަކަށް ހުންނެވި ހަމްޒާ ވިދާޅުވީ ގޮތުގައި، މިއީ އިންވެސްޓަރުން ހޯދުމުގައި ވެސް ރާއްޖެއަށް އުނދަގޫވާ ކަމެކެވެ. ކޮންޓްރެކްޓުތަކަށް ވަންނަ އިރު "ގަވަމެންޓް އޮފް މޯލްޑިވްސް"ގެ ނަމުގައި އެއްބަސްވުން ހަދާތީ އެކަމާ ބެހޭގޮތުން އިންވެސްޓަރުން ސުވާލު އުފައްދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އެއްބަސްވުމާ މެދު ހިލާފު އުފެދި ޒިންމާ ނަގަން ޖެހިއްޖެ ހާލަތެއްގައި އެފަދަ ކަންކަން މުހިންމުވާނެތީ އެވެ.

އެއްވެސް ބޭނުމެއް ހިފޭތަ؟

ސަރުކާރުގެ އެއް އޮފީހުން އަނެއް އޮފީސް ޖޫރިމަނާ ކުރުމުން އެކަމުގެ ބުރަ ވެސް އުފުލަން ޖެހެނީ ދިވެހި ރައްޔިތުންނެވެ. މިނިސްޓްރީއެއް ޖޫރިމަނާ ކުރުމުން އެ ޖޫރިމަނާ ދައްކަން ޖެހެނީ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިންނެވެ. ބަޔަކު ކުރަން ޖެހޭ މަސައްކަތް އުސޫލާ ހިލާފުވުމުން ގޯސްކޮށް ކުރި އަމަލެއްގެ ޒިންމާ ރައްޔިތުން އުފުލަން ޖެހުމަކީ ރަނގަޅު ގޮތެއް ހެއްޔެވެ؟

ކަމެއް ގޯސްކޮށް ހިނގުމުން ފިޔަވަޅެއް އަޅަނީ ވެސް ވަކި ބޭނުމެއްގަ އެވެ. ގޯސްކޮށް ކުރެވުނު ކަމަކަށް އަދަބެއް ދިނުމަކީ އެއް ސަބަބެވެ. ބޭނުމަކީ އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމެވެ. އުސޫލުތަކާ އެއްގޮތަށް އަމަލު ކުރުމަށް ބާރު އެޅުމެވެ.

ހުއްދައާ ހިލާފަށް މަސައްކަތް ކުރުމުން ސީދާ މިނިސްޓްރީ އަށް ފިޔަވަޅު އެޅުމުން އޫސޫލާ ހިޔާފަށް މަސައްކަތް ކުރި މީހުން ޒިންމާދާރު ނުކުރެވޭކަން ހަމްޒާ ވެސް ފާހަގަކުރެއްވި އެވެ. އަދި އޭގެ ބަދަލުގައި ފިޔަވަޅު އެޅިގެންދަނީ ޓެކްސް ޕޭޔަރުންނަށް ކަމަށާއި އެއީ ޓެކްސް ޕޭޔަރުން އުފުލަން ޖެހޭ ބުރައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"މާދަމާ ވެސް ކޮންޓްރެކްޓަރެއް ވަކި މަސައްކަތެއް ކުރަން ހަޔާކޮށްފައި އެ ކޮންޓްރެކްޓަރުގެ ފަރާތުން ކުރާ ކަމަކުން ނުވަތަ ކޮންޓްރެކްޓަރު އިރުޝާދު ދިން ބަޔަކު ކުރި ކަމެއްގެ ސަބަބުން، ހަމައެކަނި އޭގެ ނަތީޖާއަކީ މިނިސްޓްރީގެ އެކައުންޓުން އީޕީއޭގެ އެކައުންޓަށް ލާރިކޮޅެއް ޓްރާންސްފާ ކުރުން ކަމަށްވަންޏާ މިއީ އެއްވެސް ގޮތަކަށް ފަރުވާތެރިވެގެން އެޅޭ ފިޔަވަޅެއް ނޫން." ހަމްޒާ ވިދާޅުވި އެވެ.

ސ. މަރަދޫފޭދުގެ ބަނދަރުގެ މަތިން ނަގާފައިވާ ފޮޓޯއެއް: އެ ބަނދަރު ހެދުމުގައި ހުއްދައާ ހިލާފަށް މަސައްކަތް ކުރި ކަމަށް ބުނެ އީޕީއޭއިން ވަނީ ޕްލޭނިނިް މިނިސްޓްރީ ޖޫރިމަނާކޮށްފައި

ސ. މަރަދޫފޭދުގެ ބަނދަރުގެ މަތިން ނަގާފައިވާ ފޮޓޯއެއް: އެ ބަނދަރު ހެދުމުގައި ހުއްދައާ ހިލާފަށް މަސައްކަތް ކުރި ކަމަށް ބުނެ އީޕީއޭއިން ވަނީ ޕްލޭނިނިް މިނިސްޓްރީ ޖޫރިމަނާކޮށްފައި

ހަމްޒާ ފާހަގަކުރެއްވި ގޮތުގައި، މިއީ އެއްވެސް ނަތީޖާއެއް ނުކުންނަ ކަމެއް ނޫނެވެ. މިއީ ހަމައެކަނި ފިނޭންސް މިނިސްޓްރީިން އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާކޮޅެއް ޖަމާކޮށްލުމެވެ.

ފިޔަވަޅު އަޅަންވީ އިސްވެރިންނަށް

މަޝްރޫއެއް ހިންގާ މިނިސްޓްރީއަކުން އެ އެ މަޝްރޫއެއް ހަވާލު ކުރަނީ ކޮންމެވެސް ކޮންޓްރެކްޓަރަކާ އެވެ. ޕްލޭނިން މިނިސްޓްރީން މަސައްކަތެއް ކޮންޓްރެކްޓަރާ ހަވާލު ކުރުމުން، އީޕީއޭގެ އެންގުމާ ހިލާފަށް ނުވަތަ އެއްގޮތަށް ވެސް އެ މަސައްކަތެއް ކުރަން ހުންނާނީ އެ ކޮންޓްރެކްޓަރެވެ. އައްޑޫ މަަރަދޫ-ފޭދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏެކެވެ.

ހަމްޒާ ދެކެވަޑައިގަންނަވާ ގޮތުގައި މިފަދަ މައްސަލަތަކުގައި ފިޔަވަޅު އަޅަން ޖެހެނީ އެ މަސައްކަތެއް ގޯސްކޮށް ކުރި ކޮންޓްރެކްޓަރަށެވެ. ވަކިން ހާއްސަކޮށް، އީޕީއޭގެ ޝަރުތުތަކާ ހިލާފަށް މަސައްކަތް ކުރިއަށްގެންދިޔަ، ޒިންމާދާރު މަގާމުތަކުގައި ތިބި މީހުންނެވެ.

މުވައްޒަފުން ކުރާ ކަންތައްތަކަށް ވެރިން ޒިންމާ ނަގަން ޖެހޭ "ވައިކޭރިއަސް ލައިބިލިޓީ"ގެ އުސޫލުން މިފަދަ ކަންކަމުގައި ޒިންމާ އުފުލަން ޖެހޭނީ މަސައްކަތާ ހަވާލުވެގެން ތިބި އިސްވެރިން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އަދި މިއީ ޓެކްސް ޕޭޔަރުން އެކަމުގެ ޒިންމާ އުފުލަން ޖެހޭ ގޮތަށް އޮންނަން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އެ މަސައްކަތް ކުރި ފަރާތްތަކުން އީޕީއޭއިން ކަނޑައަޅައިވާ މިންގަނޑަކާ އެއްގޮތަށް އަމަުލުނުކޮށްފި ނަމަ އެ ޒިންމާ ނަގަން ޖެހޭނީ އެ މަސައްކަތް ކުރި ފަރާތުން. ނޫނީ އެ މަސައްކަތް ކުރި ފަރާތްތަކަށް އިރުޝާދު އިހުމާލެއް ވާނަމަ އެ ފަރާތްތަކުން." ހަމްޒާ ވިދާޅުވި އެވެ.

އީޕީއޭިއިން ޕްލޭނިން މިނިސްޓްރީ ޖޫރިމަނާ ކުރުމާ ގުޅިގެން އާންމު މީހަކު ކުރި ޓްވީޓެއް

"ހަމަ ގައިމުވެސް ޓެކްސް ޕޭޔާ ލައިބިލިޓީ އުފުލަންޖެހޭ ބާވަތުގެ ބްރީޗަކަށް ވެގެން ނުވާނެ."

އީޕީއޭއިން ތަހުގީގުކޮށް ބަލަން ޖެހެނީ އީޕީއޭއިން ދޫކުރި ތިމާވެށީގެ ގޮތުން ނިންމި ގޮތުގެ ލިޔުމާ ހިލާފަށް ކުރީ ކޮން ކަމެއްތޯ އާއި އެކަމެއް ކުރަން އިރުޝާދު ދިނީ ކޮން ބައެއްތޯ އެވެ. އެ ގޯހެއް ހެދުމުގައި ޝާމިލުވި ބަޔަކަށް ފިޔަވަޅު ނާޅާނަމަ އެ މީހުންނަށް އަަދަބެއް ލިބިނު ކަމުގެ އިހުސާސް ކުރެވޭ ހެއްޔެވެ؟ ކަމެއް ގޯސްކޮށް ކުރި ކަމުގެ އިހުސާސް ކުރެވި ހަގީގަތުގައި އެފަދަ ކަންކަން ނުކުރުމަށް ބާރު އެޅޭ ހެއްޔެވެ؟